ވެރިކަން ނިމުމުގެ ކުރިން ކިއުބާގެ ސަރުކާރު ވައްޓާލަން ޓްރަމްޕް ވިސްނަވަނީ
13 ނޮވެމްބަރު 2026 | ހުކުރު 09:13ކިއުބާގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންކުރުމާ މެދު ވިސްނަމުންދާއިރު، އެ ޤައުމާ ދެކޮޅަށް ތެލުގެ ހިސާރެއް ގާއިމުކޮށް އިގުތިސާދީ ގޮތުން ވަނީ ދަތިކޮށްފައި. މި ފިޔަވަޅުތަކުގެ ސަބަބުން ކިއުބާގައި އިންސާނީ ކާރިސާއެއް އުފެދިފައިވީ ނަމަވެސް، އެމެރިކާއިން ދަނީ އެ ޤައުމުގެ އިސްވެރިންނަށް އަމާޒުކޮށް ދަތިކުރުމުގެ އައު ފިޔަވަޅުތައް އަޅަމުން. ކިއުބާގެ އޮފިޝަލުން ވަނީ ބޭރުގެ ކޮންމެ ހަމަލާއަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ | އީޕީއޭ
2029 ވަނަ އަހަރު އެމެރިކާގެ ރައީސްކަމުގެ ދައުރު ހަމަވެ ވެރިކަމުން ފައިބައިވަޑައިގެންނެވުމުގެ ކުރިން ކިއުބާގެ މައްސަލަ އެއްކޮށް ނިންމަވާލައްވަން ބޭނުންފުޅުވާ ކަމަށާއި، އެ ޤައުމާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރެއްވުމާ މެދު "ޔަގީނުން ވެސް ވިސްނަވާނެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މި މޭރުމުން ވިދާޅުވީ، އަސްކަރީ އޮޕަރޭޝަނެއް މެދުވެރިކޮށް "ކިއުބާ މިނިވަންކުރެއްވުމާ" މެދު ވިސްނަވަންތޯ މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސަރުކާރުން ކިއުބާގެ ހާލަތު "ވަރަށް ގާތުން ބަލަމުންދާ" ކަމަށެވެ.
"އަޅުގަނޑު ވެރިކަމުން ފޭބުމުގެ ކުރިން ކިއުބާގެ ކަންތައް ނިންމާލަން ބޭނުން،" ޓްރަމްޕް ވިދާޅުވި އެވެ. ކިއުބާއަކީ "އަސާސީ ގޮތުން ފޭލުވެފައިވާ... ތަނެއް، ނުވަތަ ޤައުމެއް، ކޮންމެ ނަމެއް ކީ ނަމަވެސް" އެ ޤައުމުގެ ހާލަތަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ ޕޮލިޓިކޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިއުބާއާ ދެކޮޅަށް ހިންގަފާނެ އަސްކަރީ އޮޕަރޭޝަނަކަށް ޓްރަމްޕް ވަކި މުއްދަތެއް ކަނޑައެޅުއްވި މިއީ ފުރަތަމަ ފަހަރެވެ.
މައިންބަފައިން ކިއުބާއަށް ނިސްބަތްވާ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ކިއުބާގެ ވެރިކަން ބަދަލުކުރުމުގެ ފިޔަވަޅު އަޅުއްވަން "ވަރަށް ބޮޑަށް ބޭނުންފުޅުވާނެ" ކަން ޓްރަމްޕް ފާހަގަކުރެއްވި އެވެ. "އެ ޤައުމުގެ ރައްޔިތުންނަށް ޓަކައި، އަދި ވަރަށް އިހާނެތިކޮށް ހިތުމުގެ ސަބަބުން އެމެރިކާއަށް ހިޖުރަކުރި ކިއުބާގެ ރައްޔިތުންނަށް ޓަކައި އެ ކަން ކޮށްދެވޭނެ ނަމަ އަޅުގަނޑު ވަރަށް އުފާވާނެ،" ޓްރަމްޕް ވިދާޅުވި އެވެ. ހަމަމިއާއެކު، އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި ދިރިއުޅޭ ކިއުބާ ދަރިކޮޅުގެ ރައްޔިތުންގެ މިޑްޓަރމް އިންތިޚާބުގައި ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ކަން ވެސް އޭނާ ހަނދާންކޮށްދެއްވި އެވެ.
އިގުތިސާދީ ދަތިކުރުމާއި ތެލުގެ ހިސާރުގެ ސަބަބުން އުފެދިފައިވާ އިންސާނީ ކާރިސާ
ކިއުބާގެ ވެރިކަން ވައްޓާލައްވާނެ ކަމުގެ އިންޒާރު ޓްރަމްޕް މީގެ ކުރިން ވެސް ތަކުރާރުކޮށް ވަނީ ދެއްވާފަ އެވެ. މި ގޮތުން، ނޮވެންބަރު 9 ވީ ހޯމަ ދުވަހު ޓްރަމްޕް ވިދާޅުވީ ކިއުބާ "ވަރަށް އަވަހަށް ވެއްޓޭނެ" ކަމަށާއި، އެ ހާލަތުގައި "އިންސާނީ އެހީތެރިކަމުގެ އުސޫލުން" އެމެރިކާއިން އެ ޤައުމަށް އެހީތެރިވާނެ ކަމަށެވެ. މީގެ ކުރިން މާރިޗު މަހުގެ ތެރޭގައި ކިއުބާގެ ކަރަންޓު ވިއުގަ އެއްކޮށް ހުއްޓުމަކަށް އައި ދަނޑިވަޅުގައި ވެސް، "ކިއުބާ ހިފުމުގެ ޝަރަފު" ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
ޖަނަވަރީ މަހު އެމެރިކާ ސިފައިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް، ވެނެޒުއެލާއިން ކިއުބާއަށް ފޮނުވަމުންދިޔަ ތެޔޮ ހުއްޓުވުމަށް ފަހު، ޓްރަމްޕް ވަނީ ކިއުބާއާ ދެކޮޅަށް ނުރަސްމީ ތެލުގެ ހިސާރެއް ގާއިމުކުރައްވާފަ އެވެ. އަދި، ކިއުބާއަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް "އާދަޔާ ޚިލާފު އަދި ބޮޑު ނުރައްކަލެއް" ކަމަށް ކަނޑައަޅުއްވައި ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވާފަ އެވެ. މިއާއެކު، ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ ކޮންމެ ޤައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑެތި ޓެރިފް ނުވަތަ ޓެކުސް ނަގާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
އެމެރިކާއިން އަޅާފައިވާ މި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ކިއުބާގެ އެކި ކަންކޮޅުތަކުން ތަކުރާރުކޮށް ކަރަންޓު ކެނޑި، ތެލާއި ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އެ ޤައުމުގައި ވަނީ ނުރައްކާތެރި އިންސާނީ ކާރިސާއެއް އުފެދިފަ އެވެ. ކިއުބާގެ އޮފިޝަލުން މި ފިޔަވަޅުތައް ސިފަކުރަނީ މުޅި ރައްޔިތުންނަށް ދެވޭ "ޖަމާޢީ އަދަބެއް" ގެ ގޮތުގަ އެވެ.
ދަތިކުރުމުގެ އައު ފިޔަވަޅުތަކާއި އަސްކަރީ ތައްޔާރީތައް
ވޮޝިންގޓަނުން ވަނީ ކިއުބާގެ ދައުލަތުގެ ތެޔޮ ކުންފުންޏާއި، ރައީސް މިގޭލް ޑިއާޒް-ކަނެލް އަދި ކުރީގެ ރައީސް ރައުލް ކާސްޓްރޯގެ ޢާއިލާގެ މެންބަރުންނާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. ހަމަމިއާއެކު، ނޮވެންބަރު މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ކިއުބާގެ ސަރުކާރާއި، އަސްކަރިއްޔާ އަދި ތެލުގެ ސިނާއަތާ ގުޅުންހުރި އިތުރު 10 ފަރާތަކާއި މުއައްސަސާއަކަށް އަމާޒުކޮށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އިޢުލާނުކޮށްފަ އެވެ. މީގެ އިތުރުން، ކުރީގެ ރައީސް ރައުލް ކާސްޓްރޯ ހައްޔަރުކުރުމުގެ އަމުރެއް ވެސް އެމެރިކާއިން ވަނީ ނެރެފަ އެވެ.
ތެލުގެ ހިސާރާ ގުޅޭ ގޮތުން ދެ ޤައުމުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތަކެއް ބޭއްވި ނަމަވެސް، ޖޫން މަހު ކިއުބާގެ ޚާރިޖީ ވަޒީރު ވިދާޅުވީ އެ މަޝްވަރާތަކުން "އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ" ކަމަށެވެ. އެމެރިކާގެ ސަދަން ކޮމާންޑުގެ ވެރިޔާ މާރިޗު މަހު ސެނެޓަރުންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ކިއުބާއަށް އަރައިގަތުމަށް އެމެރިކާ ސިފައިން އެއްވެސް ތަމްރީނެއް ހަދަމުން ނުދާ ކަމަށެވެ. ނަމަވެސް، ކިއުބާގެ އޮފިޝަލުން ބުނީ ބޭރުގެ ކޮންމެ ފަދަ ހަމަލާއަކާ ކުރިމަތިލުމަށް ވެސް އެ ޤައުމު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މަސްދަރު: އަލް ޖަޒީރާ











