ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 10:00
ހުސައިން ޝިފާއު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއިއެކު
ހުސައިން ޝިފާއު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއިއެކު
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
ޝިފާއު ހައްޔަރުކޮށްފައިވަނީ ކުނޫޒް ސަރަހައްދުގައި ހުއްޓާ
ކުލަ ހެދުމުގައި ތިބި ދެމީހުން ޝިފާއުއަށް އަނިޔާކުރުމަށް މަސައްކަތް ކުރި
އޭނާގެ ކަރާއި މޭމަތީގައި އަނިޔާކުރިކަމުގެ ނިޝާންތައް ހުރި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ އެއްވުމުގެ ބައިވެރިވެރިއެއް ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ވެހިކަލަށް އަރުވާފައި އިންދައި، ބަޔަކު އޭނާއަށް އަނިޔާ ކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެނިގެންދަނީ އެއްވުމުގައި ބައިވެރިވި ޒުވާނަކު ފުލުހުންގެ ވެހިކަލުގައި އިންދައި، ކުލަ ހެދުމުގައި ތިބި ދެ މީހަކު އެ ވެހިކަލަށް އަރައި އޭނާގެ ކަރުގައި ހިފާ މަންޒަރެވެ. މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކުރީގެ ރައީސް މައުމޫންގެ ސަޕޯޓަރެއް ކަމުގައިވާ ހުސައިން ޝިފާއުއެވެ. އޭނާ ވެހިކަލުގައި އިންދައި ކުލަ ހެދުމުގައި ތިބި ދެމީހުން އޭނާއަށް އަނިޔާކުރުމަށް ކަރުގައި ހިފައި ފަހަތަށް ކޮށްޕާ ހަދާފައިވެއެވެ. އެއަށްފަހު ދަގަނޑު ދަހަނާ އަޅައިގެން ތިބި އެސްއޯގެ ދެ ފުލުހަކު ކުލަ ހެދުމުގައި ތިބި ދެމީހުން ޝިފާއު އާއި ދުރުކުރެއެވެ.

ޝިފާއު މިހާރު ދޫކޮށްލާފައިވާއިރު، ޝިފާއުގެ އަންހެނުން ޓްވިޓަރގައި ބުނެފައިވަނީ، ޝިފާއު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލްގައި އޭނާ ފުލުހުންގެ އިދާރާ އާއި ހަމައަށް ގެންދެވެންދެން އެ ވެހިކަލްގައި ތިބި 14 ފުލުހަކު އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.

ކުލަ ހެދުމުގައިވެސް ތިބީ ދެ ފުލުހުން ކަމަށް ބެލެވެއެވެ. ހުކުރުދުވަހުގެރޭގެ އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނި ގޮތުގައި ކުލަ ހެދުމުގައި ފުލުހުންގެ ވެހިކަލަށް އެރި އެކަކީ ހުކުރުދުވަހުގެރޭގެ އެއްވުމުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވެސް މަސައްކަތް ކުރި މީހެކެވެ.

ފުލުހުން ވެހިކަލަށް އެރުވުމަށްފަހު ހައްޔަރުކޮށްފައިވާ މީހާއަށް އަނިޔާ ކުރުމުގެ ބާރު ނޯންނަ އިރު ފުލުހުނަށް ބާރުގެ ބޭނުން ކުރެވޭނީ ފުލުހުން ހައްޔަރު ކުރުމަށް މަސައްކަތްކުރާއިރު އެކަމާއި ދެކޮޅުހަދާއި ހައްޔަރު ނުވުމަށް މަސައްކަތް ކޮށްފި ކަމުގައި ވާނަމ އެކަންޏެވެ. އެހެން ނަމަވެސް ފުލުހުންގެ ވެހިކަލަށް އެރުވުމަށްފަހުވެސް، އަދި އެހެން ހާލަތެއްގައިވެސް ފުލުހުންނަށް އާންމު ރައްޔިތުންނަށް އަނިޔާކޮށް ނުހެދޭނެ އެވެ.

މީގެ އިތުރުން ޝިފާއުއަށް އަނިޔާކޮށްފައިވާކަން އެނގޭ ފޮޓޯތަކެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެގޮތުން އޭނާގެ ކަރުގައާއި މޭގައި އަނިޔާކޮށްފައިވާކަމުގެ ފާހަގަތައް ފެންނަން ހުއްޓެވެ.

މީގެ ކުރިން ފުލުހުން އާންމު ރައްޔިތުންނަށް ހައްޔަރު ކުރުމަށްފަހު އަނިޔާ ކުރާކަމުގެ އަޑުތައް ފެތުރިފައިވާ އިރު މިއީ އެފަދަ ގޮތަކަށް އަމަލުކުރަމުންދަނިކޮށް އާންމުވެފައިވާ ވީޑިއޯ އެކެވެ.

ފުލުހުން އަނިޔާ ކުރަމުންދާ މި ވީޑިއޯ އާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް