އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ލެބޯޓަރީ ސާމާނު ބޮޑު އަގުގައި ގަތް މައްސަލައިގައި ޕްރޮކިއުމަންޓް އޮފިސަރާއި ބިޑު ކޮމިޓީގެ ތިން މެންބަރަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް!
10 ނޮވެމްބަރު 2026 | އަންގާރަ 17:35އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ލެބޯޓަރީ ސާމާނު ބޮޑު އަގުގައި ގަތް މައްސަލައިގައި، އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް އޮފިސަރާއި ބިޑު ކޮމިޓީގެ ތިން މެންބަރަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކޮށް ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި، ދައުލަތަށް ލިބުނު ގެއްލުމުގެ ފައިސާ އަނބުރާ ހޯދުމަށްވެސް އެ ކޮމިޝަނުން ނިންމާފައިވޭ


އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް
ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއްކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދާފައިވާ މައްސަލައިގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ 4 މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އަންގާރަ ދުވަހު އެސީސީން ބުނީ، މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައިވަނީ އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި ފަރާތާއި، އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި 3 މެންބަރެއްގެ މައްޗަށް ކަމަށެވެ.
މި މައްސަލައަކީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް 4 މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް އެ ހޮސްޕިޓަލުން 2025 ވަނަ އަހަރު ކުރި އިއުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ.
އޭސީސީން ބުނީ، އެ އިއުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2023/R-158)އާ ޚިލާފަށް އެ ތަކެތި ހޯދާފައިވާކަން އޭސީސީގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭސީސީން މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަން ނިންމާފައިވާ ފަރާތްތަކަކީ:
• މުހައްމަދު ސާއިން އަހްމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ) – ޕްރޮކިއުމަންޓް އޮފިސަރ / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)
• އަޡީމް ލަތީފް (އެވެރެސްޓު/ ސ. ހިތަދޫ) – ސީނިއަރ ހެލްތުކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއަރޕާސަން)
• އަބްދުﷲ ވަހީދު (ތައުރުއްގެ/ ސ. ހިތަދޫ) – ސީނިއަރ ކަސްޓަމަރ ރިލޭޝަންސް އޮފިސަރ (ބިޑު ކޮމިޓީގެ މެންބަރު)
• ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ/ ސ. ހިތަދޫ) – ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)
އޭސީސީން ބުނީ، މި މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. މީގެއިތުރުން، އެ ގާނޫނުގެ 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާވެސް އެ ފަރާތްތަކުގެ މައްޗަށް ކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.
މީގެ އިތުރުން އޭސީސީން ބުނީ، މި މައްސަލައަކީ، ގާނޫނުލްއުގޫބާތުގެ 517 ވަނަ މާއްދާގައި ބުނާ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ފޮނުވުމަށް ނިންމާފައިވާ މައްސަލައަކަށް ވާތީ، ގެއްލުންވާ ފައިސާގެ އަދަދު ހިސާބު ކުރުމަށާއި މި މައްސަލައިގައި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް ގެ މުވައްޒަފުންގެ އިދާރީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން އަނބުރާ ހޯދަންޖެހޭ އަދަދުތައް ކަނޑައަޅައި އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެންގުމަށް ނިންމާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.










