ޗެރިޓީގެ މަސައްކަތެއް ކުރުމަށް ލިބުނު ފައިސާތަކެއް އަމިއްލަ ތަކެތި ގަތުމަށް ބޭނުން ކުރުމުގެ ތުހުމަތު ތަކެއް ކުރެވެމުން މޮރީޝަސްގެ ރައީސް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެފްރިކާ ބައްރަށް ނިސްބަތްވާ ހަމައެކަނި އަންހެން ލީޑަރު މޮރީޝަސްގެ ރައީސް އަމީނާ ގުރިބް ފަކީމް އިސްތިއުފާ ދެއްވަން ނިންމެވީ މޮރީޝަސްގެ 50 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފަހުއެވެ.
ބީބީސީ ނިއުސްގައި ބުނެފައިވާ ގޮތުގައި އަމީނާގެ މައްޗަށް ބޮޑެތި ހިޔާނާތުގެ ތުހުމަތުތަކެއް ކުރެވޭ އިރު ޖަމިއްޔާއެއްގެ މަސައްކަތްތަކެއް ކުރުމަށް ލިބިފައިވާ ބޭންކް ކާޑެއް ބޭނުން ކޮށްގެން އަމިއްލަ ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ހަރަދުތަކަށް އެތައް ހާސް ޑޮލަރު އަރާ ކަމަށެވެ.
އަމީނާ ވަނީ އޭނާގެ މައްޗަށް ތުހުމަތުގެ ކުރެވޭ ކަންކަން ދޮގުކުރައްވާފައެވެ. އަދި ޖަމިއްޔާއަށް މަދުވާ ހުރިހާ ފައިސާއެއް ރީފަންޑު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަމީނާ ސިޔާސީ މައިދާނަށް ނިކުތުމުގެ ކުރިން މަޝްހޫރުވެފައި ވަނީ ސައިންޓިސްޓެއްގެ ގޮތުންނެވެ.
އަމީނާގެ އިސްތިއުފާއާ ގުޅޭ ގޮތުން މޮރީޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތު ވިދާޅުވީ، ރައީސް އަމީނާ އިސްތިއުފާދެއްވާފައިވާ ކަން އަންގާފައިވާ ކަމަށާއި ކޮންމެ ހާލެއްގައި ވެސް މިގައުމު އިސްކުރާނީ ގައުމުގެ މަސްލަހަތު ކަމަށެވެ. އަދި މޮރީޝަސް އިން ދައްކާ ޑިމޮކްރަސީގެ ރީތި ނަމޫނާ އަށް ފަހުރުވެރިވާ ކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.
އަމީނާގެ މައްޗަށް ކުރެވޭ ފައިސާއަށް ހިޔާނަތްތެރިވުމުގެ މައްސަލަ ކުރިމަތިވެފައިވަނީ ޕްލެނެޓް އަރތު އިންސްޓިޓިއުޓް ކިޔާ ޖަމިއްޔާއަކަށް ހަރަދު ކުރުމަށް ދިން ކްރެޑިޓް ކާޑަކުން އޭނާއަށް ބޭނުންވާ އަންނައުނާއި ގަހަނާއާއި އަމިއްލަ ތަކެތި ގަތް ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
ރައީސް ކަމުގެ މަގާމަށް އަމީނާ އައިސްފައިވަނީ 2015 ވަނަ އަހަރުއެވެ.