ކ. މާލެ
|
5 ފެބްރުއަރީ 2018 | ހޯމަ 11:33
ގާނޫނީ ވަކީލު ހުސައިން ޝަމީމު ޕީޖީ އޮފީސް ސަރަހައްދުގައި
ގާނޫނީ ވަކީލު ހުސައިން ޝަމީމު ޕީޖީ އޮފީސް ސަރަހައްދުގައި
ފާތިމަތު ޝަނާ މުހައްމަދު
ސުުޕްރީމް ކޯޓުގެ އަމުރު
މެންބަރު ފާރިސް ވަގުތުން ވަގުތަށް ދޫކޮށްލުމަށް އެދި ޕީޖީ އޮފީހަށް ސިޓީއެއް ހުށަހަޅައިފި
ޕީޖީ ބިޝާމް އާއި ބައްދަލު ކުރުމަށް އެދިފައިވޭ
މައްސަލައިގެ ޖަވާބު ހޯދުމަށް މަސައްކަތް ކުރާން
ފާރިސް ދޫކޮށްލުމަށް ހުރަސް އަޅާ ފަރާތްތަކާ މެދު ދައުވާ ކުރެވޭނެ

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ވަގުތުން ވަގުތަށް ފާރިސް މައުމޫން ދޫކޮށްލުމަށް އެދި ޕީޖީ އޮފީހަށް ވަކީލުންގެ ޓީމުން ސިޓީއެއް ހުށަހަޅައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ކުރިމަތީގައި ހުންނަވައި ގާނޫނީ ވަކީލު ހުސައިން ޝަމީމު ވިދާޅުވީ، ފާރިސްގެ ގާނޫނީ ޓީމުން ހުށަހެޅި ސީޓީގައި ވަނީ، ސުޕްރީމް ކޯޓުގެ އަމުރު ޕީޖީ އޮފީހުން ކިޔުމަށާއި އެގައި ކަނޑަޅާފައިވާ ގޮތަށް އަމަލު ކުރުމަށް ވަނީ ގޮވާލައްވާފައެވެ.

ޝަމީމު ވިދާޅުވީ، ސިޓީގައި ދެ ކަމެއް ހިމަނާފައިވާ ކަމަށާއި އެއް ކަަމަކީ ވަގުތުން ވަގުތަށް ފާރިސް ދޫކޮށްލުން ކަމަށެވެ. އަދި ދެވަަނަ ކަމަކީ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އެ އަމުރު ތަންފީޒު ކުރުމަށް ހުރަސް ހަޅާ ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ އެދިފައެވެ.

"ސުޕްރީމް ކޯޓުގެ އަމުރުގައި ތަންފީޒު ކުރުމަށް ހުރަސް އަޅާ ފަރާތްތަކާ މެދު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް އަންގާފައިވާތީ. ޕްރޮސެކިއުޓަރ ޖެނެރަލްއަށް ބައްދަލު ކުރުމަށްވެސް އެދުނިން. އެހެން ނަމަވެސް އެކަމަނާ އާ ބައްދަލު ކުރެވޭނީ ފޯމެއް ފުރައްވައިގެން ކަމަށް. މި މައްސަލަ އަވަހަށް ބަލަންޖެހޭ. އަޅުގަނޑުމެން މަސައްކަތް ކުރާނަން އަދިވެސް ޕްރޮސެކިއުޓަރ ޖެނެރަލް އާއި ބައްދަލު ކުރެވޭތޯ. ހުށަހެޅި ސިޓީގެ ޖަވާބު ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ފާރިސް ހިފަހައްޓާފައިވާ ފަރާތްތަކާ މެދު ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ ކަމަށާއި މީގެ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ޓެރަރިޒަމްގެ ދައުވާކޮށްފައިވާ ކަމަށެވެ.

"ރައީސް ޔާމީން އާ ރަށުގައި ބަންދު ކުރެވުނު މައްސަލައެއްގައި ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ ކޮށްފައި. މިހާރު ވެސް ކުރިއަށްދޭ. މިހާރު ގާނޫނީ ބާރު ނުލިބި މިކަން ކުރެވޭ ކަމުގައިވާ ނަމަ، ފާރިސް މައުމޫން ހިފަހައްޓައިގެން އުޅޭ ކަމުގެ ދައުވާ އެބޭފުޅުންނާ ހަމައަށް ކުރެވޭނެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ފާރިސް ވީ އެންމެ އަވަހަށް ދޫކޮށްލުމަށް ފުލުހުންނާއި ޕީޖީއަށް އަންގާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރަށް ގޮތް ދޫކުރައްވާ އަމަލު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ޝަމީމްގެ އިންޓަވިއުއަށް ފަހު ވާރޭ ވެހުމުން އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބުމުން އެސްއޯ ފުލުހުން އައިސް ވަނީ ޕީޖީ އޮފީސް ދޮރުމަތިން ދިއުމަށް އަންގާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް