Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުއްލި ނުރައްކަލިގެ ހާލަތު

ކުއްލި ނުރައްކަލުގެ ޙާލަތުން ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން ނުރައްކަލަށް!

ކުއްލި ނުރައްކަލުގެ ޙާލަތުގެ ނިވަލުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ ޤާނޫނީ އިޖުރާއަތުތަކެއް ކަނޑަނާޅާ، ވަކި މައްސަލަތަކެއްގައި އެކި ބާވަތްތަކުގެ ފިޔަވަޅުތައް އަޅަމުން

ރާއްޖެ އެމްވީ | 2 މާރިޗު 2018 | ހުކުރު 04:57
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ސިފައިންނާއި ފުލުހުން މާލެތެރޭގެ ސެކިއުރިޓީ ބަލަހައްޓަނީ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ސިފައިންނާއި ފުލުހުން މާލެތެރޭގެ ސެކިއުރިޓީ ބަލަހައްޓަނީ

ފެބްރުއަރީ 5 ގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރާއި އެޤަރާރަށް ގެންނަވާފައިވާ އިޞްލާޙުގެ ދަށުން، ޤާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ގިނަގުނަ އަސާސީ ޙައްޤުތަކަކާއި ދައުލަތުގެ ތިން ބާރުގެ ތެރެއިން ވެރިކަން ހިންގާ ބާރު ފިޔަވައި އަނެއް ދެބާރަށް ލިބިގެންވާ ބައެއް ބާރުތަކާއި އިޚްތިޔާރުތަކާއި، ޖިނާޢީ އިޖުރާއަތުގެ ޤާނޫނު ހިމެނޭ ގޮތަށް ބައެއް ޤާނޫނަށްވެސް ޢަމަލުކުރުން ވަނީ ހުއްޓާލެވިފައެވެ. މިލިޔުމުގެ މަޤުޞަދަކީ ޤާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި އެހައްޤުތަކާއި ގުޅުން ހުރި އިޖުރާޢީ ބައެއް ޤާނޫނުތައް ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަސްޕެންޑްކުރުމަށްފަހު، އެއާއި ގުޅިގެން ދައުލަތުން ޢަމަލުކުރައްވަން ޖެހޭ ކަމަށް ޤާނޫނު އަސާސީ ތަސައްވަރުކޮށްފައިވާ ބައެއް ކަންކަން ނުކޮށް، ހިފެހެއްޓުނު ހައްޤުތަކާއިއެކު ސަސްޕެންޑްވެގެން އަންނަ ބާރުތަކާއި އިޚްތިޔާރުތަކާއި ހަމަތަކުގެ ތެރޭގައި ހިނގާ ތަހްޤީޤުތަކުގެ ނަތީޖާއަށް އަލި އަޅުވާލުމެވެ. ވަކިން ޚާއްޞަ ގޮތެއްގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރުން ހުއްޓާލާފައިވާތީ އޭގެ ސަބަބުން ޤާނޫނު ތަންފީޛްކުރާ އިދާރާތަކަށް ކުރިމަތިވާނެ ކަމަށް ބެލެވޭ ގޮންޖެހުންތަކާއި ޤާނޫނީ ހުރަސްތައް ހާމަކުރުމެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޖިނާއީ ކުށްތައް ތަޙުޤީޤުކުރުމުގައި ޢަމަލުކުރަން ޖެހޭ އަސާސީ އުޞޫލުތައް ބަޔާން ކުރާ ޤާނޫނެވެ. އެ ޤާނޫނަށް ޢަމަކުރުން ހުއްޓާލާފައިވާތީ، ޖިނާއީ ކުށްތަކާއި ގުޅިގެން، ތަޙްޤީޤް ހިންގުމާއި ތަންތަނާއި މުދާ ބަލައިފާސްކުރުމާއި މުދާ ހިފެހެއްޓުމާއި، މީހުން ހުއްޓުވައި ބަލައިފާސްކުރުމާއި، މީހުން ހައްޔަރު ކުރުމުގައި ޢަމަލުކުރަން ޖެހޭ ޤާނޫނީ އުޞޫލެއް މިހާރު އޮތްތޯ ސުވާލު އުފެދެއެވެ. އެއީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ޖިނާޢީ ކުށް ބަޔާންކުރާ ޚާއްސަ 8 ޤާނޫނެއް ފިޔަވައި އެހެން ޤާނޫނުތަކުން އުފައްދާފައިވާ ޖިނާއީ އިޖުރާއަތުގެ އުސޫލުތައް ބާތިލްވެފައިވާތީއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ނިވަލުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ދަނީ ޤާނޫނީ އިޖުރާއަތުތަކެއް ކަނޑަނާޅާ، ވަކި މައްސަލަތަކެއްގައި އެކި ބާވަތްތަކުގެ ފިޔަވަޅުތައް އަޅުއްވަމުންނެވެ. އޭގެ ތެރޭގައި ތަހްޤީޤްކުރުމާއި، މީހުން ހިފެހެއްޓުމާއި، މީސްމީހުންނާއި ތަންތަނާއި މުދާ ބަލައިފާސްކުރުމާއި، ހައްޔަރުކުރުންވެސް ހިމެނެއެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމަށްފަހު ވިއްސަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ގޮސްފައިވާއިރުވެސް، އެޙާލަތަށް ފެތޭ މީސްމީހުން ހިފެހެއްޓުމާއި، ތަންތަނާއި މުދާ ބަލައިފާސްކުރުމާއި، މީސްމީހުން ހައްޔަރުކުރުމުގެ ކަންކަން ތަންފީޒީ އިދާރާތަކުން ކުރަނީ ކޮން ޤާނޫނީ ޤާއިދާތަކަކުން ކަމެއް ރައްޔިތުންނަށް ދައުލަތުން އަންގަވާފައި ނުވެއެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގައި، ކަމާ ގުޅުން ހުރި ޚާއްޞަ ޤާނޫނުތަކެއް ހެދުމުގެ ވާހަކައަކީ ބޭނުމެއް ނެތް ގޮތުގައި ޤާނޫނު އަސާސީގައި ލިޔުނު އިބާރާތްތަކެއް ނޫންކަން ޤާނޫނު އަސާސީ ޑްރާފްޓްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޔައުމިއްޔާތަކުން އެގެއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި ކުރަމުންދިޔަ މުޒާހަރާއިން ފުލުހުން ބާރުގެ ބޭނުކޮށް ރޫޅާލުމުގެ މަސައްކަތް ކުރަނީ

ޤާނޫނު އަސާސީގެ އެގާރަވަނަ ބާބު (ކުއްލި ނުރައްކަލުގެ ޙާލަތު) އަށް ނަޒަރު ހިންގާލާއިރު، އެ ބާބުގެ 258 ވަނަ މާއްދާއިން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާއި ގުޅިގެން އުފެދޭ މިފަދަ ޤާނޫނީ ހުސްކަން ނައްތާލުމަށްޓަކައި، ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަނި ޢަމަލުކުރެވޭ ގޮތަށް ޚާއްސަ ޤާނޫނެއް ފާސްކުރަން ޖެހޭކަން ވަރަށް ސާފެވެ. އެފަދަ ޤާނޫނެއް ދެމިއޮންނާނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތަށެވެ. މީގެ އިތުރުން، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި، ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެއްޓޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން ކަނޑައަޅާފައިވުމުން، ތަންފީޒީ އިދާރާތަކުން މިހާރު ޢަމަލުކުރަމުން ދަނީ ޤާނޫނީ އިމުން ބޭރުން ކަމުގައި ދެންނެވުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ޤާނޫނު އަސާސީއިން ބައެއް ނުވަތަ ޤާނޫނަކުން ބައެއް ސަސްޕެންޑްވުމުން އެކަންކަމާއި ގުޅޭގޮތުން، ވަކިން ޚާއްޞަކޮށް އަސާސީ ހައްޤުތަކާއި ގުޅުން ހުރި ކަންކަމުގައި އަމިއްލަ އިސްނެގުމަށް އިޖުރާއަތުތަކެއް ނުވަތަ ބާރުތަކެއް ތަންފީޒީ އިދާރާތަކުން އުފެއްދުމަކީ ޤާނޫނު އަސާސީ ނުވަތަ ޤާނޫނު ދަންނަ މަފްހޫމަކަށް ނުވުމެވެ. މީގެ އިތުރުން، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާއަކީ ކުއްލި ނުރައްކަލުގެ ޤަރާރުން ހަނިކޮށްފައިވާ ނޫނީ ހިފަހައްޓާފައިވާ މާއްދާއެއްވެސް ނޫނެވެ. ހަމައެއާއެކު، ޤާނޫނު އަސާސީގެ 52 ވަނަ މާއްދާއަކީވެސް މިޙާލަތުގައިވެސް ޢަމަލުކުރަންޖެހޭ މާއްދާއަކަށްވާތީ އެމާއްދާގައިވާ ގޮތުން ޤާނޫނާއި ޚިލާފަށް ހޯދާ ހެއްކާއި، ޝަރީޢަތުގެ މަޖިލީހެއް ނޫން ތަނެއްގައި ވާ އިޢުތިރާފަކީ ހެއްކެއްގެ ގޮތުގައި ބެލެވޭނެ އެއްޗެއް ނޫން ކަމަށްވާއިރު ދައުވާ އުފުލިފައިވާ މީހަކަށް ލިބިދޭ ހައްޤުތައް ކަށަވަރުކޮށްދޭ މާއްދާތައްވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ދިރިއޮވެއެވެ. ކުރުގޮތަކަށް ދަންނަވާނަމަ، މިހާލަތުގައި ޤާނޫނު ތަންފީޛްކުރާ އިދާރާތަކުން މީސްމީހުންގެ އަސާސީ ޙައްޤުތަކަށް އަރައިގަނެ، ކުރަމުންދާ ތަޙުޤީޤަކީ މިނިވަން އިންސާފުވެރި ޝަރީޢަތެއްގައި ޤަބޫލު ކުރެވޭނެ އިޖުރާއަތުތަކެއް މައްޗަށް ހިންގޭ ތަޙުޤީޤެއް ނޫނެވެ. ޚާއްސަކޮށް މިފަދަ ތަހްޤީޤްތަކަށްފަހު ޝަރީއަތުގެ މަރުހަލާތަކަށް ދާއިރު ކުއްލި ނުރައްކަލުގެ ހާލަތު ވުޖޫދުގައި ނެތުމުގެ ފުރުޞަތު ބޮޑުކަމަށްވާއިރު، އެފަދަ ޙާލަތުގައި ވުޖޫދުގައި އޮންނާނެކަމަށް ބެލެވޭ ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ތުހުމަތުކުރެވޭ މީހާގެ މަސްލަހަތަށް އިސްކަން ލިބި އެމަސްލަހަތުތައް ޙިމާޔަތްކުރަމަށް ފަހި ފުރުޞަތެއް އޮންނާނެއެވެ. އަދި އެއާއި ގުޅިގެން އަންނަ، އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްޤުގެ ތެރޭގައި މައްސަލަ ބަލަން ފެށި ހިސާބުން ޢަމަލުކުރެވެނު އިޖުރާއަތުތައް ހިމެނޭނެއިރު އާބިޓްރަރީކޮށް ހިންގޭ ތަހްޤީޤަކުން ހޯދާ ހެއްކާއި ޤަރީނާ މިނެކިރޭނީ އެއީވެސް ޝަރީއަތުގެ މަރުހަލާގެ ބައެއް ކަމުގައި ދެކިގެންނެވެ. މިހެން މިދެންނެވީ، ކުރިން ބަޔާންކުރެވުނު ކަންކަމުގެ އިތުރުން، ޤާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ދައުލަތާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތަށް ބަލާފައެވެ. އެ މައްދާގައިވާ ގޮތުން އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ އާންމުކޮށް ޝާއިޢުކޮށްފައިވާ ޤާނޫނަކުން ނުވަތަ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދެއްގެ ދަށުންނެވެ.

ޤާނޫނު އަސާސީގެ 11 ވަނަ ބާބު (ކުއްލި ނުރައްކަލުގެ ޙާލަތު) ގެ ބަހުސްގައި، ޤާނޫނު އަސާސީ ފާސްކުރުމުގައި ޙަރަކާތްތެރިވި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުން ވަނީ މިއަދު މިދިމާވެފައި ޙާލަތު ލަފާކުރައްވާފައެވެ. 25 ނޮވެމްބަރ 2007 ގައި އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 216 ވަނަ ޖަލްސާގައި، ކުއްލި ނުރައްކަލުގެ ޙާލަތުގެ ބަހުސްގައި އައްޑުއަތޮޅު މެމްބަރު އިބްރާހީމް ޝަރީފް ވަނީ ވަރަށް ސާފު އިބާރާތުން މިވާހަކަ ވިދާޅުފައެވެ. އެމަނިކުފާނު ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ސަރުކާރުގެ އެންމެ އިސްވާޖިބަކަށް ވާންވާނީ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުންކަމާއި، "އެއްވެސް ބަޔަކަށް އެބަޔަކު ހިތަށް އެރިގޮތަކަށް އައިސް ރައްޔިތުންގެ ފުރާނައަށާއި، ޖާނަށް، މުދަލަށް، މިލްކިއްޔާތަށް ގެއްލުންވާފަދަ ގޮތަކަށް މަގުފަހިވެގެންދާފަދަ ގޮތަކަށް ޤާނޫނު އަސާސީ ބައްޓަންވެގެން ގޮސްގެން ނުވާނެ" ކަމަށެވެ. އެޖަލްސާގައި ހަމަ މިމޭރުމުން އެހެން ބައެއް މެމްބަރުންވެސް ވާހަކަފުޅު ދެއްކެވިއެވެ. އެހެން ކަމުން، ޤާނޫނު އަސާސީގެ 258 ވަނަ މާއްދާ އެގޮތަށް ބައްޓަން ކުރައްވާފައިވަނީ ގަސްތުގައި، ސިޔާސީ މަޤުޞަދެއް ޙާޞިލް ކުރުމަށްޓަކައި މާޒީގައި ހިންގާފައިވާ ފަދަ ކުއްލި ނުރައްކަލުގެ ޙާލަތު ކަނޑަނޭޅޭނެ ގޮތް ހެދުމަށާއި، ޒަމާނީ ޑިމޮކްރަސީއެއް ރާއްޖޭގައި އަށަގެންނެވުމަށާއި، ޤާނޫނުގެ ހުކޫމަތު އިންސާފުވެރިކަމާއި ހާމަކަމާއިއެކު ދިވެހިރާއްޖޭގައި ހިންގުމަށާއި، ޤާނޫނުގެ ހަމަހަމަކަން އަފްރާދުންނަށް ލިބިދިނުމަށްޓަކައިކަން އެ މަޖިލީހުގެ ބަހުސްތަކުން ކަށަވަރު ކުރެވެއެވެ.

އެއްވުމެއް ރޫޅާލުމަށ ފުލުހުން ޝީލްޑާއެކު

މިހާލަތުން ދެން އުފަންވަނީ މުޖުތަމަޢުގެ އަމަންއާންމު ގެއްލޭނެ ޙާލަތެކެވެ. މިހެން ދިމާވަނީ ޤާނޫނު އަސާސީގެ 61 ވަނަ މާއްދާގައި ދައުލަތާއި މަތިކުރެވިފައިވާ ޒިންމާ އަދާކޮށްފައި ނުވާތީއެވެ. އެ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުގައި ރައްޔިތުން އެމައްޗަށް ޢަމަލުކުރުމަށް ސަރުކާރުން އަންގާ އެންގުންތަކާއި، ސަރުކާރުގެ ސިޔާސަތުތައް ޢަންމުންނަށް ލިބޭނެ ގޮތަށް ޝާއިޢުކުރަން ވާނެއެވެ. އެހެން ނަމަވެސް، ކުއްލި ޙާލަތުގައި ހިފެއްޓުނު ޙައްޤުތަކާއި މިނިވަންކަމާއި ގުޅިގެން ދެން އެކަންކަމުގެ މައްޗަށް އަމަލުކުރެވޭނެ ޚާއްސަ ޤާނޫނު ވުޖޫދުކޮށްފައި ނުވުމުން ދައުލަތުގެ އިދާރާތަކާއި ރައްޔިތުން ޢަމަލު ކުރަން ޖެހޭ ގޮތާއި އުޞޫލުތައް މިހާތަނަށް ރައްޔިތުންނަށް ދައުލަތުން އަންގަވާފައި ނެތެވެ. މިހާހިސާބުން އުފަންވަނީ ޤާނޫނު އަސާސީގެ 64 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ޣައިރު ޤާނޫނީ އެއްވެސް އަމުރަކަށް ކިޔަމަން ނުވުމުގެ ޙައްޤުގެ ސަބަބުން ދިމާވާ މައްސަލައެވެ. އެ މާއްދާގައިވާ ގޮތުން، ޤާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކަށް، އެއްވެސް މީހަކަށް ޢަމުރެއް ކުރުމުގެ ބާރެއް ނެތެވެ. އަސާސީ ހައްޤުތަކާއި ގުޅޭ އިންތައް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލިސް ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ބާރުގައި އޮތްކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުންވެސް އެކަން ކުރާނެ އިންތަކާއި މިންތައް ކަނޑައެޅިފައިވެއެވެ. އެހެން ކަމުން މިހާލަތުގައި، އަސާސީ ހައްޤުތަށް ހަނިކޮށް ތަންފީޒީ އިދާރާތަކުން ނެރެމުންދާ އަމުރުތައް ނެރެނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންތޯ ސާފުކޮށް ރައްޔިތުންނަށް އަންގައިދޭން ޖެހެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކުރީގެ ރައީސް މައުމޫން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައި

ވީމާ، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރުން ހުއްޓާލެފިވާތީ އާއި މީސްމީހުންނާއި ސުވާލުކުރުމާއި، ބަލައިފާސްކުރުމާއި، ހައްޔަރުކުރުމުގެ އިޖުރާއަތުތަކަކީ އެ ޤާނޫނުގައި ކަނޑައެޅި، ބަޔާންވެގެންވާ ކަންކަންކަމުގައިވީ ހިނދު، އެކަންކަން ބަޔާންކުރާ އިތުރު ޤާނޫނީ ލިޔުމެއް ވުޖޫދަށް ދައުލަތުން ގެންނަވާފައި ނުވާތީ، ހިފެހެއްޓިފައިވާ ނޫނީ ހަނިކުރެވިފައިވާ ދާއިރާގައި ފަރުދުންގެ ޙައްޤަތަކާއި ގުޅޭ ގޮތުން، ޤާނޫނު ތަންފީޛްކުރާ މުވައްޒަފުން ކުރާ އަމުރަށް ކިޔަމަން ނުވުމުގެ އިޚްތިޔާރު ރައްޔިތުންނަށް ލިބޭ ކަމުގައި ޤަބޫލުކުރުމުގެ ފުރުޞަތު އެބައޮތެވެ. އެހެނީ ގާނޫނު އަސާސީގެ 64 ވަނަ މާއްދާ އޮތް ގޮތުން، ޤާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކަށް، އެއްވެސް މީހަކަށް ޢަމުރެއް ކުރުމުގެ ބާރެއް ނެތެވެ. 2008 ފެބްރުއަރީ 11 ވަނަ ދުވަހު އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 251 ވަނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު މުޙައްމަދު އަނިލް ވިދާޅުވެފައިވާ ފަދައިން، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަކީ "މުޅި ދިވެހި ރައްޔިތުންނަށް މީގެ ފައިދާ އާއި މީގެ ލާބައާއި މަންފާ ހޯދާދިނުމަށް" ކުރެވިފައިވާ މަސައްކަތަކަށްވާތީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ޤާނޫނު އަސާސީގެ ވަކި މައްދާތަކެއް ހިފަހައްޓާ ހަނިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާއިރު އޭނާ އަދާކުރައްވަންޖެހޭ އިތުރު ޒިންމާތަކެއްވެއެވެ. އެ ޒިންމާތަކަކީ ޤާނޫނީ ގޮތުން ހިފެހެއްޓޭ ކަންކަމާއި ހަނިކުރެވޭ ކަންކަމާއި ގުޅިގެން، އެމައްޗަށް ރައްޔިތުން ޢަމަލު ކުރަންޖެހޭ އެންމެހާ ގޮތްތަކާއި އުޞޫލުތައް ޤާނޫނީ ލިޔުމެއްގައި ކަނޑައެޅުމެވެ.

މިކަންކަން މިހެން ހުރިއިރު، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރެއްވުމަށް ނެރުއްވި ޤަރާރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހޯއްދެވި އިސްތިޝާރީ ލަފާގެ ނަތީޖާއަށް ރިޢާޔަތްކުރުމުންވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރާ ޤަރާރަކުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ ފަދަ ޤާނޫނީ އަމުރު ކުރުމުގެ ފުރުސަތު ލިބިގެން ނުދާކަން ފާހަގަވެއެވެ. 26 ފެބްރުއަރީ 2018 ގެ ސުޕްރީމް ކޯޓްގެ ލަފާއިން، ރައްޔިތުން އެމައްޗަށް އަމަލުކުރަންޖެހޭ ނުވަތަ ރައްޔިތުންގެ ހައްޤުތަކެއް ހަނިވެ ނުވަތަ ނިގުޅައިގަނެވޭ ފަދަ ޢަމަލެއް ހިންގުމުގެ ބާރު ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް ލިބޭނީ، ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ ޤާނޫނީ ޤާއިދާތައް ހިމެނޭ ޤާނޫނަކުންކަން ސާފުވެއެވެ.

އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ނިވަލުގައި މިވަގުތު ފުލުހުން ހިންގަމުންދާ ތަޙްޤީޤްތަކާއި، ނެރެމުންދާ އަމުރުތަކުގެ ޤާނޫނީ ހައިސިއްޔަތާއި މެދު ސުވާލު އުފެދޭއިރު އަދި މިފަދަ މައްސަލަތަކުގެ ތަހްޤީޤުގެ ހޯދުންތަކާއި ނަތީޖާއިން (އެއީ ހަމަ ހަގީގަތުގައިވެސް ވުޖޫދުގައިވާ އެއްޗެއް ނަމަ) އަދުލު އިންސާފު ޤާއިމްކުރުމަށް އެއްވެސް ބޭނުމެއް ހިފެން އޮންނާނެތޯ ސުވާލު އުފެދެއެވެ. އަދި އާޚިރުގައި ކުއްލި ނުރައްކަލުގެ ޙާލަތުގެ ނިވަލުގައި ރައްޔިތުންގެ އަސާސީ ހައްޤުތަކަށް، ވުޖޫދުގައި ނެތް ބާރެއްގެ ބޭނުން ހިފައިގެން، ހަރުކަށިކަމާއެކު ފިޔަވަޅު އަޅަމުންދާ ފުލުހުން ނުވަތަ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުން، ފަހުގެ މަރުހަލާއެއްގައި ނުރައްކަލަށް ހުށަހެޅުމުގެ ފުރުޞަތު އެބައޮތްކަމަށް ގަބޫލު ނުކުރެވޭތޯއެވެ؟

އެޑިޓަރުގެ ނޯޓް: މިއީ ކުރީގެ އެސިސްޓެންޓް ކޮމިޝަަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ލިޔުއްވާފައިވާ ލިޔުމެވެ. ފައިރޫޝް މިހާރު ގެންދަވަނީ އޮސްޓްރޭލިއާގައި ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންނެވެ. އޭނާ މާސްޓަރސް ހެއްދެވީ ޕޮލީސިންގ، އިންޓެލިޖެންސް އަދި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާ އަދި އިންޓަނޭޝަލް ސެކިއުރިޓީ ސްޓަޑީޒުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!

މިގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާނަމަ، މަގެ ދީނޭ މަގެ ގައުމޭ ނުކިޔާށެވެ!

20 ފެބުރުއަރީ 2018
އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!

17 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

10 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

ކުއްލި ނުރައްކަލުގެ ހާލަތުގައި ޕީޕީއެމް އިން ފުލު ފުލުގައި ޖަލްސާ، އިދިކޮޅު ފަރާތްތަކަށް ފުރުސަތެއް ނެތް!

09 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ސަބަބު

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ސަބަބު

08 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު