ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 05:08
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ކުއްލި ނުރައްކަލުގެ ހާލަތު
ކޯޓްގެ އަމުރު ތަންފީޒުކުރި ނަމަ މީހުން ގަތުލުކުރާ ހަމައަށް ދާނެ: ރައީސް
 
ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ޖަބާވުދާރީ ކުރެއްވޭނެ ބޭފުޅެއް
 
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ނާޒުކު ފައްތަރެއްގައި ހުންނަވާ ބޭފުޅެއް
 
ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ރަގަޅު ނިޔަތެއްގައި ނެރުނު އަމުރެއް ނޫން

ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރި ނަމަ ލޭ އޮހޮރުވުން ހިނގައި، ގަތުލުކުރުމާ ހަމައަށް ކަންކަން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

ބުދަ ދުވަހުގެ ރޭ ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ތުހްމަތު ކުރެއްވި ގޮތުގައި ސުޕްރީމް ކޯޓުން މަސައްކަތް ކުރީ ހަމަޖެހުން ނަގާލުމަށެވެ. އެހިސާބަށް ކަންކަން ދިއުމުން އެ މަނިކުފާނުގެ ސަޕޯޓަރުންނަށް މަޑުން ނުހުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރުމުގެ ގޮތުން ހައްޔަރުކޮށްފައި ތިބި ބަޔަކު ދޫކޮށްލާނަމަ އެ މަނިކުފާނުގެ ސަޕޯޓަރުން މަޑުން ނުތިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ހައްޔަރުން ވީއްލާ ހިސާބުން ދެ ފަރާތު މީހުން މަގުމައްޗަށް ނުކުންނާނެ. ހަމަ ގައިމު ވެސް އަޅުގަނޑަށް ތާއިދުކުރާ މީހުންނަށް މަޑަކުން ނުތިބެވޭނެ މި ހުރިހާ މުޖުރިމުން ދޫކޮށްލާއިރަކުއެއް. އެ މީހުންގެ ފަރާތުން ވެސް ބަޔަކު ނުކުންނާނެ. އެ ދިޔައީ ކޮން ކަމެއްތޯ. އެ ދިޔައީ އަޅުގަނޑުމެންގެ ތެރޭގައި ލާއިންސާނިއްޔަތާއި ތަޅާފޮޅުމަކަށް. އޭގެ ނަތީޖާ ފަހަރުގައި ހަމަ ގަތުލުކުރުމާ ހަމައަށް ވެސް ހިނގައްޖައީސް ކަންނޭނގެ. ހަމަ ގައިމު ވެސް ޖިނާއީ ބޮޑެތި ކަންތައްތަކެއް ހިނގާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއީ ފުރަތަމަ ނެރުނު އަމުރުގެ ނަތީޖާ އަޅުގަނޑުމެންގެ މުޖުތަމައުއާ ބައްދަލުކުރާނެ ގޮތް މި ދެންނެވީ."

ފެބްރުއަރީ 1 ގައި ނެރުނު މި އަމުރު ތަންފީޒުނުކުރުމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ދުރުކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ މައްސަލަ އެޖެންޑާނުކުރީ މިހާރު ސުޕްރީމް ކޯޓްގައި ތިއްބެވި ތިން ފަނޑިޔާރުން ދެކޮޅު ހެއްދެވުމުން ރައީސް ޔާމީން ވިދާޅުވި އެވެ.

"ދެ ވަނައަށް ވެސް ކުރަން އުޅުނު ކަމަކީ މަގުމައްޗަށް މީހުން ނެރެ ލޭ އޮހޮރުވަން،" ރައީސް ޔާމީން ވިދާޅުވި އެވެ.   

"ރައްޔިތުން ގަބޫލެއް ނުކުރާނެ އެގޮތަށް އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރެވޭނެ ކަމަކަށް. އެހެންވީމާ ދެ ވަނައަށް ހޯދި ގޮތަކީ ވެސް ރައްޔިތުން މަގުމައްޗަށް ނެރެވޭނެ ގޮތެއް."

ބަންޑާރަ ނައިބު މަގާމުން ދުރުކުރަން އަމުރެއް ނެރުމަށް ބަހުސް ވެސް ކުރެއްވި ކަމަށާއި އެ އަމުރު ނުނެރެވުނީ މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވޯޓް ނުދެއްވުމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފަށް ވެސް އަނބުރާ މަގާމަށް ގެންނަން އުޅުނު ކަމަށާއި އޭގެ ނަތީޖާއަކަށް ވާނީ ރައްޔިތުން މަގުމައްޗަށް ނުކުތުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު މަގާމުން ދުރުކުރުމަކީ ރައީސް އަށް ލިބިގެންވާ ބާރެއް ކަމަށާއި އެފަދަ ގޮތަކަށް މަގާމުން ދުރުކުރުނުން އަލުން އިޔާދަކުރުމަކީ ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިހާ ހިސާބަށް ކަންކަން ދިޔައީމަ ސުޕްރީމް ކޯޓްގެ އަމުރަށް ފާޑުކިޔަން އެބަ ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.  

ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލަމުންދާ މިދަނޑިވަޅުގައި، މީގެ ކުރިން ދުވަހަކު ވެސް ރައީސް ޔާމީން ޕޯޑިއަމްގައި ވާހަކަ ނުދައްކަވާހާ ގިނައިން އަދި ގާތްގާތުގައި ދަނީ ވާހަކަ ދައްކަވަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
75%
0%
25%
ކޮމެންޓް