ކ. މާލެ
|
24 ފެބްރުއަރީ 2017 | ހުކުރު 18:34
ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިޔާތެއްގެ ތެރެއިން
ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިޔާތެއްގެ ތެރެއިން
ރާއްޖެއެމްވީ
ސްޕްރީމް ކޯޓު
އިންސާފެއް ނުލިބޭ ހިންގަނީ ޖަންގަލީގެ ގާނޫނު
 
ސްޕްރީމް ކޯޓަކަށް އެއްވެސް ފަނޑިޔާރެއް ވަތްކެއް ނުކުރެވޭނެ
 
ފަނޑިޔާރުން ވަކިކުރުމުގެ ބާރު ގާނޫނު އަސާސީއިން ދީފައިވަނި ރައްޔިތުންގެ މަޖިލީހަށް
 
ފަނޑިޔާރުންނާއި ދޭތެރޭ ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީއިން ދީފައިވަނީ ޖޭއެސްސީ އަށް

ދިވެހިރާއްޖޭގެ ކޯޓުތަކުން އިންސާފު ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު، އެ ކޯޓުތަކުގެ ދިފާއުގައި ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޖުޑީޝިއަލް ސާވިސް ކޮމިޝަނުން އަބަދުވެސް ގެންދަނީ ވާހަކަ ދައްކަވަމުންނެވެ.

ފުލު ފުލުގައި ބަޔާންތައް ނެރެ، ޝަރުޢީ ދާއިރާގެ ރަނގަޅު ވާހަކަ ރައްޔިތުންނަށް ކިޔައިދޭން ކިތަންމެ މަސައްކަތެއް ކުރަމުން ގެންދިޔަ ނަމަވެސް، ކޮންމެ ދުވަހަކު ވެސް ހާމަވަމުން ގެންދަނީ ޝަރުޢީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތަކެވެ.

ބަރަހަނާ ވީޑިއޯތަކުގެ މައްސަލަ ފެންމަތިވި ފަނޑިޔާރުގެ ކުށެއް ނެތް ކަމަށް ނިންމުމާއި، ހަގީގަތާ އެއްގޮތަށް ދައްކަވާ ވާހަކަތަކަށް ބަލާފައި ފަނޑިޔާރުން ސަސްޕެންޑް ކުރުން ފަދަ ކަންތަކާ އެކު ގިނަ ބައެއްގެ ފާޑުކިޔުން ޖޭއެސްސީއަށް ވަނީ އަމާޒުވެފައެވެ. އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ގެންގުޅޭ އާދަޔާ ޚިލާފު އުސޫލުގެ ވާހަކައަކީ ވެސް ގިނަ ބަޔަކު ދައްކާ ވާހަކައެކެވެ.

ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުން ބޭއިންސާފުން ކުރިއަށް ގެންގޮސްފައިވާއިރު، އެ ކޯޓްތަކަށް އައްޔަން ކުރި ފަނޑިޔާރުންނަށް، ނުފޫޒުން އެއްކިބާވެ އިންސާފުން ހުކުމް ކުރުމުގެ ފުރުސަތު ލިބިދާނެތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެފަދަ ސުވާލުތަކަށް ބާރުލިބިދޭ ބޮޑު ކަމެއް ދާދިފަހުން ސްޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. އެއީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ފަނޑިޔާރު ކަމުން ވަކި ކުރުމެވެ.

ގާޒީ މަރިޔަމް ވަހީދާ ދެކޮޅަށް ސުޕްރީމް ކޯޓުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ އެކޯޓު ނިންމުމާ ޙިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އޭޖީ އޮފީހުން ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ.

ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް ގާޒީ މަރިޔަމް ވަހީދު ވަނީ ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުން ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށ، ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ސްޕްރީމް ކޯޓުން މިގޮތަށް ނިންމި އިރު ކޯޓުތަކުން މައްސަލަތައް ބަލައިގަންނަ އުސޫލަކީ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއް ކޯޓުން ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ނިންމަވަނީ ކޯޓުގެ ރެޖިސްޓްރާއެވެ. ރެޖިސްޓްރާ އެ މައްސަލައެއް ރެޖިސްޓްރީ ކުރުމަށް ފަހު ދެން އެ މައްސަލައެއް ފޮނުވަނީ ކޯޓުގެ އިސްފަނޑިޔާރަށެވެ.

އޭގެފަހުން އެ މައްސަލަ ބައްލަވާނެ ފަނޑިޔާރެއް ނިންމަވަނީ އެ ކޯޓެއްގެ އިސްފަނޑިޔާރަށެވެ. އެހެންކަމުން ސިވިލްކޯޓުގެ ގާޒީ މަރިޔަމް ވަހީދު ނިންމެވި މައްސަލައާ ގުޅިގެން ހަމައެކަނި ފިޔަވަޅު އަޅަން ޖެހެނީ މަރިޔަމް ވަހީދަށް އެކަންޏެއް ނޫނެވެ. މަރިޔަމް ވަހީދާއި އެ މައްސަލަ ކޯޓަށް ބަލައިގަންނަން ނިންމެވި ރަޖިސްޓްރާ އާއި އެ މައްސަލަ ހަވާލުކުރެއްވި އިސްފަނޑިޔާރަށް ވެސް ފިޔަވަޅު އަޅަންޖެހޭނެއެވެ. ސަބަބަކީ އިސްފަނޑިޔާރަށް ނޭނގޭ ނުވަތަ ހަވާލުނުކުރާ މައްސަލައެއް ދަށަށް ތިބި ފަނޑިޔާރުންނަށް ނުބެލޭނެތީއެވެ. އެހެންކަމުން މަރިޔަމް ވަހީދު އާއި ދޭތެރޭ ފިޔަވަޅު އެޅި ފަދައިން ސްޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެއް ސިވިލް ކޯޓުގެ ރެޖިސްޓްރާ ބަލައިގަތް މައްސަލަ އާއި ސިވިލް ކޯޓުގެ އިސްގާޒީ އެ މައްސަލަ މަރިޔަމް ވަހީދާއި ހަވާލުކުރެއްވި މައްސަލައަކީ ޖޭއެސްސީ އިން ބަލަން ޖެހޭނެ މައްސަލައެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. މިއީ ރާއްޖޭގެ ފަނޑިޔާރަކާ ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅުނު ފުރަތަމަ ފަހަރު ކަމަށް ވާތީއެވެ. ކޮންމެއަކަސް އުފެދޭ ސުވާލަކީ ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިގެންވޭތޯއެވެ؟

ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލް ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގްލަބީއްޔަތުން ފާސްވުމުންނެވެ.

ހަމައެހެންމެ ގާނޫނޫއަސާސީގެ 159 ވަނަ މާއްދާގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަނާއި ހަވާލުކޮށްފައިވާ މަސްއޫލީއްޔަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި އެ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި މަގާމުން ވަކިކުރަން ޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރުމަށް ހުށަހެޅުމުގެ ބާރަކީ ވެސް މުތަލަގުކޮށް ޖޭއެސްސީ އަށް ދީފައިވާ ބާރެކެވެ.

ގާނޫނުއަސާސީގެ މި މާއްދާތަކަށް ބަލާލުމުން ވެސް ފަނޑިޔާރުން ވަކި ކުރުމާއި އައްޔަން ކުރުމުގެ ބާރަކީ ސްޕްރީމް ކޯޓަށް ލިބިގެން ނުވާ ބާރެއް ކަން ހަމަބުއްދިން ވިސްނާލާ ކޮންމެ މީހަކަށް ވެސް ޔަގީންވެ ކަށަވަރުވާނެއެވެ. އަދި ގާނޫނުއަސާސީން ކަނޑައެޅިގެން ވަކި މުއައްސަސާއަކަށް ދީފައިވާ ބާރެއްގެ ތެރެއަށް ސްޕްރީމް ކޯޓުން ވަދެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައިވާކަން އެއީ މިއަދު ފެންނާ އޮތް ހަގީގަތެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނުއަސާސީއާ ގާނޫނުތަކުގެ ބޭރުން އަމަލު ކުރައްވަމުން ގެންދެވި ނަމަވެސް އެ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ތިބި ޖޭއެސްސީ އަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތެވެ. ސަބަބަކީ ޖޭއެސްސީގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް މިވަގުތު އޮތުމެވެ.

ރައްޔިތުންގެ ތެރޭގައި، ސްޕްރީމް ކޯޓުން ގާނޫނުއަސާސީއާއި ގާނޫތަކާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ އިއްޔެ މިއަދަކު ދައްކާ ވާހަކަތަކެއް ނޫނެވެ. ސްޕްރީމް ކޯޓް ދިވެހިންނަށް ލިބުނީއްސުރެން ފެށިގެން ދައްކަމުން އަންނަ ވާހަކަތަކެވެ.

ހައިކޯޓު ދެކުނު ގޮފި ހަދައި އެތަނަށް ބޭނުންވާ ފަނޑިޔާރުން އައްޔަން ކުރީ ގާނޫނާއި ޚިލާފަށެވެ. ގާނޫނުގައި ބުނެފައިވާ މުއްދަތުގައި އެތަން ހަދައި ގާއިމު ކޮށްފައެއް ނުވެއެވެ. ގާނޫނުގައި 90 ދުވަސްތެރޭގައި އެތަނަށް ފަނޑިޔާރުން އައްޔަންކޮށް ކަންކަން ނިންމަން ޖެހޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެކޯޓުން އެތަން ހުންނާނެ ތަން ކަނޑައެޅުމާއި އެނޫން ކަންކަމުގައި ވެސް ވަނީ ގާނޫނާ ޚިލާފުވެފައެވެ.

ސަބަބަކީ ދެކުނު ގޮފި ހުންނާނެ ތަން ކަނޑައެޅުމުގައި ވެފައިވާ އިހުމާލެވެ. ސ. މީދޫގައި ދެކުނު ގޮފި ހުންނާނެކަން ކަނޑައެޅިކަން އެނގޭ އެއްވެސް ލިޔުމެއް މިހާތަނަށް ފެންނަން ނެތުމެވެ. ނޫސްވެރިންނަށް ގޮފި ހަދާ ރަށްރަށް އެނގުނީ އެރަށްރަށުގައި އެތަން ހަދަން އެސްޓިމޭޓް ހޯދުމަށް ކުރެވުނު އިއުލާނުތަކުންނެވެ.

ސުޕްރީމު ކޯޓުގެ ކޮންމެ ނިންމުމެއް ވެސް ނިންމަންވާނެ ގޮތް ބުނެދީފައިވާއިރު، އާންމު ސިޓީތަކާއި ސާރކިއުލަރތަކުން އެކޯޓާއި މުޅި ޖުޑީޝަރީ ހިންގަމުންދަނީ އެއިން ނިންމުމެއް ނިންމި ގޮތެއް، ނިންމުމުގައި ބައިވެރިވި ބަޔެއް އެނގުމެއް ނެތިއެވެ.

ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ބަލަންޖެހޭނެ ކަމަށް ގާނޫނަށް ގެނެވުނު އިސްލާހުގައި ބުނެފައިވަނީ ހިންގުމުގެ ތަޖުރިބާއަށާއި ފަނޑިޔާރު ކަމުގައި ހޭދަކޮށްފައިވާ މުއްދަތަށެވެ. އެހެން ނަމަވެސް ގާނޫނުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ ޑރ. އަޒްމިރަލްދާ އާއި އައްބާސް ޝަރީފް އަދި ޝުވައިބް ޒަކަރިއްޔާ ދެކުނު ގޮތްޕަށް ކަނޑައެޅީ އެއިން ކަމަކަށް ރިއާޔަތް ނުކޮށް ކަމަށް ޝަރުޢީ ދާއިރާގެ ފަރާތްތަކުން ގަބޫލުކުރެއެވެ.

