އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރުގެ ތަރައްޤީގެ މަޝްރޫއެއް: ރައީސް މުއިއްޒު
18 ނޮވެމްބަރު 2026 | ބުދަ 05:26އިމާރާތްތަކަށްވުރެ މީހުން ބިނާކުރުމަށް އިސްކަންދޭކަން ފާހަގަކުރައްވައި، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުތަކުން އަހަރަކު މަދުވެގެން 1000 ކުދިން ބިނާކުރާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފި. މީގެ އިތުރުން މިހާތަނަށް 717 ޒުވާން ޚަތީބުން ތަމްރީނުކޮށްފައިވާއިރު، މި އަދަދު 1000 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވި


އިހުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރަށް މިންކުރެވޭ ތަރައްޤީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވައިފި | ރައީސް އޮފީސް
އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ހުރިހާ އަތްލެވޭ ތަރައްޤީއަކާ އެއްވަރަށް މިންކުރެވޭ ތަރައްޤީއެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވެރިކަން ހިންގުމުގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށްޓަކައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ޒުވާނުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މީހުން ބިނާކުރުމަށް މި ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރެއްވި އެވެ. އެގޮތުން ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ފެށި ދިވެހި ވަތަނީ ޚިދުމަތުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން 1028 ކުދިން ވަތަނީ ޚިދުމަތުގެ ތަމްރީނު މިހާތަނަށް ފުރިހަމަ ކޮށްފައިވާކަމަށާއި މިހާރު ވެސް ތިންސަތޭކަ އެތައް ކުދިންނެއް މި ތަމްރީނު ފުރިހަމަ ކުރަމުންދާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި މި ސަރުކާރު ދެމިއޮތްހާ ދުވަހަކު، އަހަރަކު އެއްހާސް ކުދިން މަދުވެގެން ތަމްރީނު ކުރަމުންދާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވި އެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، ޤައުމަށް ޚިދުމަތްކުރާނެ، މައިންބަފައިން ފަޚުރުވެރިވާނެފަދަ ޒުވާނެއް ބިނާކުރުމަކީ އިމާރާތްތަކެއް ބިނާކުރުމަށްވުރެ މާ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި މިސަރުކާރުން ކުރާނީ އެފަދަ ބިނާކުރަނިވި، ފައިދާވާ، މާނަހުރި ދެމެހެއްޓެނިވި ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ޚަތީބުން ބިނާކުރުމަކީ މީގެ ކުރިން ކުރަމުންއައި ކަމެއް ނޫންކަން ފާހަގަކުރައްވައި، ސަރުކާރުން ޒުވާން ޚަތީބުން ބިނާކުރަން ދެއްވާ އަހަންމިއްޔަތު އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 717 ޒުވާން ޚަތީބުން ބިނާކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި މިއަދަދު 1000 އާއި ހަމައަށް ގެންދެވޭތޯ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވި އެވެ. ޒުވާން ޚަތީބުންނަކީ އެކުދީންގެ ފަރާތުން މުޖުތަމައަށް ބޮޑު ދަރުމައެއް ލިބިދޭ ބައެއް ކަމަށާއި މިއީ އެކުއްޖާއަށާއި މުޖުތަމައަށް އެކަމުން ސަވާބު ލިބި މައިންބަފައިންނަށް އޭގެ އުފާވެރިކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ރައީސް މުއިއްޒު ސިފަކުރެއްވި އެވެ.











