ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 15:11
ހުޅުމާލޭގައި ސީ ލައިފް އިން ތަރައްގީކުރަން ބުނި ފްލެޓްތަކުގެ ކުރެހުމެއް
ހުޅުމާލޭގައި ސީ ލައިފް އިން ތަރައްގީކުރަން ބުނި ފްލެޓްތަކުގެ ކުރެހުމެއް
މުހައްމަދު ޝަރުހާން
ސީލައިފް ގްލޯބަލް
ސީ ލައިފް ގްލޯބަލް އިން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައި، ފްލެޓްތަކަށް ވީނުވީއެއް ނޭންގިފައި!
 
ގިނަ ބަޔަކު ވަނީ 1.5 މިލިއަން ރުފިޔާ ސީ ލައިފް އަށް ދައްކާފައި
 
ޖުމްލަ 3.4 މިލިއަން ރުފިޔާ ފްލެޓަށް ދައްކަން ޖެހޭ
 
ފައިސާ ދެއްކި ފަރާތްތަކުގެ ފައިސާ ނުލިބިގެން ކަންބޮޑުވެފައި

ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ފްލެޓް އެޅުމަށް ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ވީނުވީއެއް ނޭނގުމުގެ ސަބަބުން، އެތަނަށް ފައިސާ ދެއްކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަދެއްކި ފަރާތަކުން ބުނީ، އޯގަސްޓް 2017 ގައި ބުކިންގ ފީއެއްގެ ގޮތުގައި 50،000ރ. ދައްކާފައިވާ ކަމަށާއި އަދި 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑައުންޕޭމެންޓްގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

އޭނާ ބުނީ މިއަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހު އެޕާޓްމެންޓް ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވި ހަވާލު ކުރެވިގެންދާނެ ކަމަށް ސީ ލައިފް އިން ބުނެފައިވީ ނަމަވެސް އެގޮތަށް ސޮއި ކުރެވިފައިނުވާ ކަމަށެވެ. އަދި އެ އަށް ފަހު ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ކުޑަވުމުން އަނބުރާ ފައިސާ ހޯދުމަށް އެތައް ފަހަރެއްގެ މަތިން ސީ ލައިފް ކުންފުންޏަށް ދިޔަ ނަމަވެސް ފައިސާ ލިބޭ ގޮތް ވެފައިނުވާ ކަމަށެވެ.

"އަޅުގަނޑު ގާތްގަނޑަކަށް ކޮންމެ ހަފްތާއަކު މިދިޔަ ރަމަޟާން މަހުން ފެށިގެން ދަން. ފައިސާ ބަލާ އެހެން ދުވަހަކު އައުމަށް ބުނަނީ. ދުވަހަކު ފައިސާ ލިބޭ ތަނެއް ނާދޭ. އަޅުގަނޑަކީ ވަޒީފާއެއް އަދާކުރާ މީހެއް ނޫން. އަޅުގަނޑަކަށް ލިބިފައި އިންނަ އެއްކޮޓަރީގެ ކުޑަ އެޕާޓްމެންޓެއް ކުއްޔަށް ދީގެން މިދިޔަ ދިހަ އަހަރު އެއްކުރި ފައިސާ އެއީ. ފައިސާ ހޯދޭތޯ ގިނަ މަސައްކަތްތަކެއް ކުރެވޭ. އެތަނަށް ދާ އިރު ސީލައފުގައި އެހެން ފަރާތްތަކުންވެސް ތިބޭ ފައިސާ ނުލިބިގެން،" އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގައިވާ ގޮތުން ޖުމްލަ 3.4 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ.

ސީ ލައިފް މޯލްޑިވްސް އާއި ދުބާއީގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓާއި އޮފީސް ތަރައްގީ ކުރުމަށް ހައުސިންގ ޑިވެލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެގްރީމެންޓްގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ތިން ބިމެއްގައި 800 އާއި 1000 އާ ދެމެދުގެ އަދަދެއްގެ ފްލެޓެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިރު މުޅި މަޝްރޫއުގެ ދިގުމިނަކީ ފަސް އަހަރެވެ. އެ ހާސް ފްލެޓް ވިއްކަން މާކެޓަށް ހުޅުވާލުމުން ވަރަށް ގިނަ ބަޔަކު ވަނީ ކިޔު ޖެހިގެން އެ ތަނުން ފްލެޓް ގަނެފައެވެ. އަދި ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ސީ ލައިފް ކުންފުނިން ވަނީ އެތައް މިލިއަން ރުފިޔާއެއް މީހުން އަތުން ނަގައިފައެވެ. 

މި މަޝްރޫއުގެ ބިންގާ އަޅުއްވާދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. މިއަހަރު ނިމުމުގެ ކުރިން ފްލެޓްގެ މަސައްކަތް ނިންމައި ހަވާލު ކުރާނެ ކަމަށް ސީ ލައިފް އިން މީގެ ކުރިން ބުނެފައިވާ އިރު ފްލެޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި މާ ބޮޑު މަސައްކަތްތަކެއް ކުރަމަކުން ނުދެއެވެ. 

ސީލައިފް އިން ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތަކުން ބުނީ، އެގްރީމެންޓާ އެއްގޮތަށް ކަންކަން ނުދާ އިރު މަސައްކަތް ލަސްވެގެންދާ ސަބަބުތަކެއް ވެސް އެ ކުންފުނިން ހާމަނުކުރާ ކަމަށެވެ. މިއީ ރައްޔިތުންނަށް ދޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި ފްލެޓަށް ދެއްކި ފައިސާ އެކުންފުނިން އިންތިހާއަށް ލަސް ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހައުސިންގ މިނިސްޓްރީގެ ދަށުން އެފަދަ އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދާ ކަމަށެވެ. މިކަމާ ގުޅިގެން އެޗްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
4%
67%
4%
25%
ކޮމެންޓް
12 އޯގަސްޓް 2018 | އާދީއްތަ 12:58
ރައްޔިތުމީހާ
"އަޅުގަނޑު ގާތްގަނޑަކަށް ކޮންމެ ހަފްތާއަކު މިދިޔަ ރަމަޟާން މަހުން ފެށިގެން ދަން. ފައިސާ ބަލާ އެހެން ދުވަހަކު އައުމަށް ބުނަނީ. ދުވަހަކު ފައިސާ ލިބޭ ތަނެއް ނާދޭ. އަޅުގަނޑަކީ ވަޒީފާއެއް އަދާކުރާ މީހެއް ނޫން. އަޅުގަނޑަކަށް ލިބިފައި އިންނަ އެއްކޮޓަރީގެ ކުޑަ އެޕާޓްމެންޓެއް ކުއްޔަށް ދީގެން މިދިޔަ ދިހަ އަހަރު އެއްކުރި ފައިސާ އެއީ."