ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ދަންނަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވި ހަބަރު އެއްސެވީ ފުންހިތާމައާއި އެކުގައި ކަމަށާއި އެ މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮއްދެއްވުމަށް އެދި ދުވާކުރާ ކަމަށެވެ. ޑރ މަޖީދު އަވަހާރަވެފައިވަނީ އުމުރުން 55 އަހަރުގަ އެވެ.
މި ހިތާމަވެރި ވަގުތުގައި އާއިލާ އަށް ކެއްތެރިކަން ދެއްވަވައި ތައުޒިޔާ ދަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ޑރ މަޖީދު ވަނީ ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފަ އެވެ. އަދި އެއީ ތަފްސީރުން އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ރާއްޖޭގައި ހުންނެވި ހަމައެކަނި ބޭފުޅާ އެވެ. ޑރ މަޖީދު ވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސްކަމާއި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި މިހާތަނަށް ވެސް ހުންނެވީ ގައުމީ ޔުނިވަސިޓީގެ ލެކްޗަރައަކަށެވެ.