ހަރަދު ބޮޑުކޮށް މަޝްރޫއުތައް ކުރިއަށްގެންދަނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތްތައް ނިންމަންޖެހޭތީ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ގއ.ކޮނޑޭގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަރަދުކޮށް ދަނޑިފަނުން ކަންކަން ނުކުރެވޭނެ ކަމަށާއި ކަންކަން ކުރެވޭނީ ފެންވަރު ރަގަޅަށް ކަމަށެވެ. އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތެއް އަޅާ ކަމުގައިވާނަމަ ހަރަދުތަކެއް ހިނގާނެ ކަމަށާއި އެހެން ނަމަވެސް އެއަށް ވުރެ ހަރަދު ކުޑަކޮށް ކުރާކަމުގައިވާ ނަމަ އެތަށް ދުވަހެއް އެފަދަ މަސައްކަތެއް ކުރުމަށް ނަގާނެ ކަމަށެވެ.
"ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ނިންމަން، އަޅުގަނޑުމެންގެ އަތުގައި ހުރި ޑްރެޖަރ ބޭނުންކޮށްގެން އެކަންކަން ކުރަން ތިބީމު. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް 9 އަހަރު ނެގި. ނުވަ އަހަރުން ނިންމި ހުޅުމާލެއަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށް ނެގީ ނުވަ ހަފްތާ. ނުވަ އަހަރުން ތަނެއް ހިއްކާ ކަމުގައިވާ ނަމަ އަޅުގަނޑުމެންނަށް ޒުވާނުންގެ ސަހަރު ހިއްކާލެވޭނެތޯ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރު މުއްދަތުގެ ތެރޭގައި ހުޅުމާލެ ނުހިއްކި ނަމަވެސް އިތުރު ނުވަ އަހަރު ވަންދެން އެތަން ހިއްކަން ހުންނަން ޖެހޭނެ ކަމަށެވެ. އަނެއް ފަސް އަހަރު ކޯސްޓަލް ޕްރޮޓެކްޝަންގެ މަސައްކަތްތައް ކޮށް، އަނެއް ތިން އަހަރުން ނަރުދަމާ އެޅުމުގައި ކަމަށެވެ. ރައީސް ވިދާޅުވީ، ހުޅުމާލެ ހިއްކުމަށް ދާ އަހަރު ގިނަ ދުވަހުން މަސައްކަތް ކުރުމުން ކުޑަވެދާނެ ކަމަށާއި އެހެން ނަމަވެސް ގެއްލުނު ވަގުތާއި ވަސީލަތްތައް އަގުކޮށްފި ކަމުގައިވާ ނަމަ އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށެވެ.
"މިއަދަކު އެއްވެސް އިކޮނޮމިސްޓެއް ނުވަތަ އެކައުންޓެންޓެއް ހިސާބެއް ނުކުރާނެ ގެއްލުނު ވަގުތު ނުލައެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ ކުއަލީޓީ ރަގަޅު މަސައްކަތްތަކެއްކުރުމަށް." ރައީސް ވިދާޅުވި އެވެ.