ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026: "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް" މަހާ ނަސީރަށް
25 އޮކްޓޯބަރު 2026 | އާދީއްތަ 07:23މެލޭޝިއާގައި ބޭއްވި "ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް" ގައި ރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު ބައިނަލްއަގުވާމީ ޝަރަފުވެރި އެވޯޑެއް ހާސިލުކުރައްވައިފި. ދުނިޔޭގެ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ މަހާ މި އެވޯޑު ކާމިޔާބުކުރެއްވުމަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަން ދުނިޔެއަށް ސާބިތުކޮށްދީ ދިވެހި ކެއުންތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް މަގުބޫލުވެގެންދާނެ ކަމެއް


މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި "ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026" ގައި ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު | ރާއްޖެ އެމްވީ
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި "ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026" ގައި ދިވެހިރާއްޖޭގެ މަޝްހޫރު ޝެފް މަހާ ނަސީރު "ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން" ކާމިޔާބު ކުރައްވައިފި އެވެ.
ކުއާލަލަމްޕޫރުގެ އަންޑަމަން ގްރޭންޑް ބޯލްރޫމްގައި އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ބޭއްވި މި ކުލަގަދަ ރަސްމިއްޔާތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނަން މަޝްހޫރު ޝެފުންނާއި ކާބޯތަކެތީގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ފުންނާބު އުސް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޝެފް މަހާއަކީ، 2022 ވަނަ އަހަރު "މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑް" އިން ދެއްވާ ޝަރަފުވެރި "މާސްޓަރ ޝެފް" ގެ ލަގަބު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، މަހާ އަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޝެފުންގެ ޖަމިއްޔާ ކަމަށްވާ "ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް" ގެ ކޮންޓިނެންޓަލް ޖަޖެއް ވެސް މެއެވެ.
ވޯލްޑް ގޯމޭ މެލޭޝިއާއިން އިސްނަގައިގެން، ކަލިނަރީ ދާއިރާގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް އަގުވަޒަންކުރުމުގެ ގޮތުން 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑު، މިއަހަރު ވަނީ ޝެފުންނާއި ރެސްޓޯރެންޓްތައް އަދި ފުޑް ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް އަރުވާފަ އެވެ.

މި އެވޯޑު، މިއަހަރު ވަނީ ޝެފުންނާއި ރެސްޓޯރެންޓްތައް އަދި ފުޑް ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް އަރުވާފައި | ރާއްޖެ އެމްވީ
ޝެފް މަހާ ނަސީރު ހޯއްދެވި މި ފަޚުރުވެރި ބައިނަލްއަގުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަން ދުނިޔެއަށް ސާބިތުކޮށްދީ، ދިވެހިވަންތަ ރަހަތަކާއި ދިވެހި ކެއުންތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް މަގުބޫލުވެ ފުޅާވެގެންދިއުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ބާރެކެވެ.










