ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ފޯމް ދޫކުރަން ފަށައިފިއެވެ.
ހައުސިންގ މިނިސްޓްރީ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފޯމު ދޫކުރުން އޮގަސްޓް 07 ވަނަ ދުވަހުން ފެށިގެން 31 ޖަނަވަރީ 2019 ވަނަ އަހަރުގެ ނިޔަލަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. މަޝްރޫޢުގެ ދަށުން ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ވިލިމާލެ 2 ގައި 1000 އަކަފޫޓުގެ ފުލެޓު އަދި ކ.ފުށިދިއްގަރު ހިއްކައިގެން ތަރައްޤީ ކުރާ ބިމުން 1000 އަކަފޫޓުގެ ގޯތި ދޫކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި މަޝްރޫއުގެ ދަށުން ފުލެޓަށް ނުވަތަ ބިމަށް ކުރިމަތިލުމަށް އެދޭ ފޯމު، މިނިސްޓްރީގެ ހިޔާ އެކްސްޕޯއިންނާއި ވެބްސައިޓް ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން މޯލްޑްވްސް ޕޯސްޓް ލިމިޓެޑްގެ ހެޑް އޮފީހާއި ވެލާނާގޭ ޕޯސްޓް ޝޮޕުން ލިބޭން ހުންނާނެ ކަމުގައި ދެންނެވީމެވެ.
މި ފޯމަށް ހުށަހަޅާ ފަރާތްތަކަކީ 18 އަހަރު ފުރިފައިވުމާ އަމިއްލަ ނަމުގައި 1000 އަކަފޫޓަށް ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތް ފަރާތަކަށް ވާންޖެހެއެވެ.
ފޯމާއެކީ ހަމައެކަނި ހުށަހަޅަން ޖެހެނީ އައިޑީ ކާޑު ކޮޕީއެކެވެ.
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ހިޔާ އެކްސްޕޯއިން15 އޮގަސްޓް 2018 ވާ ބުދަ ދުވަހުން ފެށިގެން 31 ޖަނަވަރީ 2019ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
މިދިޔަ ހަފްތާގައި މިކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދިމާވެފައިވާ ފުރިހަމަ ހައްލު ލިބިދޭނެ މަޝްރޫއުއެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކަކީ 18 އަހަރުން މަތީގެ މީހެއް ކަމުގައިވުމާއި 1،000 އަކަފޫޓުގެ ބިމެއް ނެތް ކޮންމެ މީހަކަށް ވެސް ފްލެޓް ޔަގީން ވެގެންދާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ގުޅީފަޅު ސަރަހައްދާއި ފުށިދިއްގަރު ފަރުން ބޮޑު ބައެއް ހިއްކައި 82000 ހައުސިންގ ޔުނިޓް ގާއިމް ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އެހެން ނަމަވެސް މި މަޝްރޫއުއަށް ދާނެ ހަރަދާއި މަސައްކަތް ފަށާނެ ތާރީހެއްވެސް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.