ކ. މާލެ
|
29 އޭޕްރިލް 2018 | އާދީއްތަ 19:07
ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުން ނުކުންނަނީ
ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުން ނުކުންނަނީ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ގަވާއިދުން ޗުއްޓީއަށް ދެވޭ، އެކަމަކު ގަވާއިދުން މަޖިލިސް ނުބޭއްވޭ!
 
މަޖިލީހުގެ ބޭނުން ކެނޑޭހިސާބަށް ވަނީ ގޮސްފައި
 
ޗުއްޓީއަށް ދިޔައިރު މަޖިލީހުގައި ހަ ބިލެއް އެބަ އޮތް
 
ގާނޫނުއަސާސީގެ ދަށުން ހަދަންޖެހޭ ގާނޫނުތައް އަދިވެސް ނަހަދާ

މަޖިލިސް ނުބާއްވަނީ މަޖިލީހުން ކުރަންޖެހޭ މަސައްކަތް ނެތިގެންތޯއެވެ؟ މަޖިލިސް ނުބާއްވަނީ މަޖިލިސް ބާއްވާނެ މާހައުލެއް ނެތިގެންތޯއެވެ؟ މަޖިލިސް ނުބާއްވަނީ އިޖުތިމާއީ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހަދަންޖެހޭ ގާނޫނުތައް ހަދައި ނިމިފައިވާތީތޯއެވެ؟ ޖަލްސާތައް ހުއްޓާލާފައި ބާއްވަނީ އެއްބާރުން އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ މަސައްކަތުގައި ކުރަންޖެހޭ ކަމެއް ނެތުނީމަތޯއެވެ؟

ޖަވާބަކީ ނޫނެކެވެ. ކުރަންޖެހޭ ލައްކަ މަސައްކަތް އެބަތޮއެވެ. ގާނޫނުއަސާސީން ބާރު ލިބިގެން ހަދަންޖެހޭ ގާނޫނުތަކުގެ ތެރެއިން އަދިވެސް ހަދަންޖެހޭ 20 ގާނޫނެއް މަޖިލީހުން ނަހަދައެވެ. ގާނޫނުއަސާސީއަށް މިއަހަރު 10 އަހަރު ފުރޭއިރު އަދިވެސް އެ ގާނޫނުތައް އެ ވަނީ ވުޖޫދު ނުކުރެވި "ބުރަކި" ޖެހިފައެވެ.

ސާޅީސް ހަ ދުވަހަށް ފަހު އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ފަހު 30 ދުވަހުގެ ޗުއްޓީއަށް މެމްބަރުން ވަޑައިގެންނެވިއިރު، މަޖިލީހުގައި ހަ ބިލެއް އެބަ އޮތެވެ. ދިރާސާ ކުރުމަށް ފަސް ބިލެއް ކޮމެޓީތަކަށް ފޮނުވާފައިވާއިރު، ބަހުސް މަރުހަލާ ފުރިހަމަ ކުރަން ޖެހޭ ބިލެއް ވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅިފައިވެއެވެ.

މަޖިލީހުގައި މަސައްކަތެއް ނުކޮށް ބާއްވާފައިވާ ހަ ބިލުގެ ތެރޭގައި މީޑިއާ ކޮމިޝަންގެ ބިލާއި ތައުލީމާ ބެހޭ ބިލާއި ހެއްކާ ބެހޭ ބިލާއި ފޮރިން ސާވިސްގެ ބިލުގެ އިތުރުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ވެސް ހިމެނެއެވެ.

މިހުރީ ހައްތަހާ ވެސް މަޖިލީހުން ކުރަންޖެހޭ މަސައްކަތެވެ. ކޮމެޓީތަކުން ދިރާސާ ކުރަންޖެހޭ ބިލްތަކެވެ. މި ބިލްތަކުގެ މަސައްކަތް ކޮމެޓީތަކުން ނުކުރަނީ ކީއްވެގެންތޯއެވެ. މި ބިލްތައް ދިރާސާކޮށް، ތަޅުމަށް ހުށަހަޅައި ބަހުސް ނުކުރަނީ ކީއްވެގެންތޯއެވެ. ކަމާބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށްގެން، އެ ބިލްތަކާ ގުޅޭ ގޮތުން ހޯދަންޖެހޭ ފަންނީ ލަފާ ނުހޯއްދަވަނީ ކީއްވެގެންތޯއެވެ؟ ކޮމެޓީ މަރުހަލާގައި އެ ކަންކަން ކުރިޔަސް ކުރަނީ ނަމެއްގައެވެ. ދޭ ލަފާތަކާ ދިމާ އިދިކޮޅަށް، ބިލަށް އެއްވެސް އިސްލާހެއް ވެސް ނުގެެނެއެވެ. ބިލަކަށް ވިޔަސް، އިސްލާހަކަށް ވިޔަސް، އަދި ދައުލަތުގެ ބަޖެޓް ހުށަހެޅުނަށް އަމަލު ކުރަނީ އެގޮތަށެވެ.

މަޖިލީހުގެ ތަޅުމުގެ ބަހުސް މަރުހަލާގައި ވެސް ކަންކަން ހިނގަނީ އެގޮތަށެވެ. ހުށަހެޅިފައިވާ ބިލަކަށް ނުވަތަ މައްސަލައަށް ބަހުސް ކުރުމުގެ ބަދަލުގައި ދައްކަނީ ބޭކާރު ވާހަކައެވެ. ކަމާ ނުގުޅޭ ވާހަކައެވެ. މަޖިލީހުގެ ބަހުސްގެ ބޭނުމަކީ ހުށަހެޅިފައިވާ މައްސަލައަކަށް ނަޒަރު ހިންގައި، އެކަމުގެ ތެރެއަށް ރަނގަޅަށް ވަދެ، ބަހުސަށް އެކަން ހުޅުވާލުމެވެ. ރައްޔިތުންގެ ބަސް މަޖިލީހަށް އިއްވަން ލިބޭ ދަނޑިވަަޅަކީ އެއީ އެވެ. ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ލިބޭ ފުރުސަތަކީ އެއީ ނޫންތޯއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ކުރަނީ އެ މަސައްކަތްތޯއެވެ. ތަޅުމުން އަޑު އިވިގެން ދަނީ ސަނާ ކިޔުމުގެ އަޑެވެ. ކުރުނީސްކޮށް، ބަރުތީލަކޮށް، ވެދުންތައް އެ ދަންނަވަނީ ހަމައެކަނި އެކަކަށެވެ. ރައްޔިތުން އިންތިހާބުކޮށްގެން، މެމްބަރުން ހޮވީ ސަނާ ކިޔަންތޯއެވެ. އެންމެ އިންސާނަކަށް ތަބާވާންތޯއެވެ. ހައްގުގެ މަގުގެ ހައްގު ބަސް ބުނަން ދިން ފުރުސަތު ނަގާލަނީއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސައްކަތުގައި އަމަލުކޮށް ރިއާޔަތްކުރަންވީ ކަންތައްތައް ގާނޫނުއަސާސީގައި ބުނެފައިވެއެވެ. މަޖިލީހުގެ މެމްބަރުން އަމަލު ކުރަންވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށް ކަމަށް ބަޔާން ކޮށްފައިވެއެވެ. އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއަރުވުމަށް މަގާމުގެ ބޭނުން ކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ބައިމީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިއާޔަތް ކުރައްވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކަން ކަމަށް ބަލައި، އަމަލު ކުރަނީ ކިތައް މެމްބަރުންތޯއެވެ. އިންތިހާބުވީ ޕާޓީދޫކޮށް، އަމިއްލަ މަސްލަހަތުގައި ގެއްލި ދިޔަ މެމްބަރުން އެ ބޭފުޅުން ކުރެއްވި ހުވާ ހަނދާން އެބަހުރިތޯއެވެ. ގާނޫނުއަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިވެހި ގައުމަށް އިހްލާސްތެރިވުމަށާއި ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އަދާކުރީ ކިތައް މެމްބަރުންތޯއެވެ.

ބޮޑު މުސާރަ އާއި އިނާޔަތްތަކާއެކު، އިމްތިޔާޒުތައް އެބޭފުޅުންނަށް ކަށަވަރުކޮށްދީފައި ވަނީ ރައްޔިތުންނަށް އަމާނާތްތެރިކަމާއެކު މަސައްކަތްކޮށް ދޭނެ ކަމުގެ ވައުދު ވެވަޑައިގެންފައިވާތީއެވެ. މުސާރައިގެ ގޮތުގައި ކޮންމެ މަހަކު 82،5000 ރުފިޔާ ލިބިވަޑައިގެންނެވި އެ މެމްބަރުން މިއަދު އަމަލު ކުރައްވަމުން އެ ގެންދަވަނި އެގޮތަށްތޯއެވެ. ނުފޫޒާއި މަންފާތަކުގައި ބައެއް މެމްބަރުން ގެއްލި ގޮސް، ފްލެޓްތައް ބައްލަވައިގެން ނުހައްގު މުއައްސަނދިކަމުގައި ދިރިއުޅުއްވާތަން އެބަފެނެއެވެ. އެ ބޭފުޅުންގެ ލޯތަކަށް ނުފެންނަނީ ގަވާއިދުން އެ ބޭފުޅުން އަމަލު ކުރައްވަން ޖެހޭ ޒިންމާއެވެ. ގަވާއިދުން ބާއްވަންޖެހޭ ޖަލްސާތަކެވެ. ގަވާއިދުން ހުށަހަޅަންޖެހޭ މާލީ ބަޔާންތަކެވެ. ނަޒާހަތްތެރިކަން ދައްކުވައި ދިނުމަށް އާންމު ކުރަންޖެހޭ މާލީ ބަޔާން ރައްޔިތުންނަށް އާންމު ކުރަން އެ މެމްބަރުން ހަނދާނެއް ނެތެވެ.

މަޖިލީހުގައި ބޮޑެތި ގަޑުބަޑުތަކެއް ހިނގައި އިދިކޮޅު މެމްބަރުން މަޖިލިސް ބޮއިކޮޓް ކުރައްވާފައިވާއިރު، މަޖިލީހުގެ މައްސަލަތައް ހައްލު ކުރުމަށް މަޖިލީހުގެ ރިޔާސަތުން ކުރެއްވީ ކޮން މަސައްކަތެއްތޯއެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ތަޅުން ހޫނުވެގެން ދިޔަ ކޮންމެ ދަނޑިވަޅެއްގައި އޭރުގެ ރައީސް އަބްދުﷲ ޝާހިދު އިސްކުރެއްވީ މަޝްވަރާއެވެ. ޝޫރާގެ މަތިވެރިއުސޫލެެވެ. ނަމަވެސް މިހާރު ހުންނެވި މަޖިލީހުގެ ރައީސް އެ އުސޫލު އިސް ނުކުރައްވަނީ ކީއްވެގެންތޯއެވެ. މަޖިލީހުގެ މޮޓޯގައިވާ ގޮތަކަށް ޝޫރާގެ މަތިވެރި އުސޫލު މަޖިލީހުން އަބަދުވެސް އިސްކުރަންޖެހޭނެއެވެ.

އެހެން ނޫންނަމަ އަބަދުވެސް އޮންނާނީ ހާލަތުން ޟަރޫރާގެ ހާލަތު އައިސްފައެވެ.

ފެންނަ މަންޒަރަކީ ބަރާބަރަށް މަޖިލިސް ޖަލްސާތައް ނުބާއްވައި، ބަރާބަރަށް ޗުއްޓީއަށް ވަޑައިގަންނަވާތަނެވެ. ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އާންމުވެގެންދާއިރު، އެކަމާ ކަންބޮޑުވެ، ކޮމެޓީއަކުން ތަހުގީގު ކުރި މައްސަލައެއް ފެންނާކަށް ނެތެވެ. ހާޒިރުކޮށްގެން ސުވާލު ކުރިތަނެއް ވެސް ނުފެނެއެވެ. ރައްޔިތުން ބަލައިގެންފައިވާ ރިޔާސީ ނިޒާމުގެ މި ސިފަތައް މި ދަނީ ގެއްލެމުންނެވެ. ބާރުތައް އެކުވެ ގޮސް، ފާރަވެރިވުމުގެ ނިޒާމު ނެތި ދަނީއެވެ. މިއީ ދިވެހިން ބޭނުންވި ގޮތްތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
17%
0%
0%
83%
0%
0%
ކޮމެންޓް