Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

އިދިކޮޅު ފަރާތްތަކުން ދަމާ ބެނާތައް ފުލުހުން ކުރިން ނަގާ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2017 | އަންގާރަ 14:01
މަޑުއްވަރީއަށް ރައީސް ޔާމީން ވަޑައިގަތުމުގެ ކުރިން ފުލުހުން ހަރަކާތްތެރިވަނީ

މަޑުއްވަރީއަށް ރައީސް ޔާމީން ވަޑައިގަތުމުގެ ކުރިން ފުލުހުން ހަރަކާތްތެރިވަނީ

ބޮޑު ކޮރަޕްޝަނޭ، ވައްކަމޭ، އިންސާފެއް ނެތް އަނިޔާވެރިކަމޭ ބުނެ އިދިކޮޅު މީހުން ތިޔަ ދައްކަނީ މުޅިން ވެސް ހޮޅި ވާހަކަ ތަކެކެވެ. ރައީސް ޔާމީނަށް ތާއީދެއް ނެތޭ، މެޑަމް ކުރައްވަނީ ބޭކާރު ކަމެކޭ ކިޔައިގެން ވެސް ތިޔަ ޖަހާ ސަކަރާތެއް އަމުދަކުން ބަލައިގަނެވޭކަށް ނެތެވެ. އަހަރެން މިހެން މިބުނަނީކީ ހަމަ ހުރެފައެއް ނޫނެވެ. އަހަންނަށް ވެސް 90 އިން މަތިން ޕޮއިންޓް ލިބުނެއް ކަމަކު ފްލެޓް ގަނޑެއް ވެސް ލިބުނީކީ ނޫން ވިއްޔާއެވެ. ވީއިރު ކޮންމެހެން މަށަކުވާ ވައިއަޅުވާފައި މިވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ އެކަމަކު ހަޤީގަތް ވާނީ ހަމަ ހަޤީގަތަށެވެ. އަބުރުގެ ޤާނޫނުން މަށާއި މަގޭ ޓީމަށް ހިތްދެމި ނުލެވޭވަރުވިއަސް މިކަމުގައި އުޅެންޏާ ހަޤީގަތައް ނުބުނެ ވާކަށް ނޯންނާނެތާއެވެ. ނާފަހެ މިހެން ނުބުނެވެންވީ އެއްވެސް ސަބަބެއް އެބައޮތް ހެއްޔެވެ؟

ޕީޕީއެމުން ޖަލްސާއެއް ބާއްވައިފި ނަމަ އެޖަލްސާއެއް ފުރިގެން ތުކިތުކިލަނީއެވެ. ރަށަކަށް ވަޑައިގަންނަވައިފި ނަމަ އެރަށެއްގެ މުޅި ރައްޔިތުންހެން އިސްތިޤްބާލްގައެވެ. ޕިންކު ކުލަ ނޫނީ އެއިން މީހަކު ހެދުމެއް ލާފައެއް ނުހުރެއެވެ. އިދިކޮޅަށް ބަހެއް ބުނެލާނެ މީހަކު ކީއްކުރަން ހެއްޔެވެ. ބެނާއެއް، އެހެން ކުލައެއްގެ ދިދައެއް، ނުވިތާކަށް ބާ ކަރުދާސް ގަނޑެއްގައި ޝުޢޫރެއް ލިޔެ ފާޅުކޮށްލާނެ މީހަކު ވެސް ނުހުރެއެވެ. ދައުލަތުގެ މާތް ޓީވީން އެހެރަ ދައްކާ ފަށުވި އިބާރާތްތަކުގެ ސްޕީޗްތަކެވެ. ހަމްދު ސަނާއަށް ވެސް އެހެރަ ޖަހާ އަޑުބާރު އަތްތިލަބަޑިއެވެ. ހައިވުމެއް ނެތި ހުސްގޮނޑިއެއް ނެތް ބޮޑު ކްރައުޑެވެ. އިސްދަށަށް ޖަހައިގެން ވެސް ރައްޔިތުން ގަދަކުމުން ވެސް އެހެރަ ދައްކާ ރީތި ހިނިތުންވުމެވެ. މިހިރަ މިހިރަ ކަންކަން ފެނުނީމާ މަގޭ މައްޗަށް ހުންނަ މީހާ ބުންޏަސް މަށަށް ހަމަ މިނޫން ގޮތަކަށް ލިޔެވޭނީ ކިހިނެއްތޯއެވެ. ހަމަ ހަޤީގަތުގައި ވެސް ރައީސް ޔާމީނަށް އޮތް ތާއީދު ބޮޑީއެވެ. ރައްޔިތުން އެމަނިކުފާނަށާއި ސަރުކާރަށް ވާ ލޯބި އިތުރު ވަނީއެވެ.

މިވާހަކަ މިގޮތައް ދައްކާއިރު އެވަރުގެ ބޮޑު ތާއީދެއް ފެންނަ ގޮތް ވެސް ބުނެ ނުލައިފި ނަމަ މަށަށް ވުރެ ގޯސް މީހެއް ނުހުންނާނެތާވެ. މިތިބަ އުޅޭ ޝަހީބުމެން މަގޭ ބޮލަށް އުނދަގޫ ކުރާނެތީއެވެ. އުވާލަން އުޅޭ މީޑިޔާ ކައުންސިލަށް މަސޮރު ދަމާފާނެތީއެވެ.

ރަށްރަށަށް ރައީސް ޔާމީން އާއި އެމަނިކުފާނު ވަޑައިގަތުމުގެ ކުރިން ވަޑައިގަންނަވަނީ އެޑްވާންސް ޓީމުތަކެވެ. ކަންކަން ތަރުތީބުން ކުރުމަށެވެ. ރަށުތެރެ ޒީނަތް ކުރުމަށެވެ. ޖަލްސާ ބާއްވާ މާލަމާ އިސްތިޤްބާލަށް މީހުން ނުކުމެ އެތުރެންވީ ގޮތް ފަހުމް ކޮށްދިނުމަށެވެ. ޕީޕީއެމާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މީހުން އެކަމުގައި ރެއާ ދުވާލު މަސައްކަތް ކުރާއިރު އެވެރިންނަށް އަތްގާތްކޮށްދެނީ ފުލުހުންނާ ސިފައިންނެވެ. އިދިކޮޅު މީހުންގެ ހަރަކާތްތައް ބެލުމުގައެވެ. ޝުއޫރަކައިގެން މީހަކު ނުކުމެދާނެތޯ ބެލުމަށެވެ. ނުގޮތަކަށް ބަހެއް ބުނެލަފާނެ މީހުން ހަނި ގޯޅިއަކުން ވެސް ބޯދިއްކޮށްލިޔަ ނުދީ ބެރިކޭޑް ޖަހައިގެން އެތަނަކަށް ވައި ވެސް އެޅުނަ ނުދިނުމަށެވެ. ރޭގަނޑު ދެމި ރީނދޫ ފޮތިތަކާއި ޕީޕީއެމްގެ ވައުދުތައް ހަނދާންކޮށްދީ ދަމާފައި ހުންނަ ބެނާތައް އެތަންތަނުން ނެގުމަށެވެ. އިސާހިތަކު ރައީސް ވަޑައިގަތުމުގެ ކުރިން ތާއީދު ނޫން އެއްޗެއް އެރަށަކުން ނުފެންނާނެހާ ހުރިހާ ގޮތެއް އޮންނާނީ ފުރިހަމައަށް ކޮށް ނިންމާލާފައެވެ.

މިސާލެއް ބުނެލިއްޔާ ނޫނީ މިއުޅޭ މީހުންނަށް އެނގޭނެ ހެނެއް ހީއެއް ނުވެއެވެ. އެގޮތުން ދާދިފަހުން ރައީސް ޔާމީން ގއ. ވިލިނގިއްޔަށް ކުރި ދަތުރު ނިކަން ބަލާލަ ބަލާށެވެ. އެރަށުން ރީނދޫ ފޮތިގަނޑެއް ފެނުނުހެއްޔެވެ؟ ނުރުހުމުގެ ޝުޢޫރެއް ފާޅުކުރި އަޑެއް އިވުނު ހެއްޔެވެ؟ ކުޑަކުޑަ ކެމްޕޭން ޖަގަހަ ނުފުރިގެން އުޅުނުއިރު ވެސް ޤައުމީ ޓީވީގެ ކެމެރާތަކަށް އެއިން މަންޒަރެއް އެރިހެއްޔެވެ؟

ރާއްޖެ ޓީވީގެ ކެމެރާއަކުން ބައެއް ކަހަލަ މަންޒަރު ދެއްކޭތޯ ވެސް ހިތްވަރު ކުރެވުނީ އޭގެ ދެދުވަސް ކުރިއާ ހަމައަށެވެ. ރައީސް ވަޑައިގަތުމުގެ ކުރިން އެރޭ ދަންވަރު ފުލުހުން ވަނީ ޝުއޫރުތައް ހުރި ހުރިހާ ބެނާއެއް ނަގާފައެވެ. ރީނދޫ ކުލައިގެ ދިދަފަތިތައް ކަނޑާލިއެވެ. ލޮލުކޮޅަށް ނުފެންނަ ވަރުގެ ދުރުގައި ތިބި މީހުންގެ ކުލައެއް ފެނިދާނެތީ މަގު ހުރަހަށް ޕިންކު ކުދިންކޮޅު ދަމާލި ބޮޑު ޕިންކު ފޮތިގަނޑުން އެކަން ވެސް ކަވަރުވެ ނިމުނީއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނަށް ފެނުނީ ބޮޑު ސިންގާހާ ތާއީދެވެ. ނިމިދިޔަ ކައުންސިލް އިންތިޚާބުގައި އެންމެ ގޮނޑިއެއް ނުލިބުނަސް އެވަގުތު އޮތީ ޕީޕީއެމްގެ ބޮޑު ތާއީދެވެ. ރަށުގެ އެތައް ބަޔަކު ވަޒީފާއިން ވަކިކޮށް ރައްޔިތުންގެ ބޮޑު ތާއީދަކުން ހޮވި މެންބަރު ގޮނޑިން އެއްލާލާ އެތައް ދަރިވަރުންނެއް މީހުންނަށް ހެދި ޕްރިންސިޕަލް ޖަލުގޮޅިގައި ބޭއްވިއަސް މުޅި ރަށް އެއޮތީ އޯކޭވެފައެވެ. ރައީސް ޔާމީނަށްޓަކައި އުފަލުން ފޮޅި ނަށާ ނަގަނީއެވެ. ޕީޕީއެމާއި އެމްއާރުޑީސީއާ ފުލުހުންނާ ސިފައިންނާ އެކު ބައިއެޅިގެން އުޅުނު މީސްކޮޅުވެގެން މަންޒަރުން އެދެއްކީ އެތާއީދެވެ.

މެޑަމް ވަޑައިގެން އައްޑޫގައި ވެސް އެބޭއްވީ އަމަށަކު ޖަލްސާއެއް ނޫނެވެ. ކައުންސިލްގެ ހަތް ގޮނޑި ވެސް އެމްޑީޕީން އެނެގީ ނަމެއްގައެވެ. މިހާތަނަށް އައްޑޫގައި ރެކޯޑް އަދަދަކަށް މީހުން ޖަމާކުރި މަހާރެހެންދި ބޭއްވި ޖަލްސާގައި އައްޑޫއިން ބުނީ "އަފިރިނަސް ތައްޔާރު" ކަމަށެވެ. ތާއީދު ހަމަ އޮހި ނެގީއެވެ. އެވެސް މަންޒަރުންނެވެ. ވަތުބަތާނަ ނެގީމާ އެއީ ބާފޮތިކަމެއް ލައިގެން ހުރި އާލިބާހަކުން ނޭނގޭ ބީދައިން ފުރަގަހުގައި ހިނގި ކަންކަން ފަޅާއެރީ އެމަންޒަރު ދައްކާ ނިމުނު ފަހުންނެވެ. އިދިކޮޅަށް ނުކުތް މީހުން ހަންމުށިއަޅުވާފައި ދުރަށް ޖެއްސިކަން އެނގޭނެ ގޮތެއް ނުވިއެވެ. މުޅި އައްޑޫ އެނބުރިއްޖެކަން ދައްކަން ގަންނާން އުޅުނު ކަމަށް ބުނާ ކައުންސިލަރުންނަށް ދޭން އުޅުނީ ހަ މިލިއަން ރުފިޔާ ކަމަށް ވެސް ހާމަކުރީ ކަންވެ ނިމުނު ފަހުންނެވެ. ފާރެއްހެން އެތައް ސަފަކަށް ތިބި ފުލުހުންގެ ތެރެއިން ވެސް ހަށިފާރަ ސަލާމަތްކަން ކަށަވަރު ނުވެގެން ފުރުސަތު ނުދިން ރާއްޖެ ޓީވީގެ ކެމެރާއަކަށް އެމަންޒަރު އަރާވަރެއް ނުވިއެވެ. އެޖަލްސާއިން ވެސް އެހޯދީ ހަމަ ބޮޑު ތާއީދެވެ. ތާއީދުގެ ބޮޑު މަންޒަރެވެ.

ރައީސް ޔާމީން ވަޑައިގަންނަވަންވާއިރަށް މަޑުއްވަރީގެ ބަނދަރުމައްޗާއި މަގުތަކުގައި އެއްކުލަވެފައި އޮތީ ރީނދޫ ކުލައެވެ. ދިދަ ފައްޗާއި ބޮޑެތި ދިދަތަކުންނެވެ. ބެނާތަކުގައި ވެސް ހުރީ ވައުދުތައް ހަނދާން ކޮށްދިނުމުގެ ޝުއޫރުތަކެވެ. ތައްޔާރުވީ ޤައުމުގެ ހާލަތު ކިޔައިދޭށެވެ. ރައްޔިތުން ތިބި ގޮތް ބުނެދޭށެވެ. އެކަމަކު ކޯޓު އަމުރު އައީ ދަންވަރު މީހުން ނިދާ ފައިހިލަވަޅު ވެސް އޮބުނުފަހުން އެރޭ 1:40 ގައެވެ. ބޮޑު ތާއީދު ހޯދަން ދަންވަރު ކޯޓު ވެސް ހުޅުވުނީއެވެ. ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ދެމިއްޔާ ދެމިހާ ފޮއްޗަކާއި ނެގިއްޔާ ނެގިހާ ދިދައެއް ނޫނީ އެހެން ހުރިހާ އެއްޗެއް އެސަރަހައްދުތަކުން ނެގުމަށެވެ. ގޮވާފާނެ ގޮވެލިފައްޗަކަށް ފުރުސަތު ނުދީ އިދިކޮޅު މީހުންގެ އަތުގައި ހުރި މެގަފޯންތައް އަތުލުމަށެވެ. މިފަހަރު ވެސް ފެނުނީ ތާއީދެވެ. ބޮޑު ތާއީދެވެ. މަންޒަރުން ފެނުނީ އިދިކޮޅަށް ބަހެއް ބުނާނެ މީހެއް ނެތް ތާއީދުގެ ބޮޑު މަންޒަރެވެ. އަތްގުޅި ނުކާވަރުގެ ބޮޑު ތާއީދެވެ. އިދިކޮޅު މީހުން ދެން އަތް ޖަހާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު