އިބޫއަށް 71 ޕަސެންޓް ވޯޓު ލިބޭނެ: ނަޝީދު
2 އޯގަސްޓު 2018 | ބުރާސްފަތި 03:22އިބޫއަށް ތާއިދު އޮތް މިންވަރު ވަރަށް ސާފު


ކުރީގެ ރައީސް މުހައްމަދު ނަޝީދު
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް 71 ޕަސެންޓް ވޯޓް ލިބޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫ އަށް ތާއީދު އޮތް މިންވަރު މާބޮޑަށް ސާފު ކަމަށެވެ. ބުދަ ދުވަހުގެ ނިޔަލަށް 24000 މީހުން ރީރެޖިސްޓްރީކޮށްފައިވާ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 24000 މީހުންގެ ތެރެއިން 17000 ފޯމްއަކީ ގުޅިފައިވާ ޕާޓީތަކުން ހުށަހެޅި ފޯމް ކަމަށެވެ.
މިހިސާބަށް ބެލުމުން ވެސް އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ތާއިދު އޮތް މިންވަރު ވަރަށް ސާފު ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓަށް 71 ޕަސެންޓް ވޯޓް ލިބޭނެ ކަމަށެވެ.
ސެޕްޓެންބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު މިނިވަން ނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ރީރަޖިސްޓްރިކުރުމުގެ ފުރުސަތު ޖުލައި މަހުގެ 17 އިން އޮގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ރީރަޖިސްޓްރީ ކުރަން ހުށަހެޅި ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީ ކޮށްފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.








