ކ. މާލެ
|
27 ޑިސެންބަރ 2017 | ބުދަ 12:28
ރ. ދުވާފަރުގައި ހުއިފިލަނޑާތަކެއް އަވީލާފައި
ރ. ދުވާފަރުގައި ހުއިފިލަނޑާތަކެއް އަވީލާފައި
މުހައްމަދު ފަޒީން
ފާނަ އާއި ހުއިފިލަނޑާ ނެގުން
ފާނަ އާއި ހުއިފިލަނޑާ ނެގުން: ގިނަ ފަރުތަކަކާއި ގިރިތަކެއް ވަނީ އެކި ފަރާތްތަކަށް ދީފައި!
 
ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި
 
ކުރިން ވަރަށް ރަނގަޅު އާމްދަނީ ލިބުނު، މިހާރު ނުލިބޭ
 
ފާނައާއި ހުއިފިލަނޑާ ގަންނަ ފަރާތްތައް މަދު

ފާނައިގެ މަސްވެރިކަމާއި ހުއިފިލަނޑާ ނެގުމުގެ މަސައްކަތަކީ ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރައްޔިތުން ކުރަމުންދިޔަ ދެ މަސައްކަތެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކަމަށް އޮތް ޝައުގު ވަރަށް ބޮޑުވެގެން ދިޔަ ދެ މަސައްކަތެވެ.

ފާނަ އާއި ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުން ދިޔަ އެއް އަތޮޅަކީ ރ. އަތޮޅެވެ. އެގޮތުން ރ. ދުވާފަރުގައި ދިރިއުޅޭ ރ. ކަނދޮޅުދޫ ޒުވާނުން އާމްދަނީ ހޯދުމަށް ކުރަމުން ދިޔަ މައިގަނޑު އެއް މަސައްކަތަކީ ވެސް ފާނައިގެ މަސްވެރިކަމާއި ހުއިފިލަނޑާ ނެގުމުގެ މަސައްކަތެވެ.

ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އެމައްސަކަތް ކުރަމުންދިޔަ ޒުވާނުންނަށް މިއަދު ވަނީ މާޔޫސްކަމެއްގެ ތެރޭގައި އުޅެންޖެހިފައެވެ. ގައުމަށް އަންނަ ބަދަލުތަކާއި ކަމާ ބެހޭ އިދާރާތަކުގެ އަޅާލުން ކުޑަވުމާއި ފާނައަށާއި ހުއިފިލަނޑައަށް އެކަށީގެން އަގެއް ނުލިބޭ ކަމަށް ވެސް އެމަސައްކަތުގައި އުޅޭ ބައެއް ޒުވާނުން ދަނީ ބުނަމުންނެވެ.

ރ. ދުވާފަރުގައި ފާނައިގެ މަސްވެރިކަން މީގެ ނުވަ އަހަރުން ފެށިގެން ކުރަމުންދިޔަ އަބްދުﷲ މުހައްމަދު ބުނީ އޭނާ ފާނައިގެ މަސްވެރިކަން ހުއްޓާލިތާ މިހާރު އަހަރެއް ވެއްޖެ ކަމަށާއި ނަމަވެސް މިހާރު ވެސް މަދުމަދުން ފާނައަށް ދާކަމަށެވެ.

އަބްދުﷲ ބުނީ ފާނައިގެ މަސްވެރިކަމުން ކުރިން ރަނގަޅު އާމްދަނީއެއް ލިބުނު ކަމަށެވެ.

"އައިސް ފާނަ ގަތް ދުވަސްވަރު ވަރަށް ރަނގަޅު އާމްދަނީއެއް ލިބުނު. އައިސް ފާނަ ގަތުން ހުއްޓިގެން ދިއުމުން ފާނައިގެ މަސްވެރިކަމަށް ވަރަށް ބޮޑު ހީނަރުކަމެއް އައި. އައިސް ފާނަ ގަތުން ހުއްޓާލުމާ ގުޅިގެން އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ އެމަސައްކަތް ހުއްޓާލީ،" އަބްދުﷲ ބުންޏެވެ.

އަބްދުﷲ ބުނީ އައިސްކޮށްފައި ހުންނަ ފާނަ ގަތް ދުވަސްވަރު އެވްރެޖްކޮށް ކޮންމެ ދަތުރަކުން 2،000-3000 ފާނަ ވިއްކި ކަމަށެވެ.

"މިހާރު ފާނަ ދިރުވައިގެން ގެނައިމާ ގަންނަނީ. މީގެ ކުރިން ފާނައިގެ މަސްވެރިކަން ކުރުމަށް ހއ. ށ. ނ އަތޮޅުތައް ފަދަ އަތޮޅުތަކަށް ދަތުރުކޮށްގެން ވަރަށް ބައިވަރު ފާނަ ގެންނަން އައިސް ކޮށްގެން. އަޅުގަނޑުމެން ފާނައަށް ފުރަނީ ހޮނިހިރު ދުވަހު ހެނދުނު، އަނބުރާ އަންނަނީ ހޯމަ ދުވަހުގެ ރޭ، އަންނައިރު ގެންނަން ގާތްގަނޑަކަށް 2000، 3000 ނުވަތަ 4000 އެއްހާ ފާނަ ގެންނަން އައިސްކޮށްގެން،" އަބްދުﷲ ބުންނެވެ.

އަބްދުﷲ ބުނީ މިހާރު ފާނައަށް ދިއުމުގައި "ރިސްކް" ވެސް ބޮޑު ކަމަށެވެ. އެގޮތުން ފާނަ އުޅޭ ސަރަހައްދުތަކުގައި މިޔަރު ގިނަކަން ވެސް އަބްދުﷲ ފާހަގަ ކުރިއެވެ.

"މިހާރު ފާނައިގެ މަސްވެރިކަމުން ގެއްލުން ބޮޑު. މިޔަރު ގިނަ ކަމުން ރިސްކު ވެސް ބޮޑު މިހާރު. މަރުވާ ފާނަތައް މިހާރު ޖެހެނީ އެއްލާލަން. ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް 200 ނުވަތަ 300 ފާނަ މަރުވެގެން އެއްލާލަން ޖެހޭ. އެހެންކަމުން ފާނައަށްދާ މީހުން ނިސްބަތުން މަދު،" މިހާރު މަހަށް ނުދާ ދުވަހެއް ނަމަ ދޭތެރެ ދޭތެރެއިން މިހާރު ވެސް ފާނައަށް ދާ އަބްދުﷲ ބުންޏެވެ.

އަބްދުﷲ ބުނީ މިހާރު ފާނަ ގަންނަން އަންނަނީ އެންމެ ފަރާތަކުން ކަމަށާއި އެހެންކަމުން ރަނގަޅު އަގެއް ވެސް ނުލިބޭ ކަމަށެވެ.

"ފާނަ ގަންނަށް އެއް ދޯނި އަންނަނީ މިހާރު، ކުރިން އާދެ ދެ ދޯނި. ކުރިން ދެ ދޯނި އަންނައިރު، އެއް ދޯނިން އައިސް ފާނަ ގަންނަ ނަމަ އަނެއް ދޯނި ވެސް އައިސް ފާނަ ގަންނާނެ. އަދި ރަނގަޅު އަގެއް ވެސް ލިބޭ،" އަބްދުﷲ ބުންނެވެ.

އަބްދުﷲ ބުނީ ކުރިން ފާނަ ނަގަންދާ ގިނަ ސަރަހައްދުތައް ވަނީ އެކިއެކި ފަރާތްތަކަށް ސަރުކާރުން ވިއްކާލާފައި ކަމަށެވެ. އެގޮތުން ރިސޯޓެއްގެ ކައިރިން ނުވަތަ ވިއްކާފައިވާ ފަޅެއްގެ ކައިރިން މިހާރު ފާނަ ނުނެގޭ ކަމަށް އޭނާ ބުންޏެވެ.

"މިހާރު އެއްވެސް ދިމާލަކަށް އަޅުގަނޑުމެންނަކަށް ފީނޭކަށް ނޯވެ. މުޅި އަތޮޅު ތެރެއިން ވަރަށް މަދު ތަންކޮޅެއް ފީނެއް މިހާރު މިލިބެނީ. ރިސޯޓްތަކަށް ނަގާފަ، ފަރެއް އޮތިއްޔާ އެފަރު އޮންނަނީ ބަޔަކަށް ދީފައި، ގިރިއެއް އޮތިއްޔާ އެގިރި އޮންނަނީ އަނެއް ބަޔަކަށް ދީފަ، އެހެންވީމާ ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ފާނައިގެ މަސްވެރިކަމަށް،" ފާނައިގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރަމުން އަބްދުﷲ ބުންނެވެ.

ފާނަ: ރާއްޖެއިން އެކްސްޕޯޓް ކުރާ ފަރުމަހުގެ ބާވަތެއް

ފާނައިގެ މަސައްކަތެކޭ އެއްގޮތަށް ހުއިފިލަނޑާގެ މަސައްކަތްކުރާ ފަރާތްތަކަށް ވެސް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ރ. ދުވާފަރަކީ ހުއިފިލަނޑާ ނެގުމުގައި ވެސް ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކުރަމުންދާ އެއް ރަށެވެ.

ދުވާފަރުގައި ހުއިފިލަނޑާ ނެގުމުގެ މަސައްކަތުގައި އުޅޭތާ 14 އަހަރު ވެފައިވާ ހުސައިން ރަޝީދު ބުނީ ކުރިއާ އަޅާ ބަލާއިރު ލިބޭ އާމްދަނީ ދަށް ކަމަށާއި ހިއިފިލަނޑާ ނެގޭލެއް ވެސް ކުރިއަށް ވުރެ މަދުވެފައިވާ ކަމަށެވެ.

"މި މަސައްކަތުގައި އުޅޭތާ މިހާރު 14 އަހަރު ވެއްޖެ. ކުރިން ވަރަށް ރަނގަޅު އާމްދަނީއެއް ލިބުނު. ނަމަވެސް މިހާރު ހުއިފިލަނޑާއަށް ރަނގަޅު އަގެއް ނުލިބޭ އަދި ހުއިފިލަނޑާ ނެގޭލެއް ވެސް މަދު،" ހުސައިން ބުންޏެވެ.

ހުސައިން ބުނީ މީގެ ކުރިން ހުއިފިލަނޑާ ގަންނަ ގިނަ ފަރާތްތަކެއް އުޅުނު ކަމަށާއި ނަމަވެސް މިހާރު އާއްމުކޮށް ފެންނަނީ ދެބައެއް ކަމަށެވެ.

"މިހާރު ރާއްޖޭގައި ހުއިފިލަނޑާ ހުންނަ ސަރަހައްދުތައް މަދުކަން ފާހަގަކުރެވޭ. އަދި އެއީ އާލާވުން ވެސް ވަރަށް ލަސް އެއްޗެއް. ހުއިފިލަނޑާ މަދުވާ މައިގަނޑު ސަބަބީ އެއީ ކަމަށް ބޮޑަށް ބެލެވެނީ،" ހުސައިން ބުންޏެވެ.

ހުސައިން ބުނީ އެމީހުން ހުއިފިލަނޑާގެ 12 ވައްތަރެއް ނަގަމުންދާ ކަމަށެވެ.  

ދުވާފަރުގައި ފާނަ އާއި ހުއިފިލަނޑާ ނަގާ ބައެއް ފަރާތްތަކުން ބުނަނީ އެ ދެ މަސައްކަތް އިތުރަށް ތަރައްގީކޮށް، ކުރިއެރުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތުގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. ނަމަވެސް މި ދެ މަސައްކަތަކީ ވެސް ރަނގަޅު ގޮތުގައި ކުރެވިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް ވެސް އެއިން ރަނގަޅު އަސަރުތަކެއް ކުރާނެ ދެ މަސައްކަތް ކަމަށް ފާނައިގެ މަސްވެރިކަމާއި ހުއިފިލަނޑާ ނެގުމުގައި ހަރަކާތްތެރިވާ ޒުވާނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް
27 ޑިސެންބަރ 2017 | ބުދަ 14:59
kanduroadhi
do it until all get extinct