ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 19:31
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ
މުހައްމަދު ޝަރުހާން
ޕީޕީއެމް ޕްރެސް ކޮންޕްރެންސް
ޕީޖީ ވިދާޅުވިޔަސް ޣައިރު ގާނޫނީ އަމުރަކަށް ފުލުހުންނާއި ސިފައިން ތަބާވާކަށް ނުޖެހޭނެ: އަބްދުއްރަހީމް
 
ސައްހަ ނިންމުމެއްކަން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުން އެނގޭ
 
މަޖިލީހުން ނިންމާފައި ވަނީ ސައްހަ ނިންމުމެއް
 
މަޖިލީހުގެ ނިންމުންތަކަށް ޕީޖީއަކަށް ސުވާލެއް ނުއުފެއްދޭނެ

ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއްގެ ސައްހަކަމާ މެދު ސުވާލު އުފެއްދޭނެ ބާރެއް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެން ނުވާ ކަމަށާއި ޕީޖީ ވިދާޅުވިޔަސް ޣައިރު ގާނޫނީ އަމުރަކަށް ތަބާވަން ނުޖެހޭނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުން ނިންމާ ނިންމުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެއްދޭނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ޕީޖީއަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

"ޕީޖީ އެހެން ވިދާޅުވި ނަމަވެސް އަދި އެހެން ބޭފުޅަކު އެހެން ވިދާޅުވި ނަމަވެސް ސިފައިންނާ ފުލުހުން ނެތް ވެސް ނުޖެހޭނެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވާކަށް. އަޅުގަނޑުމެން ގަބޫލު ކުރަނީ އަޅުގަނޑުމެން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް. އެއަށް ބާރު ލިބިދޭ އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އަމުރު," އަބްދުއްރަހީމް ވިދާޅުވިއެވެ.

 

މީގެ ކުރިން ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ޕީޕީއެމް އިން ބުނަމުންދިޔައީ، އެބޭފުޅުން ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އާއި އެޓަރނީ ޖެނެރަލްގެ ލަފާތަކަށް ފުރިހަމައަށް އިހްތިރާމު ކުރައްވާނެ ކަމަށާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކަށް އަމަލު ކުރައްވާނީ އެފަރާތްތަކުގެ އިރުޝާދާ އެކު ކަމަށެވެ.

 އަބްދުއްރަހީމްގެ ރާގު ބަދަލުވެފައި މި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތެއް މިހާރު ނެތް ކަމަށާއި މިހާލަތުގައި ހައްޔަރުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް އަންގައިފި ކަމަށް ރާއްޖެ އާއި ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެފައި ވަނިކޮށެވެ.

މިކަމާ ގުޅޭ ގޮތުން ޕީޖީ ބިޝާމްގެ ބަހެއް ލިބިފައިނުވާ އިރު ބިޝާމް މިކަން ދޮގުކުރައްވާފައެއް ވެސް ނުވެއެވެ. މިއަދުގެ ވަގުތެއްގައި ބިޝާމް ވަނީ ރައީސް އޮފީހަށް ހާޒިރުކޮށްފައެވެ. އަދި މިއަދު ޕީޖީ އޮފީހަށް ވަޑައިނުގަންނަވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވެސް ބައިވެރިވަޑައިގެންފައެއް ނުވެއެވެ. 

"ޕެޓިޝަން ހަދައިގެން ކުށްވެރިން ދޫކުރެވޭނެ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރެވިފައެއް ނެތް. 40 ބޭފުޅުން ކީއްކުރަން 80 ވިއަސް ނުވަތަ 250 ސޮއި ކޮށްގެން ވިޔަސް ޝަރީއަތުން މީހެއްގެ މައްޗަށް ހުކުމްކޮށްގެން ހައްޔަރުކޮށްފައިވާ މީހަކު ދޫކޮށްލެވޭނެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެފަދަ ފަރާތްތަކުން ހައްދަވަނީ ބޭރުކާރު ޕެޓިޝަނެއް ކަމަށާއި ތިއީ އެއްވެސް ހާލެއްގައި ރަގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޕެޓިޝަންގެ ނިޒާމެއް ނުހިނގާނެ ކަމަށާއި އެ މަސައްކަތް ހުއްޓާލުމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. ޕެޓިޝަންގެ ވާހަކަ ފާހަގަކޮށްފައިވާ އިރު ޕެޓިޝަން ހަދާފައި ވަނީ ކޮން ބައެއް ކަމެއް އަބްދުއްރަހީމް ހާމަކުރައްވާފައެއް ނުވެއެވެ.

އެހެން ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދެއްމުމާ ދެކޮޅަށް އޭޖީ އޮފީހުގެ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންތަކެއް ޕެޓިޝަނެއް އެކުލަވާލި ކަމަށާއި އެހެން ނަމަވެސް އެކަން އޭޖީ އަނިލް އަށް އެނގުމުން އެކަން ހުއްޓުވާފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިގެން ގޮސްފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
17%
83%
0%
ކޮމެންޓް