ކޮންގޯގައި ހުރި އިބޯލާއަށް ފަރުވާދޭ ޚާއްސަ މަރުކަޒެއްގައި ބަޔަކު ހުޅުޖަހައިފި
1 ނޮވެމްބަރު 2026 | އާދީއްތަ 03:11ކޮންގޯގައި އިބޯލާއަށް ފަރުވާދޭ މަރުކަޒެއްގައި ބަޔަކު ރޯކޮށްލުމާ ގުޅިގެން، އެ ސަރަހައްދުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިން ރައްކާތެރިކަން ހޯދުމަށް އެ ރަށް ދޫކޮށް ވަނީ ގޮސްފައި. އާންމުންގެ ފަރާތުން ކުރިމަތިވާ މި ފަދަ ހަމަލާތަކުގެ ސަބަބުން ބަލި ކޮންޓުރޯލުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެ ޤައުމުގައި މިހާތަނަށް މި ބަލީގައި 5،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައި


ކޮންގޯގައި ފެތުރެމުންދާ އިބޯލާ ކޮންޓުރޯލު ކުރުމަށް ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ގާއިމުކޮށްފައިވާ ޚާއްސަ މަރުކަޒެއްގައި ރޯކޮށްލާފައިވާ މަންޒަރު | ބީބީސީ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި 'ބަންޑިބޫޖޯ' ވައިރަހުގެ ސަބަބުން ފެތުރެމުންދާ ނުރައްކާތެރި އިބޯލާ ރޯގާ ކޮންޓުރޯލުކުރުމަށް ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅައި، އެ ޤައުމުގައި ހުރި އިބޯލާއަށް ފަރުވާދޭ މަރުކަޒެއްގައި ބަޔަކު ހޮނިހިރު ދުވަހު އަލިފާން ރޯކޮށްލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އެ ޤައުމުގެ އުތުރު-މެދުތެރޭގެ ޗޯޕޯ ޕްރޮވިންސަށް ނިސްބަތްވާ ރަށްފުށުގެ އަވަށެއް ކަމަށްވާ ބަފްވަސެންޑޭގައި، ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މި ކަން ކަށަވަރުކޮށްދެއްވަމުން އެ ސަރަހައްދުގެ ސިއްހީ އިދާރާއާ ހަވާލުވެ ހުންނެވި ޑރ މާރސެލް ލިކީލޯ ވިދާޅުވީ، މަރުކަޒުގައި އަލިފާން ރޯކޮށްލާފައި ވަނީ ކޮން ބަޔެއްކަން ދެނެގަނެވިފައިނުވާ ކަމަށެވެ. މިއީ އެ ސަރަހައްދުގައި އިބޯލާގެ އިންޒާރަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ހަރަކާތްތެރިވި ސިއްހީ ޚިދުމަތްތެރިއަކު، އެއްވި ބަޔަކު އަނިޔާވެރިކޮށް މަރާލިތާ އެންމެ ހަފުތާއެއް ފަހުން ހިނގި ހާދިސާއެކެވެ.
ޕްރޮވިންސްގެ ވެރިރަށް ކިސަންގާނީގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ ލިކީލޯ ވިދާޅުވީ، އެ މަރުކަޒުގައި އަލިފާން ރޯކޮށްލުމާ ގުޅިގެން، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންނަށް ޚާއްސަކޮށްފައިވާ ދެ ކޮޓަރިއެއް އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި، އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔުމުގެ ކުރިން ނިއްވާލެވުނީ އެ ތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ގާޑުން ވަގުތުން ކުރި މަސައްކަތުން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ހާދިސާއާ ގުޅިގެން އުފެދުނު ބިރުވެރިކަމުގެ ސަބަބުން، އިބޯލާ އޮޕަރޭޝަނަށް އެހީތެރިވުމަށް އެ ސަރަހައްދުގައި ތިބި ޑޮކްޓަރުން ވަނީ ރައްކާތެރިކަން ހޯދުމަށް ޓަކައި އަވަށުން ފުރައިގެން ކިސަންގާނީއަށް ގޮސްފައި ކަމަށް ޑރ ލިކީލޯ ވިދާޅުވި އެވެ. ހަމަމިއާއެކު، އަލިފާން ރޯކޮށްލި މަރުކަޒުގައި ފަރުވާދެމުން ދިޔަ، ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުން މިހާރު ވަނީ އަވައްޓެރި އިތޫރީ ޕްރޮވިންސްގެ ނިއާ-ނިއާ ސިއްހީ މަރުކަޒަށް ބަދަލުކޮށްފަ އެވެ.
އާންމު ރައްޔިތުންގެ ފަރާތުން ފެންނަ ދެކޮޅުވެރިކަމަކީ ވައިރަސް ފެތުރުން ކޮންޓުރޯލުކުރުމަށް ކުރާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ސިއްހީ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. އެ ޤައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މެއި މަހުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ކަށަވަރު ކުރެވިފައިވާ އިބޯލާ ކޭސްތަކުގެ އަދަދު ވަނީ 10،000 އަށްވުރެ މައްޗަށް އުފުލިފަ އެވެ. މީގެ ތެރޭގައި މި ރޯގާގައި ފުރާނަ ގެއްލުނު 5،000 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށް ވެސް ރަސްމީ ރިޕޯޓުތަކުން ދައްކަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











