ކ. މާލެ
|
21 އޮކްޓޯބަރ 2017 | ހޮނިހިރު 18:38
އަޔާދާ މޯލްޑިވްސް ރިސޯޓް
އަޔާދާ މޯލްޑިވްސް ރިސޯޓް
ގޫގުލް
ރާއްޖޭގެ ދަރަނި
ދަރަނި ބޮލަކަށް ވެގެން ހޯދާ ތަރައްގީއެއް ބޭނުންތަ؟
 
އެސްއީޒެޑުން ލިބޭނެ ކަމަށް މިދިޔަ އަހަރު ކަނޑައެޅި އާމްދަނީ ނުލިބޭ
 
ރާއްޖޭގައި ހިންގާ މައިގަނޑު ޕްރޮޖެކްޓްތައް ހިންގަނީ ލޯން އެހީގައި
 
2016 ވަނަ އަހަރުގެ ދަރަނި 36 ބިލިއަން ރުފިޔާ

 ބްރިޖު މަޝްރޫއާއި އެއަރޕޯޓް މަޝްރޫއު އާއި އައިޖީއެމްއެޗް 25 ބުރީގެ އިމާރާތުގެ މަޝްރޫއުތަކަކީ ސަރުކާރުން ހިންގާ ފާހަގަކޮށްލެވޭ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާ އިރު މި މަޝްރޫއުތަކުގައިވެސް އެއް ގޮތް ކަމެއްވެ އެވެ. މި މަޝްރޫއުތައް ކުރިއަށްގެންދަނީ ބޭރުގެ ލޯން އެހީތަކާއި ބޮންޑު ވިއްކައިގެން ކަމަށްވުމެވެ. ނަމަވެސް ސުވާލަކީ މިފަދަ ގޮތަކަށް ބޮންޑާއި ލޯން އެހީގެ ތެރެއިން ހުރިހާ މަޝްރޫއުތަކެއް ހިންގާކަމުގައިވާ ނަމަ، ރާއްޖޭގެ އިގްތިސާދު ދެމެހެއްޓެނި ގޮތެއްގައި ކުރިއަށްދިއުމަށް މަގުފަހިވާނެތޯ ކުރެވޭ ސުވާލެވެ. މިކަމުން ކުރާނެ އަސަރު، ރައްޔިތުންނާ ހަމައަށް ފޯރާފާނެ ހިސާބަށް ގައުމުގެ ހާލަތު ގޮސްފާނެތޯ ކުރެވޭ ސުވާލެވެ. ނުވަތަ މި ފައިސާ އަނބުރާ ދެއްކުމަށް އާންމު ރައްޔިތުން ގުރުބާން ވާންޖެހޭ ހިސާބަށް ގައުމުގެ ހާލަތު ގޮސްފާނެތޯ ކުރެވޭ ސުވާލެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ރައްޔިތުން އެންމެ ބޮޑު އުންމީދެއް ކުރީ އިގްތިސާދީ ގޮތުން ދުޅަހެޔޮ ގައުމަކަށް ރާއްޖެވެގެން ދިއުމަށެވެ. މިއަދުވެސް ސަރުކާރުން އެންމެ ބޮޑަށް ދައްކަމުންދާ ވާހަކައަކީވެސް މި ސަރުކާރުން ރާއްޖެއަށް ގެންނަމުންދާ އިގްތިސާދީ ތަރައްގީގެ ވާހަކަ އެވެ.

އެހެން ނަމަވެސް ތަރައްގީ ގެނައުމުގައި ގެންގުޅޭ ސިޔާސަތުތަކަށް ބަލާލަންޖެހެ އެވެ. މިފާއިތުދިޔަ ދުވަސްތަކުގައި އެހެން ގައުމުތަކުން ކުރި ތަޖުރިބާތަކަށް ބަލަންޖެހެ އެވެ. އެ ތަޖުރިބާތަކުން ފިލާވަޅު ހޯދައިގެން ގައުމުގެ ކަންކަން ބައްޓަން ކުރަންޖެހެ އެވެ.

މިދުވަސްވަރު މީޑިޔާތަކުގައި އެންމެ ބޮޑަށް ދެކެވޭ އެއްވާހަކަ އަކީ އެމެރިކާގެ ޓެރިޓަރީއެއް ކަމުގައިވާ  ޕޯޓޯ ރީކޯގެ ދަރަނި ބޮޑުވެ، ގައުމަށް ނުކަތާ ވަރުވުމުން، އެގައުމަށް ދަރަނި ކުޑަކުރުމަށް އަޅަންޖެހުނު ފިޔަވަޅުތަކުގެ ވާހަކައެވެ.

އެމެރިކާގެ ސިޓީ ތަކާއި ސްޓޭޓްތަކުން ބޮންޑް ވިއްކަމުންދަނީ ހަމައެކަނި އިމާރާތްތައް އެޅުމަކަށް ނޫނެވެ. އެގައުމުގެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްވެސް ބޮންޑު ދިޔައީ ނަގަމުންނެވެ. ގިނަ ފަހަރު  އެގައުމުގެ ސިޔާސީ މަގާމުތަކުގެ ފަރާތްތަކަށް ގިނައިން ނުވަތަ އިތުރަށް ފައިސާ ދިނުމަށެވެ. އެހެން ނަމަވެސް ޕޯޓޯ ރީކޯ އަށް މިވަނީ ދަރަނީގެ މައްސަލަ ބޮޑުވެ، އެ ސްޓޭޓް ހިންގުމަށް ނުކުޅެދިފަ އެވެ.

ޕޯޓޯ ރީކޯ އިން ބޮންޑު ވިއްކައިގެން 73 ބިލިއަން އެމެއިކާ ޑޮލަރު ބޮންޑު ހޯލްޑަރުންނަށް ދައްކަން ޖެހެ އެވެ. މިކަމަށް ހައްލެއް ހޯދުމަށް މިނިމަމް ވޭޖް ރޭޓަށް ބަދަލުތަކެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރި އެވެ. ޕޯޓޯ ރީކޯގެ ދަރަނީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކޮންގްރެސް އިން ވަކި ޓީމެއް އެކުލަވާލާ މަސައްކަތް ފެށި އެވެ. އެގޮތުން މިނިމަމް ވޭޖް ރޭޓް 7.25 ޑޮލަރު ގަޑިއިރަކަށް ކުރިން ލިބުނު ނަމަވެސް އެ އަދަދު 4.25 ޑޮލަރަށް ބަދަލު ކުރަން އެގައުމަށް މަޖުބޫރުވި އެވެ.

އިގްތިސާދީ މާހިރެއް ކަމުގައި އޭން ކްރޫގާ ހާމަކުރި ގޮތުގައި 2015 ވަނަ އަހަރު  ޕޯޓޯ ރީކޯގެ މިނިމަމް ވޭޖު އެމެރިކާގެ ފެޑެރަލް ސަރުކާރުގެ އެވްރެޖް މިނިމަމް ވޭޖަށް ވުރެއް ބޮޑެވެ. އެގޮތުން ފެޑެރަލް މިނިމަމް ވޭޖު ރޭޓް 15000 ޑޮލަރުގައި އުޅޭ އިރު ޕޯޓޯ ރީކޯގެ މިނިމަން ވޭޖް ރޭޓް އުޅެނީ 19000 ޑޮލަރުގަ އެވެ. އަދި ޕޯޓޯ ރީކޯގެ މިނިމަމް ވޭޖު ކުޑަކުރުމަށް އޭރު އޭނާ ލަފާދިނެވެ.

އެމެރިކާގެ ޕޯޓޯ ރީކޯގެ ފަގީރުންގެ ނިސްބަތް 46 ޕަސެންޓާ ގާތްކުރާ އިރު އާންމު ރައްޔިތުންނަށް އެންމެ މަދުން މުސާރައިގެ ގޮތުގައި ލިބެންޖެހޭ އަދަދު ކުޑަ ކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ. ޖަވާބު ވަރަށް ސާފެވެ. އެތަށް ބިލިއަން ޑޮލަރުން ދައްކަންޖެހޭ ފައިސާ ބޮންޑްހޯލްޑަރުންނަށް ދެއްކުމަށެވެ.

ސިޔާސީ ފަރާތްތަކާއި ބޭންކުގެ ވެރިން ބޮންޑު ވިއްކަނީ އިންވެސްޓަރުންނަށް ބޮޑު ފައިދާއެއް ލިބޭ ގޮތަށެވެ. މިސާލަކަށް ބައެއް އިންވެސްޓަރުންނަށް އިންވެސްޓްކުރާ އެއް ޑޮލަރަށް 26 ޑޮލަރު ދޭން ނިންމަ އެވެ. އެއީ އަނބުރާ ދެއްކުމަށް އާދަޔާ ހިލާފު ބޮޑު އަދަދެކެވެ. އެއީ ވިއްކާ އަދަދުގެ ގާތްގަނޑަކަށް 2600 ޕަސެންޓެވެ. ގިނަ ފަހަރަށް މިފަދަ ހާލަތްތަކުގައި ބޭންކްތަކާއި ސިޔާސީ ފަރާތްތަކަށް ކުރިމަތިވާ މާބޮޑު ގެއްލުމެއް ނެތެވެ. މިހާލަތުގައި ހާލުގައި ޖެހި، އެންމެ ފަހުން ދަތިހާލުގައި އުޅެންޖެހެނީ އާދައިގެ ރައްޔިތުންނެވެ. ޕޯޓޯ ރީކޯއަށްވެސް ކުރިމަތިވެގެން އުޅެނީ އެފަދަ ހާލަތެކެވެ. ސިޔާސީ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަށް ބޮޑެތި އަދަދުން ފައިސާ ނަގާ އިރު، ދަރަނި އިންތިހާއަށް ބޮޑުވެ، އާދައިގެ ކުޑަ މުސާރަ ލިބޭ ފަރާތްތަކުން އެފައިސާ ދައްކަންޖެހުމަކީ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އަސަރު ކުރާނެ ކަމެކެވެ.

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ޓެކްސަސްގެ ކޮމިޝަނަރ އޮފް އެޑިއުކޭޝަންއަށް އަހަރަކު މުސާރައިގެ ގޮތުގައި ލިބެނީ 220،000 ޑޮލަރެވެ. އެހެން ނަމަވެސް ޕޯޓޯ ރީކޯގެ ސެކެޓްރީ އޮފް އެޑިއުކޭޝަން އަށް މުސާރައިގެ ގޮތުގައި އަހަރަކު 272،000 ޑޮލަރު ލިބެ އެވެ. ޓެކްސަސްގައި 28 މިލިއަން މީހުން ދިރިއުޅޭ އިރު އެސްޓޭޓްގެ ޑައިރެކްޓަރ އޮފް ޕަބްލިކް ސޭފްޓީ އަށް އަހަރަކު ލިބެނީ 220،000 ޑޮލަރެވެ. އެހެންނަމަވެސް ޕޯޓޯ ރީކޯގެ ޗީޕް އޮފް ޕޮލިސް އަށް 310،588 ޑޮލަރު އަހަރަކު ލިބެ އެވެ. ޕޯޓޯ ރީކޯގެ އާބާދީއަކީ 3.4 މިލިއަނެވެ. އެހެން ނަމަވެސް އެމެރިކާގެ އެފްބީއައިގެ ޑައިރެކްޓަރއަށް ލިބޭ މުސާރައަށްވުރެ 80 ޕަސެންޓް އިތުރަށް ޕޯޓޯ ރީކޯގެ ޗީޕް އޮފް ޕޮލިސްއަށް މުސާރައިގެ ގޮތުގައި ލިބެ އެވެ.

އެގައުމުގެ މިހާރުގެ ހާލަތަށް ބަލާ އިރު އިލެކްޓްރިކް ޕަވަރ އޮތޯރިޓީ ކުންފުނީގެ ދަރަނި ކުޑަކުރުމަށް މަސައްކަތް ކުރުމަށް ނެގި ކޮންސަލްޓެންޓަށް 45 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައި ދީފައިވެ އެވެ.

އިލެކްޓިކް ކުންފުންނަށް ދިމާވި ބޮޑު އަލިފާނުގެ ހާދިސާއައި ގުޅިގެން ކަރަންޓް ދިނުމަށް ރައްޔިތުންގެ އަތުން ނަގާ ފީ ވަނީ ބޮޑު ކޮށްފަ އެވެ. ހަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ކުދިން ޓޮއިލެޓް ޕޭޕަރުވެސް ގެންނަން ޖެހެނީ އަމިއްލައަށެވެ. މިއީ މިއަދު ޕޯޓޯ ރީކޯގެ ހާލަތެވެ.

ރާއްޖޭގެ ހާލަތަށް ބަލާ އިރުވެސް ފެންނަނީ މިފަދަ ހާލަތެކެވެ. ކަރަންޓުން ދެމުން އައި ސަބްސީޑީ ކަނޑާލުމުގެ ސަބަބުން ކަރަންޓް ބިލްތައް މިހާރުވެސް ވަނީ ބޮޑުވެފަ އެވެ. އެހެންނަމަވެސް ސިޔާސީ މުވައްޒަފުން މިނިސްޓްރީތަކުގައި އިންތިހާއަށް ގިނަ އެވެ. ފެންނަނީ ސިޔާސީ މަގާމުތައް އިތުރުވެގެންދާ ތަނެވެ. އާސަންދަ ލިބުމުގައިވެސް، ލިމިޓްތަކެއް ވަނީ ކަނޑައެޅިފަ އެވެ. ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބޭ އިރު، ބޮޑެތި މަޝްރޫއުތައް އަދިވެސް ހިންގަނީ، މާލީ އިދާރާތަކުން ލޯނު ނަގައިގެންނެވެ. މިއަދު މިފައިސާ އިން ވަރަށް އަވަހަށް މަސައްކަތްތައް ނިންމާލެވިދާނެ އެވެ. އެހެން ނަމަވެސް މިފައިސާ ދައްކަން ޖެހުމުން އަނެއްކާވެސް ދަރަނި އިންތިހާއަށް ބޮޑުވެގެންދާނެ އެވެ. ލޯނަކީ ވަގުތީ އުފަލެކެވެ.

ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓީން ކުންފުންޏެއް ކަމުގައިވާ، މޫޑީސް އިން ހާމަކޮށްފައިވާ ގޮތުގައި، 2019 އަހަރު ރާއްޖޭގެ ޖީޑީޕީގެ 82 ޕަސެންޓް ދަރަނި ހިއްސާ ކުރާނެ ކަމަށެވެ.

ރާއްޖޭގެ ދަރަނި 2016 ވަނަ އަހަރު 36 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު މިއަހަރުގެ ދަރަނި 41 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ދައުލަތުގެ ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ. އެއް އަހަރުން އަނެއް އަހަރަށް ރާއްޖޭގެ ދަރަނި އިތުރުވަމުންދާ އިރު ބަޖެޓުގައި އާމްދަނީ ހޯދުމަށް ކަނޑައަޅާފައިވާ ކަންކަންވެސް ރަނގަޅަށް ހާސިލެއް ނުވެ އެވެ. ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި އިންވެސްޓްކުރުމަށް އިންވެސްޓަރުން އަންނަ ތަނެއް އަދިވެސް ނުފެނެ އެވެ. ދެންވެސް ފެންނާނީ އަންނަ އަހަރުވެސް އިތުރު ބޮންޑުތަކެއް ވިއްކައި، އިތުރު ލޯންތައް ނަގާތަން ނޫން ކަމެއް ނޭނގެ އެވެ.

ފަހަރެއްގައި އަދަދުތަކުން ބަލާ އިރު ޕޯޓޯ ރީކޯ އާއި ރާއްޖޭގެ ދަރަނީގެ އަދަދު އެއްވަރު ނުވެދާނެ އެވެ. ޕޯޓޯ ރީކޯ އަކީ 3 މިލިއަން މީހުންގެ އާބާދީއެކެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހަތަރު ލައްކަ މީހުންގެ އާބާދީ އެވެ. އެހެން ނަމަވެސް ދަރަނި ބޮޑުވުމުން ނިކަމެތި ރައްޔިތުންނަށް ކުރާނީ ހަމަ އެއް އަސަރެކެވެ. ލޯނުތައް އަނބުރާ ނުދެއްކިގެން ސިޔާދަތުގެ ދަރަނި އިއުލާނުކުރި ގައުމުތައް ވެސް މަދެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
17%
0%
50%
33%
ކޮމެންޓް