އަމާޒަކީ ހަމައެކަނި އަތްލެވޭ، ލޮލަށް ފެންނަ އުމްރާނީ ބިނާތަކެއް އެޅުމެއް ނޫން: ރައީސް މުއިއްޒު
15 ނޮވެމްބަރު 2026 | އާދީއްތަ 04:29އިހުތިރާމް އަދާކުރުމުގެ ރިވެތި އާދަ މުޖުތަމައުގައި އަށަގަންނަވައި، އިންސާނީ ކަރާމާތާއި ޤައުމިއްޔަތަށް ފަޚުރުވެރިވާ ޖީލެއް ބިނާކުރުމަށްޓަކައި "އިހުތިރާމުކުރުމުގެ ޤައުމީ މަޝްރޫއު" ރައީސް މުއިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި. ފަސް އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫއަކީ މާއްދީ ތަރައްޤީއާއެކު ފިކުރީ އަދި އަޚްލާޤީ ގޮތުން ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ފެށި މުހިންމު މަސައްކަތެއްކަމަށް ސަރުކާރުން ބުނޭ


އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ގަދަރުކުރާ، ތާހިރު، ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމުގެ މަތިވެރި މަޤުސަދުގައި ތައާރަފުކުރެއްވި "އިހުތިރާމުކުރުމުގެ ޤައުމީ މަޝްރޫއު"، ރައީސް މުއިއްޒު، ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި | ރައީސް އޮފީސް
ހަޤީޤީ ޤައުމީ ތަރައްޤީ ހާސިލުކުރެވޭނީ އުމްރާނީ ތަރައްޤީއާއެކު ދިވެހީންގެ ވިސްނުން ބިނާކޮށްގެންކަން ފާހަގަކުރައްވައި، އިސްލާމީ ހަމަތަކާއި އެކަކު އަނެކަކަށް ގަދަރުކުރުމުގެ މައްޗަށް ބިނާވެފައިވާ، އަދި ފުރައްސާރަކުރުމާއި މަލާމާތްކުރުމުން ތާހިރުވެފައިވާ ތަހުޒީބު މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި މަގުސަދުގައި ކުރިއަށްގެންދާ "އިހްތިރާމުކުރުމުގެ ޤައުމީ މަޝްރޫއު" ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ.
އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އިފްތިތާހްކުރުމަށް، މާފަންނު ޓްރެކް ސަރަހައްދުގައި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތުގައި، ރައީސް މުއިއްޒުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދައުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއު އިފްތިތާހުކޮށްދެއްވަމަށްފަހު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވުމަށްފަހު ޤައުމާ މުޚާތަބުކުރައްވާ އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލެއްވި އެވެ. މިގޮތުން، ޤައުމަށް ގެންނަން ބޭނުންފުޅުވާ ބަދަލު އެމަނިކުފާނު ސިފަކޮށްދެއްވީ މާއްދީ އަދި މާނަވީ ތަރައްޤީގެ ގޮތުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ ހަމައެކަނި އަތްލެވޭ ލޮލަށް ފެންނަ އުމްރާނީ ބިނާތަކާ މާނަވީ ފިކުރީ އިންސާނީ ބިނާ ގެނައުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ރާއްޖެ ބިނާކުރުމާއި ޤައުމު ބިނާކުރުން ކަމުގަ އެވެ. އަދި މިކަމުގެ ސަބަބުން، ދިވެހި މުޖުތަމައަކީ އިންސާނީ ކަރާމާތް ނަގަހައްޓައި ޤައުމީ ތަރިކަތައް ދަމަހައްޓައި ދިވެހި ޤައުމިއްޔަތާއި ދިވެހި ވަންތަކަމަށް ފަޚްރުވެރިވާ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ.
މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ މުޖުތަމައުގައި އަށަގަނެފައިވާ ނޭދެވޭ އާދަތައް ނައްތާލައި، އަހުލާޤީ ގޮތުން ރައްޔިތުން ތާހިރުކުރުންކަން ފާހަގަކުރައްވާ، މިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި ޣީބަބުނުމާ ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ މުޖުތަމައު ތާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް ވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ދިވެހީންގެ ފަޚުރުވެރި މާޒީއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިވެހީންގެ ދުރު މާޒީއަކީ އިންސާނީވަންތަކަމުގެ މާޒީއެއް ކަމަށާއި، އެއީ މާތް އަޚްލާޤާއި މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ އުޖާލާ މާޒީއެއް ކަމަށެވެ. އެ ޒަމާނުގައި އޮތް ރީތި އާދަތަކުގެ ތެރެއިން ވަގުތަށް ކަމޭހިތުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސަރުކާރުގެ އާދައިގެ މުވައްޒަފެއްކަމުގައި ވިޔަސް، އާދައިގެ ދިވެއްސެއްކަމަށް ވިޔަސް، އޮފީހެއްގެ ވެރިޔެއްކަމަށް ވިޔަސް އެ ޒަމާނުގައި ވަގުތަށް ކަމޭ ހިތުން އެއީ ވަރަށް ބޮޑު އިސްކަމެއް ދޭކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން، ކޮންމެ ފަރުދަކު ވެސް އެމީހެއްގެ މަސްއޫލިއްޔަތަށް ފުރިހަމައަށް އަމާނާތްތެރިވުމަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، މި މަޝްރޫއަކީ ދިވެހި ޤައުމިއްޔަތަށް ދިރުންގެނެސްދޭނެ ކަމެއްކަން ފާހަގަކުރައްވައި ވިދާޅުވީ، ދިވެހި ޤައުމިއްޔަތަށް ދިރުން އެދެމުން ދިވެހިވަންތަކަމަށް ތަހުޒީބު މުސްތަޤުބަލެއް ކުރަހައި ތަންފީޒުކުރަމުން މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ފެށިގެން ދިޔައީ އިހްތިރާމުކުރުމުގެ ޤައުމީ މަޝްރޫއު ކަމަށެވެ.
އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯ ވެސް އެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ.
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިހްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއެއް ފައްޓަވަން އެދިވަޑައިގަންނަވާކަމަށާއި، މިކަމުގައި ހުރިހާ ފަރާތްތަކަކުން ވެސް ޝާމިލުވެވަޑައިގަތުމަށް ރައީސް މުއިއްޒު ގޮވާލެއްވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް އިހުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫއެއް މުޅި ރާއްޖޭގައި ހިންގޭއިރު، އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފަ އެވެ. ރައީސް މުއިއްޒުގެ އިސްނެންގެވުމަށް، ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް އިފްތިތާހުކުރެވުނު މި މަޝްރޫއުގެ ކަންކަން ބަލަހައްޓާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.











