ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 14:45
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު
މުހައްމަދު ޝަރުހާން
ސަރުކާރު ވައްޓާލަން އުޅުން
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ރިޝްވަތު މައްސަލައިގައި ވަކީލުން ހަމަޖައްސަން 5 ދުވަސް ދީފި
 
މެލޭޝިއާއިން ރިޒާވްކުރި ވިލާތަކަކަށް، ވިލާ ކުންފުނިން ފައިސާ ދެއްކި: ދައުލަތް
 
ހަސަން ސައީދުގެ އެޕާޓްމަންޓުން ސިޔާދު ގާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވޭ: ދައުލަތް
 
މިމަހުގެ 10 ކުރިން ވަކީލުން ހަމަޖެއްސުމަށް ވަނީ އަންގާފައި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ހިފިކަމަށް ބުނެ، ދައުވާއާ ގުޅިގެން އިބްތިދާއީ ފުރަތަމަ އަޑުއެހުން އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާ ގުޅިގެން އެ ދެ ބޭފުޅުންނަށް ވެސް ވަނީ ގާނޫނީ ވަކީލުން އައްޔަން ކުރެއްވުމަށް ފަސް ދުވަސް ދެއްވާފަ އެވެ. އެ ދެ ބޭފުޅުން ވެސް އަންގާރަ ދުވަހުގެ އަޑުއެހުމަށް ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލަ އެވެ. 

މިމައްސަލަ ބައްލަވަނީ ކުރިން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލަކަށް އުޅުއްވުމަށް ފަހު ދާދިފަހުން ގާޒީ ކަމަށް މުޅިން އަލަށް ވަޑައިގެންނެވި އަހުމަދު ހައިލަމްއެވެ. ހައިލަމަކީ މިހާރު ކްރިމިނަލް ކޯޓުގެ އިސްގާޒީ އެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ވަކިވަކިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުގެ ގާނޫނީ ވަކީލު އިއްވި ނަމަވެސް އެ ދެ ބޭފުޅުންގެ ދައުވާގައި ވަނީ އެކައްޗެކެވެ. 

އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ އިއްވަމުން ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވުނު ތުހުމަތަކާއި ގުޅިގެން ކުރީގެ ޖުޑިޝަލް އެޑްމިނިސްޓެރޭޓަރ ހަސަން ސައީދު، ހ.ނިޝާންޕްލާޒާ ގޭގައި ދިރިއުޅޭ އެޕާޓްމަންޓް ބަލާ ފާސްކުރިއިރު އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި އޮތް ކަޅުކުލައިގެ ބެކްޕެކެއްގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން އިބްރާހީމް ސިޔާދު ގާސިމް ސޮއި ކުރައްވާފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އަދި މުދާ ގަތުމަށް އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލުން ސ.ހުޅުދޫ، ކާމިނީގެ އަހުމަދު މިސްފިރުއާއެކު ތިން މީހަކަށް 2.4 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާކަން އެ ސިޓީއިން އެނގޭ ކަމަށެވެ. އަދި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ"އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށާއި އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މީގެއިތުރުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހިނެމޭގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސޮއިކޮށް، އެކެއް ފެބްރުއަރީ 2018 ގައި ނެރުނު ކޯޓު އަމުރެއްގައި ވިލާ ކުންފުނީގެ ޗެއާމަން އަދި ސިޔާދުގެ ބައްޕަ ގާސިމް އިބްރާހީމް ވަގުތުން ވަގުތަށް މިނިވަން ކުރުމަށް އަމުރު ކޮށްފައި ވާތީ ހަސަން ސައީދުގެ ހިޔާޒަތުގެ ދަށުން ފެނުން ސިޔާދު ސޮއި ކުރައްވާފައިވާ ސިޓީގައިވާ ފައިސާއަކީ އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ މުޤާބިލްގައި ދީފައިވާ އެއްޗެއް ކަމަށް ބެލެވޭތީ ކަމަށް ވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.  

ޕީޖީ އޮފީހުގެ ވަކީލު ދައުވާ އިއްވުމުން ގާޒީ ހައިލަމް ވިދާޅުވީ އެ ދައުވާއަށް ޖަވާބުދާރީވާން ބޭނުންވަނީ ގާނޫނީ ވަކީލަކާއެކު ކަމަށްވާނަމަ އެފުރުސަތު ދެއްވާ ކަމަށެވެ. އަދި ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް ކިތައް ދުވަސް ބޭނުންވޭތޯ ވެސް ގާޒީ ސުވާލު ކުރެއްވި އެވެ.

އެގޮތުން ހަސަން ސައީދާއި އަލީ ހަމީދު ވެސް ވިދާޅުވީ މި ދައުވާއަށް ޖަވާބުދާރީވާން ބޭނުން ވަނީ ގާނޫނީ ވަކީލަކާއެކު ކަމަށާއި ވަކީލެއް ހަމަޖައްސަން މަދުވެގެން 10 ދުވަސް ބޭނުންވާ ކަމަށެވެ. 

ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ގާނޫނީ ވަކީލުން އައްޔަން ކުރުމަށް ފުރުސަތު ދެއްވާ ކަމަށާއި ދެން ބޭއްވޭ އަޑުއެހުމުގައި ގާނޫނީ ވަކީލުންނާއެކު ދައުވާއަށް ޖަވާބު ދާރީވުމަށް ތައްޔާރުވެ ވަޑައިގެން، ވަޑައިގެންނެވުމަށް އަންގާ ކަމަށެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހިމެނޭ ގޮތަށް ޖުމްލަ ނުވަ ބޭފުޅެއްގެ މައްޗަށް، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ގިނަ ދައުވާތަކެއް ވަނީ އުފުލާފައެވެ. އެ ނުވަ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ހުރިހާ މައްސަލަތަކެއް ބައްލަވަނީ ވެސް އަހުމަދު ހައިލަމް އެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ނިންމައި، 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. 

ކްރިމިނަލް ކޯޓުން ކުރި އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ. ނަމަވެސް އަދަބު ކުޑަކޮށް، ހައިކޯޓުން ކަނޑައަޅާފައި ވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހެވެ.

ރިޝްވަތުގެ އެ ދައުވާ އެ ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުގައި ގަވަމެންޓް އީލެޓަރ މެނޭޖުމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލަން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެންގެވިކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް