ލޫލާގެ ކާމިޔާބީ ބަލައިނުގަންނަވައި، ބްރެޒިލްގެ އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ބޮލްސޮނާރޯ ގޮވާލައްވައިފި
26 އޮކްޓޯބަރު 2026 | ހޯމަ 09:31ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ލޫލާ ކާމިޔާބު ކުރެއްވީ %51.76 ވޯޓާއެކުގައެވެ. ނަމަވެސް، ވޯޓުލާ ވަގުތު އިތުރުކުރަން ކޯޓުން ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ބުނެ، ބޮލްސޮނާރޯގެ ޕާޓީން ވަނީ އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ކޯޓަށް ހުށަހަޅަން ނިންމާފައި. މިއީ، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު ކެންޑިޑޭޓަކު ދެވަނަ ބުރު ކާމިޔާބުކުރި ފުރަތަމަ ފަހަރު


ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އެ ގައުމުގެ ސެނެޓަރ ފްލާވިއޯ ބޮލްސޮނާރޯ. | އަލްޖަޒީރާ
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާރުގެ ރައީސް ލުއީޒް އިނާސިއު ލޫލާ ދަ ސިލްވާއާ ވާދަކުރައްވައި ކުޑަ ތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވުމާ ގުޅިގެން، އެ އިންތިޚާބުގެ ނަތީޖާ ބާތިލުކުރުމަށް އެދި ކޯޓަށް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށް އެ ޤައުމުގެ ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯ އާދީއްތަ ދުވަހުގެ ރޭ އިއުލާނު ކުރައްވައިފި އެވެ.
އިންތިޚާބުގެ ކާމިޔާބީ ލޫލާ ހޯއްދަވާފައިވާ ކަމަށް ސުޕީރިއަރ އިލެކްޓޯރަލް ކޯޓުން (ޓީއެސްއީ) އިއުލާނުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ލިބަރަލް ޕާޓީގެ (ޕީއެލް) ކެންޑިޑޭޓް ވަނީ، މުޅި ޤައުމުގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް ފެޑެރަލް ސުޕްރީމް ކޯޓުން (އެސްޓީއެފް) އެންމެ ފަހު ވަގުތު ނިންމި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ޓީމު މެދުވެރިކޮށް، މި އިންތިޚާބު ބާތިލުކުރުމަށް އެދި ހުށަހަޅާނަން،" ބޮލްސޮނާރޯ ވިދާޅުވި އެވެ. "ފެޑެރަލް ސުޕްރީމް ކޯޓުގައި ތިއްބެވި ލޫލާގެ ރަހުމަތްތެރިން، ކުޅިވަރުގެ ގަވާއިދުތައް އަމިއްލަ ހިތުހުރި ގޮތަކަށް، އަނެއްކާ ވެސް، ބަދަލުކޮށްލި ކުރުން އަޅުގަނޑު ބަލައެއް ނުގަންނާނަން."
ބޮލްސޮނާރޯގެ ފާޑުވިދާޅުވުންތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ އެސްޓީއެފްގެ ފަނޑިޔާރު ކްރިސްޗިއާނު ޒަނީން އަށެވެ. ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއި މޫސުން ގޯސްވުމާ ގުޅިގެން ހުށަހެޅުނު ކުއްލި ޕެޓިޝަންތަކަކާ ގުޅިގެން، ބްރަޒީލިއާ ގަޑިން ރޭގަނޑު 7:00 ޖަހަންދެން މުޅި ބްރެޒިލްގައި ވޯޓުލާ ވަގުތު އިތުރުކުރުމަށް އެންމެ ފަހު ވަގުތު އަމުރު ނެރުއްވީ ފަނޑިޔާރު ޒަނީން އެވެ. މި ނިންމެވުން ކުށްވެރިކުރައްވަމުން ބޮލްސޮނާރޯ ވަނީ، މަތީ ކޯޓަށް އައްޔަންކުރެއްވުމުގެ ކުރިން ފަނޑިޔާރު ޒަނީން އަދާކުރެއްވީ ލޫލާގެ ޒާތީ ދިފާޢީ ވަކީލުގެ މަގާމުކަން ފާހަގަކުރައްވާފަ އެވެ.
ަސައްހަ ވޯޓުގެ %51.76 (60 މިލިޔަނަށް ވުރެ ގިނަ ވޯޓު) ކާމިޔާބު ކުރައްވައި، ލޫލާ ވަނީ ވިދިވިދިގެން ނޫން ގޮތަކަށް ހަތަރުވަނަ ދައުރެއް ކަށަވަރު ކުރައްވާފަ އެވެ. އޭނާއާ ވާދަކުރެއްވި ބޮލްސޮނާރޯއަށް ލިބިވަޑައިގެންނެވީ %48.24 ވޯޓެވެ. މިއީ، ޒަމާނީ ބްރެޒިލްގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ ވާދަވެރި އަދި ނުތަނަވަސްކަން ބޮޑު އެއް ކެމްޕޭނެވެ.
މި އިންތިޚާބުގެ ފުރަތަމަ ބުރުގައި، އޮކްޓޫބަރު 4 ގައި ކުރިއަށްދިޔަ ވޯޓުލުމުގައި %47 ވޯޓާއެކު ކުރީގައި އޮތީ ބޮލްސޮނާރޯ އެވެ. އެ ބުރުގައި ލޫލާއަށް ލިބިވަޑައިގެންނެވީ %45 އެވެ. މިއާއެކު، 1989 ވަނަ އަހަރު ދެ ބުރުގެ އިންތިޚާބީ ނިޒާމު ތައާރަފުކުރި ފަހުން، ފުރަތަމަ ބުރުގެ ނާކާމިޔާބީ ފަހަތަށް ޖައްސަވައި ދެވަނަ ބުރު ކާމިޔާބު ކުރެއްވި ބްރެޒިލްގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކަށް ލޫލާ މި ވަނީ ވެވަޑައިގަންނަވާފަ އެވެ.
އިންތިޚާބީ އިދާރާތަކުން ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ތައްޔާރުވަމުންދާއިރު، ޕީއެލް ޕާޓީން ހުށަހަޅާ މި މައްސަލައާއެކު ބްރަޒީލިއާގައި ވަރުގަދަ ގާނޫނީ ކުރިމަތިލުންތަކެއް ހިނގާނެ ކަމަށް ބެލެވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











