Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މަޤާމުން ވަކިކުރުން

ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

ބޮޑެތި ޑިމޮކްރަސީތަކުގައި ރައީސުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކުރެވުމުން ޝަރީޢަތުން އެބޭފުޅުން މަޤާމުން ދުރުކޮށްފައިވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2018 | ހޯމަ 03:30
ވެރިކަމުން ދުރުކުރެވިފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގިއުން ހައި

ވެރިކަމުން ދުރުކުރެވިފައިވާ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގިއުން ހައި

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ތުހްމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، އެ މައްސަލަތައް ބަލަމުންދާ ވަގުތު އެމަނިކުފާނު މަޤާމުން ދުރުކޮށް، އެ މަޤާމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު އައްޔަންކުރުމަށް އިދިކޮޅު ލީޑަރުން އެވަނީ ހުށަހަޅުއްވާފައެވެ. އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ ސުޕްރީމް ކޯޓަށް ހަމަ ފެނިވަޑައިގަންނަވާ ކޮންމެ ގޮތަކަށް ކަންކުރައްވާކަށް ނޫނެވެ. ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ޤާނޫނު އަސާސީގެ އެކި މާއްދަތަކާއި ހަވާލާދީ، އެޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ސުޕްރީމް ކޯޓުން އަމަލުކުރެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

ވެރިންގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުޤީޤްކޮށް، އެ ވެރިޔަކު މަޤާމުން ދުރުކުރުމަކީ ދުނިޔޭގައި އަލަށް ހިނގި ކަމެއް ނޫނެވެ. ޝަރުޢީ މަރުޙަލާގެ ތެރެއިން ފަހުގެ ތާރީޚުގައިވެސް އެތައް ޤައުމެއްގެ ވެރިން މަޤާމުން ދުރުކޮށް، އެބޭފުޅުންގެ މައްޗަށް ޝަރީޢަތް ހިންގައި، އެބޭފުޅުންގެ މައްޗަށް ޖަލު ޙުކުމްތައް އިއްވާފައިވެއެވެ.

ފަހުގެ ތާރީޚުގައި ކޮރަޕްޝަންގެ ތުހުމަތުތަކުގައި މައްސަލަ ބެލި، ޝަރީޢަތުން މަޤާމުން ދުރުކުރެވުނު ބައެއް ވެރިން:

ނަވާޒް ޝަރީފް – ޕާކިސްތާން

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް މަޤާމުން ދުރުކުރެވުނު ވާހަކައަކީ ދިވެހިންނަށް އާ ވާހަކައަކަށް ނުވާނެއެވެ. އެމަނިކުފާނު ވެރިކަމުން އަޒުލުކުރެވުނީ ރާއްޖޭގައި ހުންނަވާފައި ވަޑައިގެންނެވިތަނާއެވެ. ރާއްޖޭގެ 52 ވަނަ މިނިވަން ދުވަހުގެ ރަސްމީ އިހްތިފާލްތަކުގެ ޝަރަފްވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ޝަރީފް އަނބުރާ ޤައުމަށް ވަޑައިގަތުމާއިއެކު މަޤާމުން ދުރުކުރެވުނީ 28 ޖުލައި 2017 ގައެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް

ނަވާޒު ޝަރީފް ތިން ވަނަ ފަހަރަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތީ 5 ޖޫން 2013 ގައެވެ. އެދުވަސްވަރަކީ ޕާކިސްތާނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް އޮތް ދުވަސްވަރެވެ.

ނަވާޒު ޝަރީފާއި އެމަނިކުފާނުގެ އާއިލާއަކީ ޕާކިސްތާނުގެ އެންމެ މުއްސަނދި އެއް އާއިލާއެވެ. މައުދަނުގެ ވިޔަފާރިއާއި އެހެނިހެން ވިޔަފާރިތައް އެއާއިލާއިން ކުރެއެވެ. ވެރިކަމުން ދުރުކުރެވުނު އިރު ޝަރީފްގެ މިލްކިއްޔާތު އެއް ބިލިއަން ޑޮލަރަށް އަރައެވެ.

ނަވާޒު ޝަރީފް މަޤާމުން އަޒުލުކުރަން ޖެހުނީ އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި ބައެއް ބިންތަކާއި ޖުމްލަ މިލްކިއްޔަތާބެހޭ ގޮތުން އިތުރުފުޅު ހެއްދެވުމުންނެވެ. މިކަންކަން ފަޅާއެރީ 2016 ވަނަ އަހަރު ލީކްވި މަޝްހޫރު ޕެނަމާ ޕޭޕަރސް އިންނެވެ. އެ ލިޔުކިޔުންތަކުން އެނގުނު ގޮތުގައި ނަވާޒު ޝަރީފްގެ އާއިލާއަށް ނިސްބަތްވާ އެތައް މިލިއަން ޑޮލަރެއްގެ އަގު ހުރި ގެތަކާއި ބިންތައް އިނގިރޭސިވިލާތާއި އެހެން ބައެއް ޤައުމުތަކުގައި އެބަ ހުއްޓެވެ.

ޕެނަމާ ޕޭޕަރސްގެ މައްސަލަ ލީކުވުމާއެކު އެމައްސަލަތައް ބެލުމަށް ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާ އާއި އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ގޮވާލިއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ނަވާޒު ޝަރީފް މަޤާމުން އަޒުލުކުރުމަށް ޕާކިސްތާނުގެ ކޯޓުން ނިންމީ އެމަނިކުފާނު އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ލިޔެކިޔުންތަކުގައި ބައެއް މައުލޫމާތު ހާމަކޮށްފައިނުވާކަން ޕެނަމާ ޕޭޕަރސްއިން ފަޅާއެރުމާއި ގުޅިގެންނެވެ.

ޕާކް ގިއުން ހައި – ދެކުނު ކޮރެއާ

ޕާކް ގިއުން ހައި އަކީ ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސެވެ. އެކަމަނާ ވެރިކަމަށް ވަޑައިގަތީ 2013ވަނަ އަހަރެވެ. އަދި ވެރިކަމުން ދުރުކުރެވުނީ 2017ވަނަ އަހަރެވެ. 2013 ވަނަ އަހަރާއި 2014ވަނަ އަހަރު ފޯބްސްއިން ނެރުނު ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 100 އަންހެނުންގެ ތެރޭގައި 11 ވަނައިގައި އެކަމަނާ ހިމެނިވަޑައިގަތެވެ. އަދި އެކަމަނާއަކީ އިރުމަތީ އޭޝިއާގެ އޭރުގެ އެންމެ ބާރު ގަދަ އަންހެން ބޭފުޅާއެވެ.

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގިއުން ހައި

2016ވަނަ އަހަރުގެ ޕާކް ގިއުން ހައިގެ އަރިސް ބޭފުޅަކު އެކަމަނާގެ މަޤާމުން ނާޖާއިޒް ބޭނުން ހިފައި، ދެކުނު ކޮރެއާގެ ބޮޑެތި ކުންފުނިތަކުން ރިޝްވަތުގެ ފައިސާއާއި އެކިއެކި ހަދިޔާ ހޯދަމުން ދިޔަކަން ފަޅާއެރިއެވެ. އޭނާގެ ނުފޫޒު ޕާކް ގިއުން ހައިގެ މައްޗަށް އޮތްކަން ފަޅާއެރިއެވެ. އެހާ ހިސާބުން ދެކުނު ކޮރެއާގެ ފުލުހުން ޕާކްގެ އަރިސް ބޭފުޅާ ހައްޔަރުކުރިއެވެ. އަދި ޕާކް އެކަމަނާގެ ކެބިނެޓާއި ރައްޔިތުންގެ ކިބައިން ތިން ފަހަރު މަޢާފަށް އެދިވަޑައިގަތެވެ. އެހެން ނަމަވެސް ދެކުނު ކޮރެއާގެ އެކި ހިސާބުތަކުގައި އެކަމަނާއާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ފެށުނެވެ. އަދި ޤާނޫނު ހަދާ މަޖިލީހަށް އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން މަޖުބޫރުވިއެވެ.

