ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 03:20
ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
ޕީޕަލް މެގަޒިން
މެމްބަތު އިލްހާމް
ފުލުހުންގެ އެދުމުގެ މަތިން ވަރަށް އަވަހަށް މާލެއަށް އައިސް ޖަވާބުދާރީވާނަން: އިލްހާމް
14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފައި
ދެ ފުލުހުން އިލްހާމްގެ ގެއަށް ގޮސްފައިވޭ

ފުލުހުންގެ އެދުމުގެ މަތިން ވަރަށް އަވަހަށް މާލެއަށް ވަޑައިގެން ފުލުހުންނަށް ޖަވާބުދާރީވެވަޑައިގަންނަވާނެ ކަމަށް މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ހޯދުމަށް ފުލުހުންގެ އިދާރާއިން ކުރި އިއުލާނާއި ގުޅިގެން، އިލްހާމް ކުރައްވާފައިވާ ޓްވީޓްގައި ބުނެފައިވަނީ، ބޭރުގައި އުޅޭކަން އެނގި ހުރެ، ބައްދަލު ކުރުމަށް ބޭނުންވާ ކަމަށް ބުނެ ދެ ފުލުހަކު ބުދަ ދުވަހު އިރުއޮއްސުނު ވަގުތު އިލްހާމް މާލޭގައި ދިރިއުޅޭ ގެއަށް ގޮސްފައިވާ ކަމަށެވެ. ގެއަށް ދިޔަ ދެ ފުލުހުން އިލްހާމްގެ އަންހެނުންނާ ވެސް ބައްދަލު ކުރުމަށް މަސައްކަތް ކުރި ކަމަށް އިލްހާމް ވަނީ ހާމަކުރައްވާފަ އެވެ. އެހެން ނަމަވެސް އަންހެނުން ގޭގައި ނޫޅުއްވާތީ ބައްދަލު ނުވި ކަމަށް އިލްހާމް ވިދާޅުވި އެވެ. އަދި އެވަގުތު ގޭގައި ހުރި އިލްހާމްގެ ކޮއްކޮގެ މައުލޫމާތު ފުލުހުން ނެގި ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވަނީ ވަރަށް އަވަހަށް ފުލުހުން އެވިދާޅުވާ ގޮތަށް ފުލުހުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރާއްޖެއަށް ވަޑައިގަންނަވާނެ ކަމަށާއި ސިޔާސީ ބޭނުންތަކަށްޓަކާއި އާއިލާއަށް ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. 

ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އިލްހާމް ހާޒިރު ކުރުމަށް ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ރާއްޖޭން ބޭރުގައި ހުރުމުން ހާޒިރު ކުރެވޭގޮތް ވެފައި ނުވާ ކަމަށެވެ.

އިލްހާމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުން 31 ޖެނުއަރީ ފެށިގެން 14 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ. ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހާޒިރު ނުވެއްޖެ ނަމަ އަޅަންޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް