އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވެއްޖެ
29 ނޮވެމްބަރު 2026 | އާދީއްތަ 10:58އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބައެއް ކެންޑިޑޭޓުންނަށް ނުބައިކޮށް ވޯޓު އިތުރުކޮށްފައިވާ ކަމަށް މެންބަރު ޑރ. ޝަމްހީދު ވިދާޅުވެއްޖެ. މި އިންތިޚާބުގައި ގައުމީ މަޖިލީހުގެ އަގުލަބިއްޔަތު "ބޮޑު ބަދަލު" ޓީމުން ކާމިޔާބުކޮށްފައިވާ ކަމަށް ފައްޔާޒް އިސްމާއީލް ވިދާޅުވެފައިވާއިރު، މިއީ ޕާޓީގެ އެކި ގުނަންތަކަށް 1،102 މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ވޯޓެއް


އެމްޑީޕީން ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | އެމްޑީޕީ
ހުކުރު ދުވަހު އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދު މިފަދައިން ވިދާޅުވެފައި ވަނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން ޝަމްހީދު ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާއިން މުޅި މާލެއިން ހޮވާ 16 ގޮޑިއަށް ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ކަމަށް ނެރެފައިވާ ޝީޓުގައި ހުރި އަދަދުތަކަކީ ވޯޓުލާން ދިޔަމީހުން ފާހަގަ ޖެހިގޮތަށް ނެރެފައިވާ ނަތީޖާ ޝީޓެއް ކަމަކަށް ނުބެލެވޭ ކަމަށެވެ.
ހަމައެއާއެކު ޝަމްހީދު ވަނީ ބައެއް ކެންޑިޑޭޓުންނަށް 200 ވަރަކަށް ވޯޓު އިތުރަށް ޖަހާފައި ހުރިކަމަށް ބެލެވޭ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ޝަމްހީދު މިފަދައިން ވިދާޅުވެފައިވާއިރު ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ "ބޮޑު ބަދަލު" ޓީމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ ނަގާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ހުކުރު ދުވަހު ބޭއްވި އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ 1،102 މަގާމަކަށް މެންބަރުން އިންތިހާބުކުރި އިރު، އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑިއަށް މެންބަރުން އިންތިހާބުވާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދީފައިވެ އެވެ.