ކަމެއް ނިންމާއިރު އެނިންމުމެއް ނިންމީ ކީއްވެތޯ، ނިންމުމުގައި ރިޢާޔަތް ކުރީ ކޮން ކަމަކަށްތޯ ބަލަން ޖެހެއެވެ. އަދި އެނިންމުމެއް ނިންމި ގޮތެއް އެކަމެއް ރައްދުވާ ފަރާތަކަށް ލިޔުމުން އަންގަންޖެހެއެވެ. އެކަމެއް ނިންމިގޮތާއި ސަބަބު ލިޔުމުން ލިބިގަތުމަކީ ކޮންމެ މީހަކަށްމެ ލިބޭނެ އަސާސީ ހައްގެއް ކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވެއެވެ. އަދި އެފަދަ ނިންމުމަކީ އެނިންމުމަކުން އަސަރުކޮށްފައިވާނެ ކޮންމެ މީހަކަށް އެކަމާގުޅިގެން ދަޢުވާ ކުރެވިދާނެ ކަމެއްކަމުގައި ގާނޫނު އަސާސީގައި ބަޔާންވެފައި އެބައޮތެވެ.

ކަން މިހެން އޮތް ނަމަވެސް މިނިންމުން ރިވިއުކޮށް ބެލޭނެ ކޯޓެއް ވެސް ނެތެވެ. ސުޕްރީމް ކޯޓުން ގަބޫލު ކުރާ ގޮތުގައި އެކޯޓުގެ އެއްވެސް އިދާރީ ނިންމުމަކާ މެދު ވެސް ޗެލެންޖު ނުކުރެވޭނެއެވެ. އަލްފްރެސްކޯއަށް ޕަނީނޯއަކަށް އޯޑަރު ދީފި ނަމަ އެތަނުން އެނުގެނައި ކަމަށް ވިޔަސް އެއީ އެކޯޓުގެ އަމުރަކާ ޚިލާފުވުން ކަމަށް މިހާރު މާނަކުރެވެއެވެ.

އެއްވެސް ހާލެއްގައި ސަރުކާރުގެ ސިޔާސީ ފަރާތްތަކާ ސަރުކާރުގެ މަޖިލިސް މެންބަރުންނާއި އަދި އެމީހުންނަށް ވާގިދޭ އަދި ފައިސާ ދޭ ވިޔަފާރިވެރިންގެ މައްޗަށް ދައުވާ ކުރެވޭ މަދަނީ/އާއިލީ އަދި ޖިނާއީ މައްސަލަތައް ފަސޭހަގޮތަކަށް ހިންގައިނުލެވޭ ކަމަށް ވެއެވެ.

އެފަދަ މައްސަލަތައް ހިންގުމުގައި ކޯޓުތަކުގައި އިސްގާޒީން އެހެން ގާޒީންނަށް ފިއްތުން ކުރިމަތިކުރުވާކަމުގެ ތުހުމަތުތައް ކުރެވެއެވެ. އަދި މިދެންނެވި ފަދަ ފަރާތްތަކަށް އެއްވެސް ފައިސާއެއް ހައްގެއް ލިބޭ ގޮތަށް އޮންނަ މައްސަލައެއް ނަމަ އެމައްސަލަ ވައިރޯޅިއެއްހާ އަވަހަށް ދަނީ ނިންމަމުންނެވެ. ނުވަތަ ނިންމުމަށް ދަނީ ބާރުއަޅައި އުނދަގޫ ކުރަމުންނެވެ. އެކަން މައްސަލަތައް ހިނގާ ގޮތުން ވަރަށް ސާފުކޮށް އެނގޭ ކަމަށް ވަކީލުން ތުހުމަތު ކުރެއެވެ. އަދި އެކަންކަން ކޮންމެ ދުވަހަކު ދެކެމުންދާ ކަމަށް އެމީހުން ބުނެއެވެ.

މިހާރު ކޯޓުތައް ތަރުތީބު ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރާއި އެކޯޓުގައި ތިބި ބާރު ގަދަ ފަނޑިޔާރުންނާއި، ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ތިބި މީހުންނަށް ކޯޓުތަކަށް އަތް ބޭނޭ ގޮތަށެވެ. އެކަން އެދަނީ ރޯމާ ދުވާލުގައި ހިންގަމުންނެވެ. އެމީހުން ބުނާ ގޮތް ނުހަދާ ގާޒީން އެދަނީ ވަކިކޮށް ސަސްޕެންޑް ކުރަމުންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނާއި ސުޕްރީމް ކޯޓުގެ ބާރުވެރި ފަރާތްތަކުން ފަނޑިޔާރުންނާއި އިސް ގާޒީންނާއި އެހެން ގާޒީންނަށް ތަފާތު ރިކުއެސްޓް ކުރާއިރު އެއިން އެއްވެސް މީހަކު އެއިން ކަމަކަށް އިންކާރެއް ކުރާހެން ހިއެއްނުވެއެވެ.

ފެންނަނީ ހަމަ ވިދާޅުވި ގޮތެއް ހަދާ ތަނެވެ. މިއިން މީހެއްގެ މައްސަލައެއް ބެލޭނެ ތަނެއް ނެތެވެ. އެކަމަކު އަދި ދިވެހިރައްޔިތުން އިންސާފު ހޯދާނެއެވެ. މިގައުމުގައި ތިބި ކޮރަޕްޓް ފަނޑިޔާރުން ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅައި ވަކި ކުރާނެއެވެ.

މީގެ އަހަރުތަކެއް ކުރިން ދިވެހިން ގަބޫލުކުރީ ސިޔާސީ ނިންމުންތައް ނިންމަނީ ހަމައެކަނި ކުރިމިނަލްކޯޓާއި ސުޕްރީމް ކޯޓުން ކަމަށެވެ. ނަމަވެސް މިއަދު ކޮންމެ ކޯޓަކަށް ބެލި ނަމަވެސް އެތަންތަނުގައި ތިބީ ސިޔާސީ މީހުންގެ ދަށުގައި ތިބި މީހުންކަން، ނިންމަމުންދާ ނިންމުންތަކާއި ދައްކާ މަންޒަރުތަކުން އެދަނީ ސިފަވަމުންނެވެ.

ބުނެވިދިޔަ ކަންކަމުގެ މައްޗަށް ފިކުރު ހިންގާލައްވާށެވެ. މިގައުމު އަދު މިދަތުރުކުރަނީ ނާއިންސާފާއި ޖަންގަލީގެ ގާނޫނަށެވެ. މިކަމުގެ ޒިއްމާ ނަގަންޖެހޭނީ ކޮންބައެއްތޯ ނިންމާނީ ލޮބުވެތި ރައްޔިތުންނެވެ. އެއްވެސް ކަހަލަ އަދުލުވެރިކަމެއް ނެތެވެ. ހަމަ ހަމަކަމެއް ނެތެވެ. މިއެންމެނަށް ގާނޫނުގައި ބުނާ އެންމެ ބޮޑު އަދަބު ދިވެހިރާއްޖޭގައި އުފެދޭ މިނިވަން ކޯޓުތަކުން ދޭނެއެވެ. މުޅި ގައުމު ފަނާ ވެފައިވަނީ އަދުލު އިންސާފު ނެތުމުންނެވެ. އިންސާފެއް ނުލިބި ޖަންގަލީގެ ގާނޫނު ހިންގާތީއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް