ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 22:06
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު
ޕޮލިސް
މެންބަރުން ހޯދުން
މެންބަރު ސިނާނާއި އިލްހާމް ހޯދަން ފުލުހުން އިއުލާނުކޮށްފި
މި ދެ މެންބަރުން 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވަނީ އަންގާފައި
އިލްހާމް ހޯދުމަށް ފުލުހުން މިއަދު ގެއަށް ދިޔަ ކަމަށް އޭނާ ވިދާޅުވޭ
ހާޒިރުވާން އެންގީ ފާރިސްއާ ގުޅޭ ތަހްގީގަކާ ގުޅިގެން

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.

މި ދެ މެންބަރުން ހޯދުމަށް ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މ. އަލިމަސްވާދީ، އަބްދުﷲ ސިނާނާއި ގއ. ގެމަނަފުށި، އޯކިޑުމާގެ އިލްހާމް އަހުމަދަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުކުރުމަށް ބޭނުންވެ ދިވެހިރާއްޖޭގައި މިވަގުތު ނެތުމުގެ ސަބަބުން ހާޒިރުކުރެވިފައި ނުވާ ދެ މީހުން ކަމަށެވެ.

ފުލުހުން ބުނީ ސިނާނާއި އިލްހާމް ހާޒިރުކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރި ނަމަވެސް އެ ދެ މީހުން އުޅޭ ވަކި ތަނެއް ނޭނގި ރާއްޖެ އިން ބޭރުގައި ތިއްބެވުމުގެ ސަބަބުން ފުލުހުންގެ ތަހްގީގަށް ހާޒިރުވުމަށް އަންގާ ޗިޓް އެފަރާތްތަކާ ހަވާލުނުކުރޭ ކަމަށެވެ.

ސިނާނާއި އިލްހާމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުން 31 ޖެނުއަރީ ފެށިގެން 14 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި މިމުއްދަތުގެ ތެރޭގައި ތަހުގީގަށް ހާޒިރުނުވެއްޖެ ނަމަ އަޅަންޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މި އިއުލާނު ނެރުމުގެ ކުރިން އިލްހާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭރުގައި ހުންނެވިކަން ފުލުހުންނަށް އެނގޭ އިރު ވެސް ދެ ފުލުހަކު މިއަދު އިރުއޮއްސުނު ވަގުތު، އިލްހާމްގެ އާއިލާ ދިރިއުޅޭ ގެއަށް ގޮސް އިލްހާމް ކޮބައިތޯ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި ގެއަށް ވަދެ އަނބިކަނބަލުންނާ ބައްދަލުކުރުމަށް މަސައްކަތްކުރި ކަމަށް އިލްހާމްގެ އެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. 

ފާރިސްއާ ގުޅޭ ތަހްގީގަކަށް ސިނާނާއި އިލްހާމް ފުލުހަށް ހާޒިރުވާން އަންގާފައިވާ އިރު މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލުމަށް ފަހު ސަރުކާރު ވައްޓާލަން އުޅުމާއި މެންބަރުންނަށް ފައިސާ ބެހިކަމުގެ ތުހުމަތުގައި އެހެން އަމުރެއްގެ ދަށުން ހޮނިހިރު ދުވަހު ހައްޔަރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް