ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން މޮސްކޯއަށް، ޕުޓިންއާ ބައްދަލުކުރައްވާނެ!
12 ނޮވެމްބަރު 2026 | ބުރާސްފަތި 09:57ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކުގައި ބިމުގެ މިލްކުވެރިކަމާ މެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އަބޫ ދާބީގައި ބޭއްވި ބައްދަލުވުންތަކުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ރަޝިއާއާއި ޔޫކްރެއިނުން ބުނޭ. މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ އަސީރުން ބަދަލުކުރުމާއި، ހަނގުރާމައަށްފަހު ލިބޭނެ ސަލާމަތީ ޔަގީންކަމުގެ އިތުރުން ޤައުމު އާރާސްތުކުރުމުގެ ކަންކަމުގެ މައްޗަށް


އެމެރިކާގެ ޚާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފްއާއި ޖެރަޑް ކުޝްނަރއަށް ރަޝިއާގެ ވެރިރަށް މޮސްކޯއިން މަރުހަބާ ކިޔަނީ | ރޮއިޓަރސް
ޔޫކްރެއިންގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް އެމެރިކާއިން ކުރަމުންދާ އެންމެ ފަހުގެ މަސައްކަތްތަކުގެ ދަށުން، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއެކު މަޝްވަރާކުރެއްވުމަށް އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރެޑް ކުޝްނަރއާއި ސްޓީވް ވިޓްކޮފް ބުރާސްފަތި ދުވަހު މޮސްކޯއަށް ވަޑައިގަންނަވައިފި އެވެ.
ކްރެމްލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމަކީ، ވިޓްކޮފް ޕުޓިންއާ ސީދާ ބައްދަލުކުރައްވާ 10 ވަނަ ފަހަރެވެ. މި ދަތުރުފުޅު މި ފެށުނީ، އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) އަބޫ ދާބީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ތިން ފަރާތުގެ ސުލްހައިގެ މަޝްވަރާތައް ބުދަ ދުވަހު ނިމުމަކަށް އައިސްފައިވަނިކޮށެވެ. އެ މަޝްވަރާތައް ނިމުނުއިރު، އަސީރުން ބަދަލުކުރުމުގެ އިތުރު ބޮޑު ހަރަކާތެއް ރޭވިފައިވާ ކަމުގެ ޚަބަރު ލިބުނު ނަމަވެސް، ފުޅާ ދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކުން އާންމުކޮށް ފެންނަ ފަދަ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
ކުޝްނަރއާއި ވިޓްކޮފް ދަތުރުކުރެއްވި މަތިންދާބޯޓު ކައިރިން އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ ޕުޓިންގެ ޚާއްސަ މަންދޫބު ކިރިލް ދްމިތުރިއެފް އެވެ. އަދި، ޕުޓިންއާއެކު ބާއްވަވާ މަޝްވަރާތަކުގެ ކުރިން، ދްމިތުރިއެފް ވަނީ އެ ދެ ބޭފުޅުންނާއެކު މޮސްކޯގެ މެދުތެރެއަށް ވަޑައިގަންނަވާފަ އެވެ.
މި ހަފުތާގައި އަބޫ ދާބީގައި ބޭއްވުނު ބައްދަލުވުންތަކަކީ، ހަތަރު އަހަރާއި ހަމަހަށް ދެމިގެންގޮސްފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި، ނުވަ މަސްދުވަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެގެން ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ބޭއްވުނު ފުރަތަމަ މަޝްވަރާތަކެވެ. މި މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބުނު ކަމަށް ރަޝިއާއާއި ޔޫކްރެއިންގެ މަންދޫބުން ވިދާޅުވި އެވެ. ނަމަވެސް، ބިމުގެ މިލްކުވެރިކަމުގެ މައްސަލަ ހިމެނޭހެން މުހިންމު ބޮޑެތި ކަންކަމުގައި އަދިވެސް ޚިޔާލުތަފާތުވުންތައް އެބަހުރި ކަމަށް އެމެރިކާގެ ފަރާތުން ބުންޏެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ކަމާމެދު އާންމުކޮށް އުންމީދީ ވާހަކަފުޅުތަކެއް ދައްކަވާފައިވީ ނަމަވެސް، ބޮޑެތި ދޫތަކެއް ދިނުމުގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވެ އެވެ. ސުލްހައިގެ ބަދަލުގައި އިރުމަތީ ދޮންބާސް ސަރަހައްދު އެއްކޮށް ދޫކޮށްލުމަށް ޕުޓިން ކުރައްވާ ޝަރުތުތައް ކީވުން ވަނީ ދެކޮޅު ހަދާފަ އެވެ. ބިމުގެ މައްސަލައިގައި މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާތީ، ހަނގުރާމައަށްފަހު ލިބޭނެ ސަލާމަތީ ޔަގީންކަމާއި އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކާ ދިމާއަށް މަޝްވަރާތައް މިސްރާބު ކުރުމަށް އެމެރިކާގެ މެދުވެރިން ވަނީ މަސައްކަތް ކޮށްފަ އެވެ.
ހަމަމިއާއެކު، ވިލާތުގެ އައު ސަލާމަތީ އޮނިގަނޑެއްގެ ދަށުން ހުޅަނގުގެ ދިފާޢީ އިއްތިހާދުގެ (ނޭޓޯ) މެންބަރު ޤައުމުތަކާއެކު ހަމަލާ ނުދިނުމުގެ އެއްބަސްވުންތަކެއްގައި މޮސްކޯއިން ސޮއިކޮށްފާނެ ކަމަށް ރަޝިއާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވި އެވެ. ނަމަވެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުން ހިމެނޭހެން ޔޫކްރެއިންގެ މައްސަލައިގައި ހަގީގީ ކުރިއެރުމެއް ލިބުމުގެ ކުރިން، ވިލާތުގެ ސަލާމަތީ ކަންކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރުމާ ދެކޮޅު ކަމަށް ވިލާތުގެ ގިނަ ސިޔާސީ ބޭފުޅުން ވިދާޅުވެ އެވެ.
މަސްދަރު: ްރޮއިޓަރސް











