ބްރިޖުގައި ކައިވެނި ކުރުމަށް ފުރުސަތު ހުޅުވާލުމަކީ ބްރިޖުގެ ހަގީގީ ބޭނުން ކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސޯލްޓް ކެފޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން، އިދިކޮޅު ކެނޑިޑޭޓްގެ ތަރުޖަމާންގެ ގޮތުގައިވެސް މަސައްކަތްކުރަމުންގެންދަވާ މާރިޔާ ވިދާޅުވީ، ބްރިޖު އެޅުނީ ދަތުރު ފަތުރުގެ ނިޒާމަށް ނުވަތަ މީހުން އެއްތަނުން އަނެއްތަނަށް ދިއުން ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ.
"ތަން ޓްރެފިކަށް ހުޅުވާލުމުގެ ކުރިން ޓްރެފިކް ބަންދުކުރާ ވާހަކަ މިދައްކަވަނީ. އަޅުގަނޑުމެން މިދައްކަނީ މިހާރުވެސް މާލޭގައި ޑިފެންސް މިނިސްޓްރީގެ ދެ ފަރާތައް އޮންނަ މަގުތައް ބަންދުކުރީމަ މުޅި މާލޭ ތޮއްޖެހުނު ވާހަކަ." މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، ސަރުކާރުން އަޅާ ބްރިޖުގައި ދުވާލަކު ދެ ފަހަރު ކައިވެންޏަށް ބަންދު ކުރީމައި ޓްރެފިކް އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ. މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި އެއްވެސް ރޭވުންތެރިކަމެއް ނެތް ކަމަށާއި ވައުދެއް ވެއްޖެނަމަ އެވައުދެއް ނިމެންދެންވެސް ކެތްތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ހަގީގަތުގައި ވެގެން އުޅޭ ގޮތަކީ ޕީޕީއެމް އިން ކައުންސިލް އިންތިހާބުން ފެށިގެން އެޕާޓީގެ ކަންކަން ކުރުމަށް ދަރުބާރުގެ ނަގައިގެން އުޅުމުގެ ސަބަބުން ކައިވެނި ހަފްލާއާއި އެނޫން ހަފްލާތައް ބޭއްވުމަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވުމުންކަމަށެވެ. އެހެން ކަމުން އެފަދަ ހަފްލާތައް ބޭއްވުމަށް ރައްޔިތުންނަށް ތަންތަން ހޯދާދޭން ޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.