ކ. މާލެ
|
8 ފެބްރުއަރީ 2018 | ބުރާސްފަތި 19:40
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓުގެ ހުކުމް
ސުޕްރީމް ކޯޓަށް ވަން ފުލުހުންނާއި ސިފައިންނަށްގެ މައްޗަށް އުއްތަމަ ފަނޑިޔާރު ކުރެއްވި ހުކުމް އެ ކޯޓުން ދޮގުކޮށްފި
 
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައި
 
ފުލުހުންނާއި ސިފައިންނަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި
 
ސުޕްރީމް ކޯޓުގެ ވަކިވަކި ފަނޑިޔާރުންނަށް ފަރުދީ ގޮތުން އެއްވެސް ބާވަތެއްގެ ހުކުމެއް ނުކުރެވޭނެ

ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އެއްވެސް މީހަކު ބަންދުކުރުމަށް ނުވަތަ ޖަލަށް ލުމަށް ހުކުމެއް ނުވަތަ އަމުރެއް ނެރެފައި ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިކަން މިހެން ހާމަކޮށްފައިވާ އިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލުންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް އެއްވެސް ހުއްދައަކާ ނުލައި އެތަނުގެ ދޮރުތައް ހަލާކު ކޮށްލައިގެން ވަދެ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ހަށިކޮޅުގައި އަތްލައި، ބިންމައްޗަށް ވައްޓާލައި، ބިންމަތީގައި ދަމާ ކޫއްތައިގެން ހައްޔަރުކޮށް، ސަލާމާތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ދޫނިދޫގައި ބަންދުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ އިމުގެ ތެރެއިން ދައުލަތުގެ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތަށް ލިބިދޭ ގާނޫނީ ރައްކާތެރިކަމާއި އިމްތިޔާޒުތަކާއި ކަނޑައެޅިގެން ހިލާފުވާ ގޮތަށް ގާނޫނީ އިޖުރާއަތުގެ ބޭރުން ކަމަށެވެ.

މިކަން މިހެން ހިނގުމުން ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފުލުހުންނާއި ސިފައިންގެ މައްޗަށް އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން 15 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެވަގުތުން ވަގުތަށް ހުކުމް އިއްވާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައި ވަނީ، ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ނިންމަންވާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުން ކަމާއި ސުޕްރީމް ކޯޓުން ބަލާ ކޮންމެ މައްސަލައެއް ނިންމާންވާނީ މަދުވެގެން އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށް ބަޔާންކޮށްފއިވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން އެއްވެސް ބާވަތެއްގެ ހުކުމެއް ނުވަތަ އަމުރެއް ވިޔަސް ނެރެވޭނީ މަދުވެގެން ސުޕްރީމް ކޯޓުގައި އެ ވަގުތަކު ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަމަށް އެކޯޓުން ބުނެއެވެ. ސުޕްރީމް ކޯޓުގެ ވަކިވަކި ފަނޑިޔާރުންނަށް ފަރުދީ ގޮތުން އެއްވެސް ބާވަތެއްގެ ހުކުމެއް ނުވަތަ އަމުރެއް ވިޔަސް ނެރުމުގެ އިހްތިސާސް ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން ލިބިގެންނުވާ ކަމަށް ވެސް މި އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައިވާ އިރު އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
100%
0%
0%
0%
ކޮމެންޓް