ޕާކްގެ އިތުބާރު ނެތް ކަމަށް 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ވޯޓު ނެގުނެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގެ 300 މެމްބަރުންގެ ތެރެއިން 234 މެމްބަރުން ޕާކްގެ އިތުބާރު ނެތްކަމަށް ވޯޓު ދިނެވެ. އެހިސާބުން ޕާކް މަޤާމުގެ މަސްއޫލިއްޔަތުން އެއްކިބާކުރެވި، ރައީސްގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވަގުތީ ގޮތުން ބޮޑުވަޒީރު ހުވަންގ ކިޔޯއާން ހަވާލުވެވަޑައިގަތެވެ.

ދެކުނު ކޮރެއާގެ ޤާނޫނު ހަދާ މަޖިލީހުން ޕާކްގެ އިތުބާރު ނެތްކަމަށް ފާސްކުރުމާއެކު އެމައްސަލަ އެޤައުމުގެ ދުސްތޫރީ ކޯޓުން ބަލަން ފެށިއެވެ. އަދި 2017 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު ދެކުނު ކޮރެއާގެ ރައީސްކަމުގެ މަޤާމުން ޕާކް ގިޔުން ހައި ދުރުކުރުމަށް މައްސަލަ ބެއްލެވި އެޤައުމުގެ ދުސްތޫރީ ކޯޓުގެ 8 ފަނޑިޔާރުންގެ އިއްތިފާޤުން ފާސްކޮށް، އެކަމަނާ މަޤާމުން ދުރުކުރިއެވެ.

މަޤާމުން ދުރުކުރުމަށްފަހު 31 މާޗް 2017ގައި ދެކުނު ކޮރެއާގެ ފުލުހުން ޕާކް ހައްޔަރުކުރިއެވެ. އަދި މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިއްޕެވުމައި، ރިޝްވަތާއި، ކޮރަޕްޝަން އަދި ސަރުކާރުގެ ސިއްރުތައް ބޭރުކުރިކަމުގެ ދަޢުވާތައް އެކަމަނާގެ މައްޗަށް 17 އެޕްރިލް 2017 ގައި އުފުލުނެވެ. ރިޝްވަތުގެ ދައުވާތަކުގެ އަދަދު އެކަނިވެސް 18 އަށް އަރައެވެ.

ޕާކްގެ ޝަރީޢަތް ކުރިއަށްދާއިރު މިމަހުގެ 4 ވަނަ ދުވަހު އެކަމަނާގެ މައްޗަށްވަނީ 2013 ވަނަ އަހަރުގެ ކުރީކޮޅު ވެރިކަމަށް ވަޑައިގަތުމަށްފަހު އެކަމަނާގެ މައްސަލަތައް ފެންމަތިވުމާއި ހަމަޔަށް ކޮންމެ މަހަކު ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ފައިސާ ނެންގެވި މައްސަލައިގައި ދައުވާ އުފުލާފައެވެ. އެގޮތުން މަހެއްގެ މައްޗަށް 47 ހާސް އެމެރިކާ ޑޮލަރާއި 2 ލައްކަ ޑޮލަރާއި ދެމެދުގެ އަދަދެއް އެކަމަނާ ނެންގެވިކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

މިފައިސާ ޕާކް އާއި ހަވާލުކުރަން ޖާސޫސީ އިދާރާގެ އެޖެންޓުން ދަނީ ރިޔާސީ ގަނޑުވަރު ބްލޫ ހައުސް ކައިރީގައި ހުންނަ މީހުން މަދު ޕާކިން ޒޯންތަކާއި ގޯޅިގޯޅިއަށްކަމަށްވެއެވެ. އަދި ފައިސާ އާއި ހަވާލުވަނީ ޕާކްގެ އަރިސް ބޭފުޅުންނެވެ.

ޕާކްގެ ޝަރީޢަތް އަދިވެސް ދަނީ ކުރިއަށެވެ. އަދި އޮކްޓޯބަރުން ފެށިގެން އެކަމަނާ އިތުރު 6 މަސްދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޑިލްމާ ރޫސެފް – ބްރެޒިލް

ބްރެޒިލްގެ 36 ވަނަ ރައީސް އަދި އެޤައުމުގެ ފުރަތަމަ އަންހެން ރައީސާ ޑިލްމާ ރޫސެފް މަޤާމުން އަޒުލުކުރެވުނީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމާއި، އެޤައުމުގެ ބަޖެޓް ޤާނޫންތަކާއި ޚިލާފުވެވަޑައިގަތުމުންނެވެ.

އެކަމަނާ ވެރިކަމަށް ވަޑައިގަތީ 1 ޖެނުއަރީ 2011 ގައެވެ. އޭގެ ކުރިން ހުންނެވީ އެކަމަނާގެ ކުރިން ވެރިކަން ކުރެއްވި ލުއިސް އިނާޝިއޯ ލޫލާ ޑި ސިލްވާގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައެވެ. އަދި އެމަޤާމަށް ވަޑައިގަތުމުގެ ކުރިން ބްރެޒިލްގެ ހަކަތައާބެހޭ ވަޒީރުކަން ޑި ސިލްވާގެ ސަރުކާރުގައި 2003 އިން 2005 އަށް އަދާކުރެއްވިއެވެ.

ބްރެޒިލްގެ ކުރީގެ ރައީސާ ޑިލްމާ ރޫސެފް

ބްރެޒިލްގެ ކުރީގެ އަސްކަރީ ޑިކްޓޭޓަރޝިޕާ ދެކޮޅަށް ކުރެއްވި މަސައްކަތުގައި ރޫސެފް ވަނީ 1970 ވަނަ އަހަރުން 1972 ވަނަ އަހަރަށް ޖަލުގައި ހޭދަކުރައްވާފައެވެ.

ލުއިސް އިނާޝިއޯ ލޫލާ ޑިސިލްވާއަށް ފަހު ރޫފެސް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންގެ ބޮޑު ތާޢީދަކާއެކުއެވެ. ވެރިކަމުގެ ފުރަތަމަ ދައުރުގައިވެސް އެކަމަނާގެ މަޤްބޫލުކަން ބްރެޒިލްގައި ބޮޑެވެ. ފުރަތަމަ ދައުރުގެ ފަހުކޮޅު، 2013 ވަނަ އަހަރުގެ މާޗް މަހު އެކަމަނާގެ މަޤްބޫލުކަން 79 އިންސައްތައިގައި ހުރި އިރު، ބްރެޒިލްގެ 63 އިންސައްތަ ރައްޔިތުން ތިބީ ސަރުކާރާއި މެދު ރުހިގެންނެވެ.

މައްސަލަތައް ހޫނުވާން ފެށީ 2015 ވަނަ އަހަރުއެވެ. ބްރެޒިލް ސަރުކާރުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ހިންގެވުމާއި ރޫފެސް ޙަވާލުވެވަޑައިގެން ހުންނެވި ދުވަސްވަރު ހިންގެވި ކޮރަޕްޝަންގެ މައްސަލަތަކެއް އެ އަހަރު ކުރީކޮޅު ފެންމަތިވިއެވެ. އަދި މާޗް މަހާއި އެޕްރީލް މަހު ރައްޔިތުން މަގުތަކަށް ނިކުމެ، ރޫސެފްއާއި ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށިއެވެ. އެއާއެކު އެކަމަނާގެ މަޤްބޫލުކަން ޖުލައި އާއި ހަމަޔަށް އައި އިރު އެންމެ 9 އިންސައްތައަށް ވެއްޓުނެވެ.

ޕެޓްރޯބްރާސްގެ މައްސަލަ ބްރެޒިލްގެ ފުލުހުން ތަހުޤީޤުކުރިއިރު، އެކުންފުނީގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، ސިޔާސީ ގިނަ ބަޔަކު ހައްޔަރުކުރިއެވެ.

ރޫސެފްގެ މަޤާމުން އަޒުލުކުރަން ޖެހުނު މައިގަނޑު މައްސަލައަކަށްވީ އެކަމަނާ ވެރިކަމުގައި ހުންނެވިއިރު ދައުލަތަށް ލިބުނުކަމަށް ބުނާ އާމްދަނީ، ހަޤީގަތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރުވުމެވެ. ރައްޔިތުންގެ ތާޢިދު ހޯދުމަށްޓަކައި ބަޖެޓްގެ ފައިސާ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ނެތި ބަޖެޓްގައި ހިމަނާފައިނުވާ ކަންކަމަށް ޚަރަދުކުރުމާއި، ހިސާބުތައް އޮޅުވާލިކަމަށް އެކަމަނާގެ މައްޗަށް ތުހުމަތުކުރެވުނެވެ. އަދި ސަރުކާރުގެ ދޯދިޔާކަމުން ސޯޝަލް ޕްރޮޓެކްޝަން ޕްރޮގްރާމްތަކަށް ފަންޑުކުރަން ސަރުކާރަށް ނުކުޅެދި، ބޭންކްތަކުން އަމިއްލައަށް އެކަން ކުރަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ.

މިހާ ހިސާބުން ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލީހުގެ ޚާއްސަ ޓްރައިބިއުނަލަކުން މިމައްސަލަ ބަލައި، ދައުލަތުގެ މާލިއްޔަތަށް ޒިންމާވުމުގެ ޤާނޫނާއި ރޫސެފް ޚިލާފުވެވަޑައިގެންފައިވާކަމަށް ނިންމިއެވެ. އެއާއިއެކު އެކަމަނާ މަޤާމުން އަޒުލުކުރުމުގެ މަސައްކަތް ފެށުމަށް ޤާނުނު ހަދާ މަޖިލީހަށް މަޖުބޫރުވިއެވެ.

ރޫސެފް މަޤާމުން އަޒުލުކުރުމަށް ގިނަ އަދަދެއްގެ މައްސަލަތަކެއް ބްރެޒިލްގެ ޤާނޫން ހަދާ މަޖިލީހަށް ވެއްދިއެވެ. އެހެން ނަމަވެސް ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުނު 23 މައްސަލައެއް ފައިލް ކުރެވުނު އިރު، ވަކި ގޮތެއް ކަނޑައަޅާ ހިސާބަށް ކުރިއަށް ދިޔައީ 14 މައްސަލައެވެ. އަދި ކުރިއަށް ގެންދިޔުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނިންމެވީ އެންމެ މައްސަލައެކެވެ. މިމައްސަލަ ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށްދަނިކޮށް، ކުރިން ދެންނެވުނު ޕެޓްރޯބްރާސްގެ މައްސަލައިގައި ޝާމިލް ވާތީ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އެ މައްސަލަ ބެލުމުން އެކަހެރިކުރެވުނެވެ.

2014 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދު ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ނެތި، ނަމްބަރު ނުޖަހައި 6 ޤަރާރެއް ނެރުއްވައި، ރޫސެފް ވަނީ ބަޖެޓް ފައިސާ އެހެން ކަންކަމަށް ޚަރަދު ކުރައްވާފައެވެ. މި ފައިސާތަކުގެ ޢަދަދު 6.9 ބިލިއަން އެމެރިކަ ޑޮލަރަށް އަރައެވެ.

ރޫސެފް ބްރެޒިލްގެ 36 ވަނަ ރައީސްކަމުން އަޒުލުކުރެވުނީ 31 އޮގަސްޓް 2016 ގައެވެ.

ރޫސެފްގެ އިތުރުންވެސް މި މައްސަލަތަކުގައި ގިނަ ބަޔަކު މަޤާމުން ދުރުކޮށް، އެއް ބަޔަކު ހައްޔަރުކުރެވުނެވެ.

ރޮލާންޑަސް ޕަކްސާސް – ލިތުއޭނިއާ

ރޮލާންޑަސް ޕަކްސާސް އަކީ ޔޫރަޕްގެ ޤައުމެއް ކަމަށްވާ ލިތުއޭނިއާގެ ހަތް ވަނަ ރައީސެވެ. އަދި ޔޫރަޕްގެ ޤައުމެއްގެ ވެރިކަމުގައި ހުންނަވަނިކޮށް މަޤާމުން އަޒުލުކުރެވުނު ޔޫރަޕްގެ ފުރަތަމަ ހެޑް އޮފް ސްޓޭޓެވެ.

ލިތުއޭނިއާގެ ކުރީގެ ރައީސް ޕަކްސާސް

ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން ޕަކްސާސް ވަނީ ދެ ފަހަރެއްގެ މަތިން ލިތުއޭނިއާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ. ވެރިރަށް ވިލްނިއާސްގެ މޭޔަރ ކަމުގައި ހުންނަވައި، ޤާނޫނު ހަދާ މަޖިލީހަށް ވާދަކުރައްވައި، 1999 ވަނަ އަހަރު ލިތުއޭނިއާގެ 8 ވަނަ ބޮޑުވަޒީރުކަމަށް ޕަކްސާސް ވެވަޑައިގަތެވެ. އެހެން ނަމަވެސް އިޤްތިޞާދީ ބައެއް ކަންކަމުގައި އުފެދުނު ދެބަސްވުންތަކުގައި ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވިތާ ފަސް މަސް ފަހުން މަޤާމުން އިސްތިއުފާ ދެއްވިއެވެ. ޖެހިގެން އައި 2000 ވަނަ އަހަރު އަނެއްކާވެސް ބޮޑުވަޒީރުކަމަށް ޕަކްސާސް ވަޑައިގަތެވެ. އެހެން ނަމަވެސް މިފަހަރުވެސް ހަތް މަސްފަހުން މަޤާމުން އިސްތިއުފާ ދެއްވިއެވެ.

2002 ވަނަ އަހަރު ޕަކްސާސް ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވައި، 2003 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. ވެރިކަމުގައި ހުންނެވި ވަލްޑަސް އެޑަމްކަސް އާއި ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕަކްސާސްއަށް ލިބިވަޑައިގަތީ އެންމެ 19.7 އިންސައްތަ ވޯޓެވެ. އެހެން ނަމަވެސް ދެވަނަ ބުރުގައި 54.9 އިންސައްތަ ވޯޓު ކާމިޔާބުކުރެއްވިއެވެ.

ޕަކްސާސް ވެރިކަމަށް ވަޑައިގަތީއްސުރެ ރަޝިޔާގެ މާފިއާ ގޭންގްތަކާއި ގުޅުން އޮންނަކަމަށް އައީ ތުހުމަތުކުރެވުމުންނެވެ. ވެރިކަމަށް ވަޑައިގަތްތަނާ މާގިނަ ދުވަހެއް ނުވެ، ޕަކްސާސްގެ ކެމްޕޭނަށް އެހީވެދިން ރަޝިޔާގެ ވިޔަފާރިވެރިއެއްކަމަށްވާ ޔޫރީ ބޮރިސޯވް އަށް ރިޔާސީ ޤަރާރަކުން ލިތުއޭނިއާގެ ރަށްވެހިކަން ދިން މައްސަލަ ފެންމަތިވިއެވެ. ބޮރިސޯވް ވަނީ ޕަކްސާސްގެ ރިޔާސީ ކެމްޕޭނަށް 4 ލައްކަ ޑޮލަރު ޚަރަދުކޮށްފައެވެ.

ބޮރިސޯވްއަށް ރަށްވެހިކަން ދިން ޤަރާރު ޤާނޫނުއަސާސީއާއި ޚިލާފުކަމަށް ލިތުއޭނިއާގެ ދުސްތޫރީ ކޯޓުން ނިންމިއެވެ. ޕަކްސާސް އާއި ރަޝިޔާގެ މާފިއާ ގޭންގުތަކާއި އޮންނަ ގުޅުން ތަހުޤީގުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ސެކިއުރިޓީއިން ފެށިއެވެ. އެއާއިއެކު 2004 ވަނަ އަހަރުގެ ކުރީކޮޅު ލިތުއޭނިއާގެ ޤާނޫނު ހަދާ މަޖިލީހުން ޕަކްސާސް ރައީސްކަމުގެ މަޤާމުން އަޒުލުރުކުރުމުގެ މަސައްކަތް ފެށިއެވެ. އަދި 31 މާޗް 2004 ގައި ލިތުއޭނިއާގެ ދުސްތޫރީ ކޯޓުން، ޕަކްސާސް އޭނާގެ މަޤާމުގެ ހުވަޔާއި ލިތުއޭނިއާގެ ޤާނޫން އަސާސީއާއި ޚިލާފުވެއްޖެކަމަށް ކަނޑައަޅައި އޭނާ ކުށްވެރިވާކަމަށް ނިންމިއެވެ. ޖެހިގެން އައި އެޕްރީލް މަހުގެ 6 ވަނަ ދުވަހު ލިތުއޭނިއާގެ ޤާނޫނު ހަދާ މަޖިލީހުން ޕަކްސާސް ރައީސްކަމުން އަޒުލުކުރުމަށް ފާސްކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު