މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ 2008 ވަނަ އަހަރު ތަސްދީގު ކުރެވިގެންދިޔަ އިރު، މި ގާނޫނު އަސާސީއަށް އަމަލު ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ގާނޫނު އަސާސިއަށް އަމަލު ކުރަން ފެށިތާ 10 އަހަރު ވެގެންދިޔަ އިރު އަދި ވެސް ގާނޫނު އަސާސީގައި ބައެއް ކަންކަން ފުރިހަމަ ނުވާ ކަމަށް ގާނޫނީ މާހިރުން ފާހަގަކުރެ އެވެ. ހާއްސަކޮށް އެ މާނަކުރުމުގައި ގެންގުޅޭ އުސޫލެވެ. އެމީހަކު ހިތަށް އެރި ގޮތަކަށް މާނަ ކުރުމުގެ ފުރުސަތު ލިބިފައިވުމަކީ ބޮޑު މައްސަލައެއް ކަމަށް އެފަދަ ފަރާތްތަކުން ބުނެ އެވެ. ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކާ އެކު މީހުންގެ ވިސްނުމައި ފިކުރު ވެސް އަންނަނީ ބަދަލުވަމުންނެވެ. އެހެން ކަމުން އިންސާނުން އަމިއްލައަށް އުފައްދާ އެއްޗެއްގައި މައްސަލައެއް ހުރުމަކީ ނުވާނެ ކަމެއް ނޫންތާއެވެ. އެހެން ނަމަވެސް ގާނޫނުތަކަށް ވަކި މަންފާއެއް ހާސިލު ކުރުމަށް ބަދަލުތައް ގެންނަމުންދާ ކަމަށް ގާނޫނީ ވަކީލުން ފާހަގަކުރެ އެވެ.
ގާނޫނު އަސާސީގައިވަނީ އެއިރެއްގައި ވެރިކަމެއް ކުރުމަށް ރައްޔިތުން ގަބޫލު ކުރާ މައިގަނޑު ކަންކަން ބަޔާންކޮށްފައިވާ އިރު ދައުލަތް ހަމަ މަގުން ހިންގާ އެއްވެސް ބަޔަކަށް އެހެން މީހެއްގެ ގަޔަށް އަތްލައި ހިތަށްއެރި ގޮތެއް ނުހެދޭނެ ކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ.
ކަން މިހެން އޮތް އިރު ގާނޫނު އަސާސީގައި ރައްޔިތުންނާ ގުޅޭ ރައްޔިތުން އެއަށް ތަބާވާންޖެހޭ ކަންކަން ވަނީ ބަޔާންކޮށްފަ އެވެ. އަދި ރައްޔިތުނަށް ލިބިގެންވާ ގިނަ ހައްގުތަކެއްގެ ވާހަކަވެސް ބަޔާންކޮށްފައިވެ އެވެ. އެހެން ނަމަވެސް މި ހައްގުތައް އެނގެނީ ކިހާވަރަކަށް ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ފުރިހަމައަށް ނޭނގި ނުވަތަ ހޭލުންތެރި ނުވުމުގެ ސަބަބުން، އެހެން ބަޔަކު އޭގެ ނާޖައިޒް ފައިދާ ނެގުމުގެ ފުރުސަތުދީގެން ނުވާނެ އެވެ. ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ފުރިހަމައަށް ކިޔައިދީ އެ ހައްގުތަކަށް އާންމުން ހޭލުންތެރި ކުރެވެމުންދާ މަންޒަރު މި މުޖުތަމައުން އެއްވެސް ވަރަކަށް ފެނިގެންނުދެ އެވެ. އެންމެ ކުޑަ މިނުން ސަރުކާރަށް ވެސް ގާނޫނު އަސާސީއަށް އާންމުން ހޭލުންތެރި ކުރުމަށް އެންމެ އެކަށީގެންވާ މިންވަރެއްގައި ކަންކަން ކުރެވެމުން ނުދެ އެވެ.
މިގޮތަށް ގާނޫނު އަސާސީ ނޭންގެނީ ގާނޫނު އަސާސީގެ ވާހަކައަކީ މީހުން އެހާ ގަޔާވާ ވާހަކައަށް ނުވާތީ ކަމަށްވެދާނެ އެވެ. އެހެން ނަމަވެސް މިކަމުގެ މުހިއްމުކަން ހާމަކޮށް މުޖުތަމައު ހޭލުންތެރިކޮށްފި ކަމުގައިވާ ނަމަ، ގާނޫނު އަސާސީ އެނގޭ މީހުން ނުވަތަ ހޭލުންތެރިވެފައިވާ މީހުން ގިނަ ވެދާނެ އެވެ.
ގާނޫނު އަސާސީގެ ދެވަނަ ބާބުގައި އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކޮށްފައިވާ އިރު ގިނަ ހައްގުތަކެއް ހިމެނެ އެވެ. ހައްގުތަށް ކަށަވަރު ކުރުމާއި ތަފާތު ނުކުރުމާއި ދިރިއުޅުމުގެ ހައްގުން ފެށިގެން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި އަޅުވެތި ނުކުރުމާއި ގަދަކަމުން މަސައްކަތް ނުކުރުވުމާއި ހަޅުތާލު ކުރުމުގެ ހައްގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ޝަހްސީ ޒިންމާއާއި ގާނޫނާ ހިލާފަށް ހައްޔަރު ކުރުމާއި ބަންދުނުކުރުމާއި ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކުގެ ވާހަކައިގެ އިތުރުން ވެސް މުހިއްމު ގިނަ ކަންތައްތަކެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެ އެވެ.
ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކަށް ބަލާ އިރު އެމީހަކު ހައްޔަރު ކުރެވުނު ސަބަބު ވަގުތުން އެ މީހަކަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ހައްޔަރު ކުރެވުނު ސަބަބު ލިޔުމުން އެމީހުންނަށް ދޭއްޖެހޭނެ އެވެ. ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާ އިރު ލަސްކުރުމެއް ނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި އެމީހަކު އެ ހައްޔަރު ކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް ފަހިކޮށްދޭން ވާނެ ކަން ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ނުދީ ހަނު ހުރުމުގެ ހައްގުވެސް ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވެ އެވެ.
ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުގެ ދަށުން 47 ވަނަ މާއްދާގައި ބުނެފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި އެއްވެސް މީހެއްގެ ގަޔަށް އަތްލައި ފާސްކޮށް މީހެއްގެ އެއްޗެއް ގަދަކަމުން އަތިލައިގަނެގެން ނުވާނެ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ނޫނީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެ މީހެއްގެ ނުރުހުމުގައި ވަދެގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ގާނޫނު އަސާސީގެ 25 ވަނަ މާއްދާގައި އެއްވެސް މީހަކު އަޅުވެތިކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކު ލައްވައި މަޖުބޫރުން މަސައްކަތްކުރުވައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި ފާހަގަކުރި ކަންކަން އެނގޭ މީހުން މި މުޖުތަމައުގައި ވަރަށް މަދެވެ. މިއީ އަދި ގާނޫނު އަސާސީގެ ވަރަށް ކުޑަ މިންވަރެކެވެ. ގާނޫނު އަސާސީ ނޭންގޭ ކަމުގައިވާނަމަ އެމީހަކަށް ގައުމެއް ނޭންގެ އެވެ. ގައުމު ނޭންގި ހުރެ އެގައުމެއްގައި އުޅުމަކީ ލަދުގަންނަން ޖެހޭނެ ކަމެކެވެ.
ރައްޔިތުން ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށް އުންމީދު ކުރި ގާނޫނު އަސާސީއަކީ ހަމައެކަނި ގާނޫނީ ވަކީލުން ކިޔަން ޖެހޭ އެއްޗެއް ނޫނެވެ. ދިވެހި ކޮންމެ ރައްޔިތަކުވެސް މިގާނޫނު އަސާސީގައި ލިބޭ ހައްގުތަކާއި ނުލިބޭ ހައްގުތައް އެނގެން ޖެހެ އެވެ. ފޮތެއް އޮތަސް އެދުރެއް ނުވާނެއޭ ބުނާ ފަދައިން ގާނޫނު އަސާސީއެއް އޮތް ކަމުގައިވީ ނަމަވެސް އޭގައި ލިޔެފައިވާ އެއްޗެއް ނޭންގޭ އާބާދީ ބޮޑުވެ ރައްޔިތުން އަޅާނުލާ އެއްޗަކަށް ވުމުން ރައްޔިތުންނަށް ނުވަތަ ގައުމަށް އެއްވެސް ފައިދާއެއް ނުކުރާނެ އެވެ.
ގާނޫނު އަސާސީ ދިފާއު ކުރެވޭނީ ނުވަތަ އެކަމާ ގުޅޭ ވާހަކަދެއްކޭނީ ވެސް އޭގައި އޮތް އެއްޗެއް އެނގިގެންތާއެވެ. ފުރަތަމަ ޖެހޭނީ އެފޮތް ކިޔާށެވެ. އެ ގާނޫނު އަސާސީގައި ލިޔެވިފައިވާ ކަންކަމަށް ހޭލުންތެރިނުވެ ހުރެ ގައުމުގެ ހާލަތު ބަދަލު ކުރުމަށް ނުވަތަ ގައުމަށް ހިދުމަތް ކުރުމަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ.