ކ. މާލެ
|
22 މެއި 2018 | އަންގާރަ 20:27
ޑރ. މަޖީދަކީ، މަދީނާ ޔުނިވަރސިޓީން ޕީ. އެޗް. ޑީ. ނެންގެވި ފުރަތަމަ، އަދި ހަމައެކަނި ދިވެހި ޢިލްމުވެރިޔާއެވެ.
ޑރ. މަޖީދަކީ، މަދީނާ ޔުނިވަރސިޓީން ޕީ. އެޗް. ޑީ. ނެންގެވި ފުރަތަމަ، އަދި ހަމައެކަނި ދިވެހި ޢިލްމުވެރިޔާއެވެ.
އަބުދުﷲ ނަސީރު އިބްރާހިމް
ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ
ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ: ރާއްޖޭގައި ނެތް ފަދަ އިލްމުވެރިއެއް
ގެއްލިގެން މި ދިޔައީ ޢާލިމެކެވެ. އުސްތާޒެކެވެ. މުދައްބިރެކެވެ. މުދައްރިސެކެވެ.
އެކއެކި މައުޟޫޢަށް ގިނަގުނަ ލިޔުންތައް ލިޔުއްވާފައި ވެއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އުފަންވެ ވަޑައިގެންނެވީ 1963 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ސ. ހުޅުދޫ ކަނީރުމާގެއަށެވެ. ބައްޕާފުޅަކީ އައްޝައިޚް ޢަބްދުލްބާރީއެވެ. އެމަނިކުފާނުގެ މަންމާފުޅަކީ މަރްޔަމް ވަދީފާއެވެ. އެމަނިކުފާނުގެ ތަޢުލީމީ ޙަޔާތްޕުޅު ފެއްެޓެވީ ސ. ހުޅުދޫއިންނެވެ. ބައްޕާފުޅުގެ އަރިއަހުންނާއި، އެހެނިހެން އެދުރުންގެ ކިބައިންނެވެ. ރަށުގައި ތަޢުލީމު އުނގެނި ވަޑައިގެންނެވުމުގެ ތެރޭގައި އައްޑުއަތޮޅުގެ ފޭދޫއަށް ވަޑައިގެންނެވިއެވެ. ތަޢުލީމީ ޙަޔާތުގެ ދަތުރުފުޅައިގެން އުފަން ރަށުން ނުކުމެވަޑައިގެން އެދަތުރުގައި ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންނެވި އިރު ޢުމުރުފުޅަކީ އެއްމެ 15 އަހަރު ފުޅެވެ. އެއީ މީލާދީގޮތުން 1979 ވަނަ އަހަރެވެ.

ތަޢުލީމީ މިދަތުރުފުޅުގައި ޕާކިސްތާނުގެ ފައިޞަލްއާބާދުގައި ހުންނަ ޖާމިޢާ ތަޢުލީމާތުގައި ސާނަވީ ތަޢުލީމު އުނގެނި ވަޑައިގެންނެވުމަށް އުޅުއްވަމުން ހަމަ އެ ޝަހަރުގައި ހުންނަ ޖާމިޢާ ސަލަފިއްޔާއަށް ބަދަލުވެ ވަޑައިގެންނެވިއެވެ. އެތަނުން ސަޢުދީ ޢަރަބިއްޔާގެ އަލްމަދީނަތުލްމުނައްވަރާގައި ހުންނަ ޖާމިޢާ އިސްލާމިއްޔާ ގައި ކިޔަވައި ވިދާޅުވުމަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ. 1982 ވަނަ އަހަރު ލިބިވަޑައިގެންނެވި މި ފުރުސަތުގައި އަނެއްކާވެސް އުފަން ފަސްގަނޑާއި، ޤައުމާ ދުރަށް ވަޑއިގެންނެވި އެވެ. މިދަތުރުފުޅުގައި ވަރުބަލިކަން އިޙްސާސް ކުރެއްވުމުގެ ބަދަލުގައި އެ ދުވަސްވަރު ދީނީ ތަޢުލީމު ޙާޞިލްކުރަން އުޅުނު އެހެން ދިވެހި ދަރީންނެކޭ އެއްފަދައިން މަދީނާ ޔުނިވަސިޓީގައި ސާނަވީ ތަޢުލީމު ޙާޞިލްކުރައްްވަން ފެއްޓެވިއެވެ.

ސާނަވީ ތަޢުލީމު 1985 ގައި ނިންނަމަވާފައި ވަނީ ހަޔަރ ޑިސްޓިންކްޝަން ހޯއްދަވައިގެންނެވެ. އަދި ފުރަތަމަ ޑިގްރީ ނިންމަވާފައި ވަނީ 1989 ގައެވެ. ޑިގްރީގައި އެމަނިކުފާނުގެ ޑިޒިޓޭޝަން ލިޔުއްވާފައި ވަނީ "ރާއްޖެ އިސްލާމް ވުން" މި މައުޟޫޢަށެވެ. ޢަރަބި ބަހުން ލިޔުއްވި މި ޑިޒިޓޭޝަނާއެކު މިޒާޖުގައި ވެސް ނިޔަނެތި، މަޑުމައިތިރި، ރަނގަޅު އަޚްލާޤެއްގެ ވެރި ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް މަދީނާ ޔުނިވަރސިޓީއިން މަތީ ތަޢުލީމު އުނގެނުމުގެ ފުރަސަތު ލިބިވަޑައިގެންނެވި އެވެ. މި ޔުނިވަރސިޓީއިން ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހި ދަރިވަރަކަށް މާސްޓާސް އަށް ކިޔެވުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދަރިވަރެވެ. ފާސްވެފައި ވަނީ މުމްތާޒު ނުވަތަ ހަޔަރ ޑިސްޓިންކްޝަން އިންނެވެ. އެއީ މީލާދީ ގޮތުން 1993 ވަނަ އަހަރުއެވެ. ތީސީސް ލިޔުއްވާފައި ވަނީ، "މަރަވިއްޔާތު އިބްނި މަރްދަވިއްޔާ ފިއްތަފްސީރި މިން ސޫރަތުލްކަހްފި އިލާ ސޫރަތު ފާޠިރް ޖަމްޢަން ވަ ދިރާސަތަން" މި ނަމުގައެވެ. އެމަނިކުފާނަކީ މަދީނާ ޔުނިވަރސިޓީން ޕީ. އެޗް. ޑީ. ނެންގެވި ފުރަތަމަ، އަދި ހަމައެކަނި ދިވެހި ޢިލްމުވެރިޔާއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޕީއެޗްޑީ ހެއްދެވީ ވެސް ހަމަ މަދީނާ ޔުނިވަރސިޓީ އިންނެވެ. ތަފްސީރު "އިންޓަރޕްރިޓޭޝަން އޮފް ޤްރުއާން" އުލޫމުލް ޤުރުއާން، މިދާއިރާއިން މަދީނާގެ އިސްލާމިކް ޔުނިވަސިޓީ އިންނެވެ. ހިޖްރީ ގޮތުން 1418 ގައި އަދި މީލާދީ ގޮތުން 1997 ނުވަތަ 1996 ވަނަ އަހަރުއެވެ. ފާސްވެފައި ވަނީ ހަޔަރ ޑިސްޓިންކްޝަން ނުވަތަ އެއްމެ މަތީ ދަރަޖައިންނެވެ. ލިޔުއްވި ތީސީސް ސަޢުދީގައި ވަނީ 3 ފަހަރެއްގެ މަތިން ޗާޕްކޮށް ލައިބްރަރީތަކާއި، އެކިއެކި ޢިލްމީ ތަންތަނުގައި ބޭނުންކުރެވޭ ފޮތަކަށް ވެފައެވެ.

ކިޔަވައި ވިދާޅުވެގެން ރާއްޖެއަށް ވަޑައިގެން 1999 ވަނަ އަހަރު ސަރުކާރުގެ ވަޒީފާއަކަށް ވެދެވަޑައިގެންނެވިއެވެ. އޭރުގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ދީނީ ޝިޢާރުތަކާ ބެހޭ ސެކްޝަނުގެ ވެރިޔާގެ ގޮތުގައި ޑިރެކްޓަރަކަށް މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ މުދީރުކަމަށް 2000 ވަނަ އަހަރު ބަދަލުކުރެވުނެވެ. އެއަށްފަހު 2007 ވަނަ އަހަރު އިސްލާމީ ކަންތައްތަކާބެހޭ އެއްމެ މަތީ މަޖިލީހުގެ ދީނީ ހޭލުންތެރިކުރުމާ ބެހޭ ސެކްޝަނާ ޙަވާލުވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓި ހެދުމުގެ ހުއްދަ ލިބުމާ ގުޅިގެން ޢަދާލަތު ޕާޓީގެ ފައުންޑާއެއްގެ ގޮތުގައި މަސައްކަތްކުރައްވައި އެޕާޓި ވުޖޫދަށް ގެންނެވިއެވެ. އެޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އެޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ކުރެއްވިއެވެ. ސިޔާސީ ޙަޔާތްޕުޅު ފެއްޓެވި ހިސާބުން ސަރުކާރުގެ މަޤާމުތަކުން ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގެން މަސައްކަތްކުރައްވަމުން ގެންދަވަމުން ގޮސް 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބު އެމ.ްޑ.ީޕީ އާއި، އެޕާޓީއާ ގުޅިގެން މަސައްކަތްކުރި ޕާޓީތަކަށް ކާމިޔާބު ކުރެވުމުން އުފެއްދި ސަރުކާރުން ޢަދާލަތު ޕާޓީއަށް ދެވުނު ސްލޮޓުގައި އަލަށް ރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް އުފެދި އެ މިނިިސްޓްރީގެ މިނިސްޓަރ ކަމުގައި އަލުން ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވިއެވެ. މިގޮތުގައި ހުންނަވަނިކޮށް 2012 ގައި ސަރުކާރު ބަދަލުވުމާ ގުޅިގެން އަނެއްކަވެސް ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވިއެވެ.

ރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ގެންދެވީ ސީނިއަރ ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އަވަހާރަވުމާއަށް ވެސް އެތަނުގައި ތަޢުލީމު ޙާޞިލްކުރާ އަދި ކުރި ކުދިންނަށް ކިޔަވައި ދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދެވުމުގެ އިތުރުން ވިލާ ކޮލަޖުގައި ޝަރީޢާ މާސްޓަސް ކޯހަށްވެސް ކިޔަވައި ދެއްވަމުން ގެންދެވިއެވެ. މިގޮތުން ޤައުމީ ޔުނިވަރސިޓީގައި ފެށި މާސްޓާސް ކޯސް ފަރުމާކުރުމާއި، އެކޯހުގައި ކިޔަވައި ދެއްވުމުގައި އުޅުއްވިއެވެ.

މީގެ އިތުރުން އެކި އެކި މައުޟޫޢަށް ގިނަގުނަ ލިޔުންތައް ލިޔުއްވާފައި ވެއެވެ. އޭގެތެރެއިން ބައެއް ލިޔުންތައް ވަނީ ޗާޕްކުރެވިފައެވެ. އަދި ގިނަ ލިޔުންތަކެއް ތައްޔާރު ކުރެއްވުމަށްފަހު ޗާޕްކުރެއްވުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދާވފައި ވެއެވެ.

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއަކީ މަޑުމައިތިރި ހިތްހެޔޮ ސާދާ މިޒާޖެއްގެ ބޭފުޅެކެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ނެތިގެން ދިއުމަކީ ދިވެހިރާއްޖެއަށާއި، މުޅި އިސްލާމީ އުއްމަތަށް ވެސް ލިބިގެންދިޔަ ފޫނުބެއްދޭ ފަދަ ގެއްލުމެކެވެ. ގެއްލިގެން މި ދިޔައީ ޢާލިމެކެވެ. އުސްތާޒެކެވެ. މުދައްބިރެކެވެ. މުދައްރިސެކެވެ. މާތްﷲ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި!

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް