ކ. މާލެ
|
15 މެއި 2018 | އަންގާރަ 13:51
މުސްލިމް ގައުމުތަކުގައި މުލަ ރޯދަ ދުވަސް ކަނޑައެޅުން އޮންނަނީ ހަނދު ފެނުމާއި ނުފެނުމުގެ މައްޗަށް ބިނާކޮށް
މުސްލިމް ގައުމުތަކުގައި މުލަ ރޯދަ ދުވަސް ކަނޑައެޅުން އޮންނަނީ ހަނދު ފެނުމާއި ނުފެނުމުގެ މައްޗަށް ބިނާކޮށް
ނޭޝަނަލް ޖިއޮގްރަފިކް
ރޯދަ ޚަބަރު
ސައިންޓިފިކް ހަމަތަކުން މެއި 16 ރޯދަ ވެދާނެ، އެކަމަކު ފުރުސަތު ބޮޑީ މުލަ ރޯދަ 17 ށް ވުން
މެއި މަހުގެ 15 ވާ އަންގާރަ ދުވަހުގެ ރޭ ޖީއެމްޓީން 11:47 ގައި ރޯދަ މަހުގެ ހަނދު ފާޅުވާނެ
ސައުދީގައި ހަނދު ސާބިތު ކުރުމަށް އިންފްރާރެޑް ކެމެރާ ބޭނުން ކުރޭ
ޔޫރަޕް އާ އެމެރިކާގައި ރޯދަ މަސް ފެށުމުގައި އަމަލު ކުރަނީ ފަލަކީ ހިސާބުން ފެންނަ ގޮތެއްގެ މަތިން

މުސްލިމުންނަށް އަހަރުގެ ތެރޭގައި ބައްދަލު ކުރާ އެންމެ މާތް އަދި އެންމެ މުހިންމު މަސް ކަމުގައިވާ ރޯދަ މަސް މި އަހަރު ފެށޭނީ މެއި މަހުގެ 16 ވާ ބުދަ ދުވަހު ނުވަތަ 17 ވާ ބުރާސްފަތި ދުވަހުއެވެ. މީގެ ތެރެއިން ވަކި ދުވަހެއް ކަނޑައެޅުން އޮންނާނީ މެއި 15 ވާ އަންގާރަ ދުވަހުގެ ރޭ ހަނދު ފެނުމާ ނުފެނުމުގެ މައްޗަށެވެ.

މުސްލިމް ގައުމު ތަކުގައި ރޯދަ މަސް ފަށާ ދުވަސް ކަނޑައަޅަނީ ރޯދަ މަހުގެ ހަނދު އެތަނަކަށް ފެނުމުންނެވެ.

މިއާ ޚިލާފަށް އެމެރިކާ އާއި ޔޫރަޕް ގައި ދިރިއުޅޭ މުސްލިމުން އާއްމު ގޮތެއްގައި ރޯދަ މަސް ފަށާ ދުވަސް ކަނޑައަޅަނީ ފަލަކީ ހިސާބުން ދައްކާ ގޮތެއްގެ މަތީން ކަން ފާހަގަ ކުރެވެއެވެ. މި ގޮތުން ބަލާއިރު، މެއި މަހުގެ 15 ވަނަ ދުވަހުގެ ރޭ ރޯދަމަހުގެ އައު ހަނދު ފާޅުވާނެ ކަމަށް ބެލޭތީ އެމެރިކާ އާއި ޔޫރަޕްގެ މުސްލިމުން ރޯދަ ހިފަން ފަށާނީ މެއި މަހުގެ 16 ވާ ބުދަ ދުވަހުއެވެ.

ސައުދީ އަރަބިއްޔާ އާއި އެހެން އަރަބި ގައުމުތަކުގައި މެއި މަހުގެ 15 ވާ އަންގާރަ ދުވަހު އިރު އޮއްސުމުން ރޯދައިގެ ހަނދު ބަލާނެއެވެ. އެއީ މެއި 15 ވާ އަންގާރަ ދުވަހަކީ ޝައުބާން މަހުގެ 29 ވަނަ ދުވަސް ކަމަށް އެ ގައުމުތަކަށް ވާތީއެވެ. ނަމަވެސް މޮރޮކޯ، އީރާން، އަދި ޕާކިސްތާން ފަދަ ގައުމުތަކުގައި ރޯދަ އަށް ހަނދު ބަލާނީ ޖެހިގެން އަންނަ ބުދަ ދުވަހުއެވެ. އެއީ މި ގައުމުތަކުގައި ހަނދުމަސް އެއް ދުވަސް ފަހަތުގައި އުޅޭތީ އެވެ.

ފަލަކީ ހިސާބުން ސާފުވާ ގޮތުގައި ރޯދަ މަހުގެ އައު ހަނދު މެއި މަހުގެ 15 ވާ އަންގާރަ ދުވަހުގެ ރޭ ޖީއެމްޓީން 11:47 ގައި ފާޅުވާނެއެވެ. އެހެން ނަމަވެސް ހަނދު އެރޭ ހަމަ ލޮލަށް ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ކަމަށް އިލްމްވެރިން ބުނެއެވެ. އެރޭ ހަނދު ފެންނާނީ ޚާއްސަ އިކުއިޕްމަންޓުގެ އެހީގައެވެ.

2017 ވަނަ އަހަރުން ފެށިގެން ސައުދީ އަރަބިއްޔާ އާއި އެހެން އަރަބި ގައުމުތަކުގައި ރޯދަ މަހަށް ހަނދު ބެލުމުގައި ބޭނުން ކުރަމުން އަންނަނީ އިންފްރާރެޑް ޑިޖިޓަލް ކެމެރާ އެވެ. މިފަދަ ކެމެރާ އަކީ އާއްމު ކޮށް ބޭނުން ކުރާ ޓެލެސްކޯޕަށް ވުރެ ބާރު ގަދަ ވަސީލަތެކެވެ.

އިންފްރާރެޑް ކެމެރާގެ އެހީގައި ސައުދީ އަރަބިއްޔާ އިން ރޯދަ މަހުގެ އައު ހަނދު ސާބިތު ކުރުމަށް މި އަހަރުވެސް ނިންމައިފި ނަމަ، މެއި މަހުގެ 15 ވަނަ ދުވަހުގެ ރޭ ސައުދީ އަށް ހަނދު ފެންނާނެ ކަމަށް ބެލެއެވެ. އެހެން ކަމަށް ވެއްޖެ ނަމަ ސައުދީ އަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް ވާނީ މެއި މަހުގެ 16 ވާ ބުދަ ދުވަހެވެ.

އަނެއް ކޮޅުން މެއި 16 ވާ ބުރާސްފަތި ދުވަހުގެ ރޭ ހަމަ ލޮލަށް ދުނިޔޭގެ ގިނަ ގައުމުތަކަށް ހަނދު ފެންނާނެއެވެ. އެހެން ކަމުން ޕާކިސްތާނު ފަދަ ގައުމު ތަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް ވާނީ މެއި މަހުގެ 17 ވަނަ ދުވަސް ކަމަށް ބެލެވެއެވެ.

މިހެން މިކަން އޮތް އިރު ސައުދީގެ ކައުންސިލް އޮފް ސީނިއާ ސްކޯލާރސް ގެ މެމްބަރެއް ކަމުގައިވާ ޝޭޚް އަބްދުﷲ އަލްމަނީ ސައުދީ ގެޒެޓަށް މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އޭނާ އަށް ގަބޫލު ކުރެއްވެނީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކަށް ވާނީ މޭ 17 ވާ ބުރާސްފަތި ދުވަސް ކަމަށެވެ.

އޭނާ ވިދާޅުވީ ޝައުބާން މަހަކީ އާއްމު ގޮތެއްގައި 29 ދުވަހުގެ މައްޗަށް އެކުލެވޭ މަހަކަށް ވުމާއި އެކު މެއި 15 ވާ އަންގާރަ ދުވަހު އިރު އޮއްސުމުން ސައުދީގައި ހަނދު ބަލާނޭ ކަމަށެވެ.

އަދި އެރޭ ހަނދު ނުފެނިއްޖެ ނަމަ މި ޝައުބާން މަހަކީ 30 ދުވަހުގެ މަހެއް ކަމުގައި ސައުދީ އަރަބިއްޔާ އިން ކަނޑައަޅާނެ ކަމަށެވެ. އެހެން ކަމަށް ވެއްޖެ ނަމަ ޝައުބާން މަހުގެ ފަހު ދުވަހަކީ ބުދަ ދުވަހެވެ.

އޭނާ ވިދާޅުވީ، ޝައުބާން މަހުގައި އެކުލެވޭ ދުވަހުގެ އަދަދާ މެދު މީހުންގެ މެދުގައި ޚިޔާލު ތަފާތު ވުމެއް ނެތަސް، 29 ވަނަ ދުވަހުގެ ރޭ ހަނދު ފެނުމާ ނުފެނުމާ ދޭތެރޭ ޚިޔާލު ތަފާތުވުން ހުންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް