ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 18:18
ކުނޫޒް ޕްރެސް ކޮންފްރެންސް
ކުނޫޒް ޕްރެސް ކޮންފްރެންސް
ފާތިމަތު ޝަނާ މުހައްމަދު
ކުނޫޒް ޕްރެސް ކޮންފަރެންސް
މަނާ ކުރިޔަސް އެއްވުންތަކެއް ނުހުއްޓުވޭނެ: އިދިކޮޅު ކޯލިޝަން
 
ރައްޔިތުން މަގު މައްޗަށް ނިކުމެ އަޑު އުފުލާނެ
 
ފުލުހުންނަށް އެކަން ނުހުއްޓުވޭނެ
 
އެއްވުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް

ރޭގަނޑު އެއްވެއުޅުން މަނާ ކުރި ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވުންތައް ނުހުއްޓުވޭނެ ކަމަށާއި 10:30 އަށް ފަހުގައިވެސް މުޒާހަރާކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ކޮންމެ ރައްޔިތަކަށްވެސް އެއްވެ އުޅުމުގެ މިނިވަންކަން ލިބިފައިވާ ކަމަށެވެ.

އަޅުގަނޑުމެން މިބޭނުން ނުރަނީ މިހައްގު ކަމަށާއި ދިވެހި ފުލުހުންނަކަށް އެއްވެސް ގާނޫނަކުން މި ހައްގުތައް ނިގުޅައިގަތުމުގެ ބާރެއް ލިބިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކަމަކީ މާސްްކް އެޅުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ. މާސްކް އަޅައިގެން އުޅުން މަނާ ކުރެވޭނެ އެއްވެސް ގާނޫނެއް ނެތް. މާސްކް އަޅަންޖެހުނު ސަބަބަކީ، ފުލުހުންގެ ތެރޭގައި ޕެޕާ ސްޕްރޭ ޖެހުމަށް ހެދިފައިވާ ގަވައިދުތަކާއި ހިލާފަށް ހިތަން އެރިގޮތަށް މީހުންގެ އަގައާއި ލޮލަށް ޕެޕާ ސްޕްރޭ ޖަހާތީ،" އަމީތް ވިދާޅުވި އެވެ.

މި ޕްރެސް ކޮންފްރެންސްގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނު ކަމެއް ގައުމު ހަމަ މަގަށް އެޅުވުމަށްޓަކާއި ކުރަންޖެހޭ ކަމަށާއި ރައްޔިތުން މަގުމައްޗަށް ނުކުންނަންޖެހޭ ކަމަށެވެ.

"ފުލުހުންވަނީ ސުޕްރީމް ކޯޓުގެ އަމުރުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ ކޯޓަކުން ނެރުނު އަމުރެއް ތަންފީޒުކޮށްފައި. ފަސް ދުވަސް ވަންދެން ދިވެހި ރައްޔިތުންނަށް އޮޅުވާލައިގެން ފުލުހުން އުޅުނު. އެގޮތުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާނެމޭ އެފަރާތްތަކުން ބުނި. ކޯޓަކުން ހުކުމެއް ކުރުމުން ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުން އެއަށް ހުއްޖަތެއް ނުދެއްކޭނެ،" އަލީ ހުސައިން ވިދާޅުވި އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވީ، ސަރުކާރު ހަމަ މަގަށް އެޅުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށާއި މިއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.

"މިއަދު މިފެނިގެންދަނީ ރައްޔިތުންގެ ވެރިއެއް ނޫން. ރައްޔިތުންގެ ވެރިއެއްނަމަ ރައްޔިތުންގެ އަޑު އަހާނެ،" އަބްދުﷲ އަހުމަދު ވިދާޅުވި އެވެ.

މަޖިލީހުގެ އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލެވުނުތާ 10 އަހަރު ފާއިތުވެގެންދިޔަ އިރު ހުރިހާ ރައްޔިތުނަށް ވެސް އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ލިބިފައިވާ ކަމަށެވެ.

"ގާނޫނު އަސާސީގައި ވެރިން ހަމަ މަގަށް ގެނައުމަށް ބާރުތައް ދެވިފައިވޭ. އަދި ރައްޔިތުންނަށް ލިބޭ ބާރު ސިފައިންނާ ފުލުހުންނަށްވެސް ލިބިގެނެއް ނުވޭ. މި ބާރު ހޯދާދީފައިވަނީ މި ބާރު ބޭނުން ކުރުމަށް. ރައްޔިތުން ގައުމު ހަމަ މަގަށް ނިކުންނަންޖެހޭ،" ނިޒާރު ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފު ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުއްވުމަށް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުންގެންދަވާ މަސައްކަތްތައް ފެއިލްވެފައިވާ ކަމަށެވެ. އެގޮތުން ގައުމު އިސްލާހުގެ މަގަށް ގެނައުމަށް ބޭރުގެ ފަރާތްތަކުން ދައްކަވާ ވާހަކަތަކެއް ބީރު ކަންފަތެއްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ، އެއް ރެއަށް ވުރެ އަނެއްރ ޭ ރައްޔިތުން ނިކުންނަ މިންވަރު އިތުރުވަމުންދާ ކަމަށާއި ސަރުކާރުގެ އަނިޔާވެރި އުސޫލުތަކަށް އެއްވެސް ފަރާތަކުން ތަބާވަން ނުޖެހޭ ކަމަށެވެ.

"ވެރިކަމެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އެހެން ކަމުން ރައްޔިތުން މިއަދު ބަސް ބުނަން ޖެހޭ. ރައްޔިތުންގެ ހައްގުތައް ހޯދުމަށް އަމިއްލައަށް މަސައްކަތް ކުރަންޖެހޭ" މުހައްމާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
88%
0%
0%
0%
13%
ކޮމެންޓް
25 ފެބްރުއަރީ 2018 | އާދީއްތަ 20:54
ހ މ ޒ
ތިކަން އިނގޭ މާ ކުރިންވެސް...