ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 17:38
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
މުހައްމަދު ފަޒީން
ފަލަސުރުހީ
އެފްޓީއޭގެ ތެރެއިން މިކުރަނީ ޗައިނާއަށް ރާއްޖެ ވިއްކާލުމުގެ މަސައްކަތް: ފަލާހު
 
ރާއްޖޭގައި ދިވެހިންނަށް ކުރެވޭ ހުރިހާ ކަމެއް ޗައިނާގެ ރައްޔިތުންނަށް ކުރުމުގެ ފުރުސަތު ދިނުމަކީ ކަންބޮޑުވާ ކަމެއް
 
އެގްރީމެންޓް އަވަހަށް ފާސް ކުރުމަކީ ވެސް އިހްލާސްތެރިކަމެއް ނެތް ކަމުގެ މިސާލެއް

ޗައިނާއާ އެކު އެކުލަވާލާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއި ކުރުމަކީ  ޗައިނާ އަށް ރާއްޖެ ވިއްކާލުން ފަދަ ކަމެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ފަލާހު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އެއަރޕޯޓް ތަރައްގީ ކުރުމަށް ޖީއެމްއާރާ ހަވާލު ކުރުމުން އެއީ ރާއްޖެ ވިއްކާލުން ކަމަށް ބުނެ މިހާރު ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވާހަކަދައްކާފައިވާ އިރު، މިއަދު މިފެނިގެން ދަނީ މިނިވަން ވިޔަފާރީގެ ނަމުގައި ރާއްޖެ ޗައިނާއަށް ވިއްކާލާ މަންޒަރު ކަަމަށެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާދޭހާ އެކު ދަންނަވަން، މިކަން ހުއްޓުވަން ނިކުންނަން ޖެހޭ. ޗައިނާ ރައްޔިތުންނަށް ދިވެހިންނެކޭ އެއް ހަމައެއްގައި ވިޔަފާރި ކުރުމަށް މިގައުމުން ފުރުސަތު ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން," ފަލާހު ވިދާޅުވި އެވެ.

ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ އެއްބަސްވުންތައް ފާސްކުރާ އިރު ރައްޔިތުންގެ ބަސް އެކަމެއްގައި ޝާމިލުކުރަންޖެހޭނެ ކަމަށާއި ރައްޔިތުންގެ ބަހާ ނުލައި މިފަދަ އެގްރީމެންޓްތަކުގައި ސޮއި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ހެޔޮފުޅުކަމުން ވެރިޔަކަށް ހުންނަ މީހާ ކޮށްދޭ ކަމެއް ނޫން ކަމަށާއި އެއީ ކޮންމެހެންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް