ސިނަމާލެ ބްރިޖުން ލޭނެއް މަދުވި މައްސަލަ ފެންމަތިވެއްޖެއެވެ.
މިކަން ފެންމަތިވީ، ރާއްޖޭގެ މީޑިއާ އަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ދެއްވި ބަސްދީގަތުމެއްގައި އެވާހަކަ ތަފްސީލްކޮށް ވިދާޅުވުމާއެކުގައެވެ.
ބްރިޖް ހުޅުވި ދުވަސްވަރުވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނި ގޮތާ އެއްގޮތައް ލޭނުތައް ނެތް ވާހަކަ ދެއްކިއެވެ. އެހެން ނަމަވެސް އެކަމަށް ފަރުވާލެއް ބެހެއްޓިތަނެއް ނުފެނުނެވެ.
އަނެއްކާވެސް އެވާހަކަ މިއޮތީ ފެންމަތިވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ވާހަކަފުޅުން، 300 މިލިއަން ޑޮލަރު ހޭދަކޮށްގެން ހެދި ބްރިޖްގެ ލޭނެއް މަދުވިކަން ހާމަވި އިރު، އަބްދުއްރަހީމް މި ކަމާބެހޭ ގޮތުން ބުދަވިލޭރޭ އާއި ބުދަ ދުވަހު ދެއްކެވި ވާހަކަފުޅުން މި ބޮޑު މައްސަލައިގެ ޒިންމާ ނަގަންވީ ކޮންފަރާތަކުން ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.
"ސަންގު ޓީވީ" އަށް ބުދަވިލޭރޭ އަބްދުއްރަހީމް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ އެއް ލޭނު މަދުވެގެން ރައީސް އަބްދުﷲ ޔާމީން، އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒަށް ރޮވެންދެން ބަވައިލި ކަމަށެވެ.
ފޮނަދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ އޮފީސް ސަކީނާ މަންޒިލްގައި ހިނގަމުން ދިޔައިރު، އޮތް ބައްދަލުވުމެއްގައި ބްރިޖްގެ އެއް ލޭނު މަދުވި މައްސަލައިގައި އޭރުގެ ރައީސް ޔާމީން ޑރ. މުއިއްޒު އަށް "ބަވާލި" ކަން އެތަނުގައި ތިއްބެވި ކެބިނެޓުގެ ވަޒީރުންނާއި އަދި ޕާޓީގެ އިސް މީހުންނަށްވެސް އެނގޭނެ ކަމަށެވެ.
އެ ދުވަހު ޔާމީން ވިދާޅުވީ އެއް ލޭން މަދުކަން ތިމަންނަ އަށް މިއަދުއޭ މި އެނގުނީ ކިޔާފައި މުއިއްޒަށް ހެސްކިޔާފައި ބަވާލީ.އަބްދުއްރަހީމް އަބްދުالله
އަބްދުއްރަހީމް ވިދާޅުވީ މިކަން ހިނގީ ރިޔާސީ އިންތިޚާބުގެ ފަހު ދުވަސްކޮޅު ބްރިޖް ހުޅުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ، "ރައީސް މުއިއްޒު ކީރިތިފުޅު ކުރެއްވެންދެން ބަވާލި،" ކަމަށެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅުން ރައީސް ޔާމީނަށް ބްރިޖްގެ އެއް ލޭނު މަދުކަން އެނގިވަޑައިގަތީ އެދުވަހުއެވެ.
ސިނަމާލެ ބްރިޖް މަޝްރޫއުގެ ކޮންސްޓްރަކްޝަން ސްޓޭޖްގެ މަސައްކަތުގެ އެމްއޯޔޫ ގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުއިއްޒުކަން ރެކޯޑްތަކުން ފެންނަން އެބައޮތެވެ. އަދި ފަހުން ރައީސްކަން ލިބިވަޑައިގަންނަވައިގެން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ މީޑިއާގައިވެސް ބްރިޖްގެ ކަންކަން އެމަނިކުފާނު ބެއްލެވި މިންވަރު ސާފުކޮށް ވިދާޅުވެފައިވެއެވެ.
ބްރިޖްގެ އެއް ލޭނު މަދުވެގެން ކީރިތި ކުރެއްވެންދެން ޑރ. މުއިއްޒު އަށް ބާވާލެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވުމަށް ފަހު ބުދަ ދުވަހު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ޑރ. މުއިއްޒު ދިފާއު ކުރައްވާ އެކަމުގެ ޒިންމާ ރައީސް ޔާމީންގެ އިސްތަށިފުޅުގައި އަޅުވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ޑރ މުއިއްޒަކީ ރައީސް ޔާމީންގެ 5 އަހަރު ތެރޭގައި އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް (އީވައިސީ، އޭރުގެ ކެބިނެޓްގައި އިގްތިސާދީ ކަންކަމާ ބެހޭ ކޮމިޓީ) ގައި ހިމެނި ވަޑައިގަތް ބޭފުޅެއް ނޫން ކަމަށެވެ. ހައުސިންގ މިނިސްޓަރުގެ މަސްއޫލިއްޔަތަކީ އީވައިސީން ނިންމާގޮތަކަށް އެމަސައްކަތް ކުރުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންވީމަ އޭގެ ލޭނެއް މަދުވުން ނުވުމަކީ އެއީ ހައުސިންގ މިނިސްޓަރުގެ ޒިންމާއެއް ވެސް ނޫން، ހައުސިންގ މިނިސްޓަރ ބައްލަވަން ޖެހިވަޑައިގަންނަވާ ކަމެއްވެސް ނޫން.އަބްދުއްރަހީމް އަބްދުالله
ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ފެށި ބްރިޖްގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކުންފުނިން ކުރަމުން ގޮސް އެ މަސައްކަތް ނިންމާ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ގައި އެތަން ހުޅުވި އިރުވެސް ސަރުކާރުގެ ފަރާތުން މަޝްރޫއުގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވީ ޑރ. މުއިއްޒު ކަމަށް ވީ ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ، ބްރިޖްގެ އެއްލޭނު މަދުކަން ނުވަތަ ނޫންކަން ޑރ. މުހައްމަދު މުއިއްޒަށް ވުރެ ރަނގަޅަށް އެނގިވަޑައިގަންނަވަން ވާނީ ރައީސުލް ޖުމްހޫރިއްޔާ އަށް ކަމަށް އޭނާ ދެންނެވި ކަމަށާއި ލޭނެއް މަދުވި ނަމަ މަދުވިކަން ބައްލަވަން ޖެހޭނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.
ބްރިޖްގެ ލޭނެއް މަދުވުމުގެ ވާހަކަތައް ފެންމަތިވެފައިވާއިރު ބުދަދުވަހު ޑރ މުއިއްޒުގެ ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބް ކުރެއްވި ޕޯސްޓެއްގައި އޮރިޖިނަލް ޑިޒައިންގައި އޮތީ ޖުމްލަ ހަތަރު ލޭނުކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބް މިހެން ވިދާޅުވިއިރު، 2015 ސެޕްޓެމްބަރ 8 ވަނަ ދުވަހުގެ ރޭ އޭރުގެ މިނިސްޓަރުގެ ނައިބު ކަމުގައި ހުންނަވާ ޓީވީ މޯލްޑްވިސް އަށް ބްރިޖް އާ ބެހޭ ގޮތުން އޭނާ ދެއްވި ބަސްދީ ގަތުމުގައި ބްރިޖްގައި ބައިސަކްލް ލޭނެއް ހިމެނޭނެ ކަމަށާއި ބޭނުން ވެއްޖެ ހާލަތެއްގައި މުސްތަގުބަލުގައި ސައިކަލު ވެސް ދުއްވޭ ގޮތައް އެ ލޭނަށް ބަދަލު ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
މުއްތަލިބު މިހެން ވިދާޅުވުމުގެ އެއްދުވަސް ކުރިން ސެޕްޓެމްބަރު 7 ވަނަ ދުވަހު އޮތް ބްރިޖްގެ ޑިޒައިން އިފްތިތާޙު ކުރެއްވުމުގެ ރަސްމިއްޔާތުގައި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދެއްކެވި ވާހަކަފުޅު ގައި ވެސް ސައިކަލް ދުއްވާނެ ވަކި ލޭނެއް ބްރިޖްގައި އޮންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އަޅުގަނޑަށް ހަމަޔަޤީނުންވެސް ވެހިކަލް ދުއްވާނެ ދެ ލައިން އެބައޮވޭ. ސައިކަލް ދުއްވާނެ ލޭން އެބައޮވޭ. އަދި ހަމައެހެންމެ، ބައިސްކަލް ދުއްވައި ޖޮގިންގވެސް ކުރެވޭނެ. އެހެންވެ، މިއީކީ އާދައިގެ ބްރިޖެއް ނޫން..އަހްމަދު އަދީބް
1.39 ކިލޯ މީޓަރުގެ ދިގު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރި ބްރިޖްގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާ ހިނގާފަ ދާ މީހުންނަށް ވަކި ލޭނެއް އޮންނާނެ ކަމަށް 9 ޖުލައި 2015 ގައި ބްރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމަށް ފަހު މީޑިއާގެ ކުރިމަތީގައި ޚުދު ޑރ. މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
އެހެން ކަމުން، ބްރިޖްގައި މިހާރު މިފެންނަން ހުރި ލޭނުތަކުގެ އިތުރުން ލޭނު ހިމެނޭކަން ޑރ. މުއިއްޒު އާއި މިހާރުގެ ކޮންސްޓްރަކްޝަން މިނިސްޓަރ މުއްތަލިބް ގެ އިތުރުން އޭރުގެ ސަރުކާރުގެ އެންމެ އިސްވެރިންގެ ވާހަކަފުޅުތަކުން ސާފުކޮށް ފެންނާން އެބައޮތެވެ. އެހެން ނަމަވެސް އެކަމުގައި ޖަވާބުދާރީވާނީ ނުވަތަ ޒިންމާވާނީ ކާކުކަމެއް އެނގޭނެ ގޮތެއް ނެތެވެ. އެކަމުގެ ޒިންމާ ނަގާނީ މަޝްރޫއު ހިންގެވުމުގެ ޒިންމާ އާ ހަވާލުވެ ހުންނެވި އޭރުގެ ހައުސިންގ މިނިސްޓަރުތޯ ނުވަތަ ހައުސިންގ މިނިސްޓަރގެ މައްޗަށް ހުންނެވި ރައީސުލް ޖުމްހޫރިއްޔާތޯ އެއީ މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ.