ކ. މާލެ
|
13 ފެބްރުއަރީ 2018 | އަންގާރަ 19:29
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ރާއްޖެ އެމްވީ
ސުޕްރީމް ކޯޓުގެ އަމުރު
ރިޝްވަތުގެ ގޮތުގައި އުއްތަމަ ފަނޑިޔާރަށް 2.4 މިލިއަން ޑޮލަރު ލިބިފައިވޭ: ޕޮލިސް
 
މި މައްސަލައިގައި ބޮޑު ކުރިއެރުމެއް ވަނީ ލިބިފައި
 
ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސްއަޅާފައިވޭ
 
ބޭރުން އަގު ބޮޑެތި މުދާ ގަތުމަށް މަސައްކަތް ކޮށްފައިވޭ

ރާއްޖޭގެ ބޮޑު ކުންފުންޏަކުން ނާޖާއިޒު ފައިދާއެއް ހާސިލް ކުރުމަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް 2.4 މިލިއަން ޑޮލަރު ދީފައިވާ ކަމަށާއި އެ ފައިސާ ބޭނުންކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުން ހިންގަމުންދާ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިޝްވަތުގެ ފައިސާ ބޭނުން ކޮށްގެން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަގު ބޮޑެތި މުދާ ގަތުމަށް ދަތުރުކުރައްވައި އެތަންތަނަށް ޒިޔާރަތްކުރައްވައި ވިޔަފާރިތައް ހިންގާފައިވާ ކަމުގެ ކިތާބީ ހެކި ފެނިފައިވާ ކަމަށެވެ. މިކަންކަން ފުލުހުންގެ ތަހުގީގަށް ޔަގީން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ އިތުރަށް އަބްދުﷲ ސައީދުގެ މައްޗަށް ޔަގީން ކުރެވޭ އަނެއް ކަމަކީ، ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސްއަޅާ، މިކަންކަން މިގޮތަށް ކުރުމަށް ސުޕްރީމް ކޯޓުގެ އައިޓީ ވިއުގަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކޮށްފައިވަނީ ސީދާ އަބްދުﷲ ސައީދުގެ ބެލުމުގެ ދަށުން ކަމަށް ތަހުގީގަށް ވަނީ ޔަގީން ކުރެވިފައި،" ޝިފާން ވިދާޅުވި އެވެ.

ފުލުހުން މިހެން ހާމަކޮށްފައިވާ އިރު ފަނޑިޔާރު އަލީ ހަމީދަށް ރާއްޖޭގައި ވިޔަފާރި ހިންގަމުން އަންނަ ބޮޑު ކުންފުންޏަކުން އެހީއެއްގެ ގޮތުގައި 2.4 މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެ އެވެ.

ޝިފާން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީ ގާނޫނީ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރެއްވުމުގެ ތުހުމަތު ކުރެވޭ އިރު، ރައީސް މައުމޫންގެ އޮފީހުގައި ވަޒީފާ އަދާކުރައްވާ ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށިތެރެއިން ގިނަ ހެކި ފެނިފައިވާ ކަމަށެވެ. އެ ފޮށީގެ ތެރެއިން ފެނުނު ޑޮކިއުމެންޓަކުން ރައީސް މައުމޫން މެދުވެރިކޮށް ފާރިސް މައުމޫން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ބައްދަލު ކުރިކަން ސާފުކޮށް އެނގެން އޮތް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކާ މެދު ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ނިކުތުމަށް ހިތްވަރުދީ، އެކަން ރޭވުމުގެ ތުހުމަތު ވެސް ރައީސް މައުމޫންގެ މައްޗަށް ވަނީ އުފުލާފަ އެވެ.

ޝިފާން ވިދާޅުވީ، އޮންނަ އުސޫލުގެ ތެރެއިން ހައްޔަރުކުރެވިފައިވާ ފަރާތްތަކާއި ވަކީލުންނާއި ބައްދަލު ކުރެވޭނެ ކަމަށާއި ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތްތަކުގެ މައްސަލަވެސް ޕީޖީ އޮފީހަށް ހުށަހަޅައިގެން ބަލާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
50%
0%
0%
50%
ކޮމެންޓް