ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށާނެ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން 1439 ވަނަ އަހަރު މާލެއާއި އަތޮޅުތެރޭގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. މާލޭގައި ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. އެގޮތުން ހެނދުނު 10:30 ހުން ފެށިގެން 13:00 އަށް ޒަކާތް ބަލައިގަތުން ކުރިއަށްދާނެ އެވެ.
ވިލިމާލޭގައި ޒަކާތް ބަލައިގަތުން ކުރިއަށްގެންދާނީ ހައުސިންގ މިނިސްޓްރީގެ ވިލިމާލޭ ޔުނިޓްގަ އެވެ.
މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ދިރާގު އަދި އުރީދޫއިން ފިތުރު ޒަކާތް ބަލައިގަތުންވެސް ކުރިއަށްދާނެ އެވެ. އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އާދައިގެން ހަނޑުލުންނަމަ މީހަކަށް 13 ރުފިޔާ އެވެ. ތައިލެންޑް ހަނޑުލުންނަމަ މީހަކަށް 43ރ. އެވެ. އަދި ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 81ރ އަށް ދައްކަންޖެހެ އެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެބަޔަކު އަހަރުތެރޭގައި އާއްމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ.
މިދިޔަ އަހަރު މާލެއިން އެކަނިވެސް ފިތުރު ޒަކާތުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ އިރު މުޅި ރާއްޖެއިން 16000 އަށް ވުރެ ގިނަ މީހުންނަށް ޒަކާތް ބަހާފައިވެ އެވެ. ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. މިދިޔަ އހަަރު ޒަކާތް ބަހާފައިވަނީ ބޮލަކަށް 1250ރ. ގެ މަގުން ނެވެ.
މިއަހަރުގެ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.
ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލަކަށް 44ރ ނުލިބޭ ފަރާތްތަކަށެވެ.