ހުކުމް ތަންފީޒުކުރާ ފަރާތްތަކުގެ ވާހަކަ ގެންނަ މީޑިޔާތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހޯމް މިނިސްޓްރީން ދީފިއެވެ.
ހޯމް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، ޝަރުއީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާ ހަވާލާދީ އެއްވެސް ލިޔުމެއް ޝާއިއުކޮށް އާންމުކުރަން ޖެހޭނީ އެކަމާ ގުޅޭ ގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެފަދަ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަން ކަމާ ބެހޭ އިދާރާތަކުން ތަކުރާރުކޮށް ނޫސްބަޔާންތަކުން އިލްތިމާސްކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކާއި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެންނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތްތަކާ ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހޯދައި އެ މައުލޫމާތެއް ބޭނުން ކުރަން ވާނީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ގަވައިދު ކަމުގައިވާ ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓް އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބައްދަލުކުރުމާއި ފޯނު ކުރުމާއި ސިޓީ ފަދަ ތަކެތި ފޮނުވުމާއި ލިބުމުގެ ގަވައިދުގެ މަތިންނެވެ.