އީރާނާއެކު ހަނގުރާމަ އަލުން ފެށިއްޖެނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރިޒާވް މަދު އޭޝިޔާގެ ޤައުމުތަކަށް
23 އޮކްޓޯބަރު 2026 | ހުކުރު 10:15ހުރްމުޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް ދޭ ހަމަލާތައް އިތުރުވެ، ދުނިޔޭގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތެލުގެ ރިޒާވް ރެކޯޑް މިންވަރަކަށް ދަށްވުމާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި. މި ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ލިބުމަށް ދަތިވެ، އޭޝިއާގެ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، މީގެ ނާޖާއިޒު ފައިދާ ބޮޑެތި ތެޔޮ ކުންފުނިތަކުން ނަގަމުންދާކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި


ހުރްމުޒް ކަނޑުއޮޅި | އޭއެފްޕީ
ހުރްމުޒް ކަނޑުއޮޅިއާއި އެ ސަރަހައްދުގެ ވަށައިގެންވާ ހިސާބުތަކުގައި ތެޔޮ ޓޭންކަރުތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތައް ހުއްޓުމަކަށް އައުމާ ގުޅިގެން، ތެލުގެ އަގު ފާއިތުވި ފަސް މަސްދުވަހުގެ ތެރޭގައި އުފުލުނު އެންމެ މަތީ މިންވަރަށް މިހާރު ވަނީ ގާތްވެފަ އެވެ.
ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު މިންކުރާ މިންގަނޑެއް ކަމަށްވާ ސާފުނުކުރާ ތެލުގެ އަގު ބުދަ ދުވަހު ވަނީ ފީފާއަކަށް 2 ޑޮލަރަށްވުރެ ބޮޑުވެ، 110.85 ޑޮލަރަށް އުފުލިފަ އެވެ. މިއީ ފާއިތުވި 5 މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު އެންމެ މަތީ މިންވަރަކަށް ދިޔަ ދުވަސްތަކާ ގާތްކުރާ އަދަދެކެވެ.
އޭގެ އެއްދުވަސް ކުރިން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފައިވަނީ، ހުރްމުޒް ކަނޑުއޮޅީގެ ގަވާއިދާ ހިލާފު ހުރަހެއްގައި މައިންތަކެއްގައި ޖެހި ދެ ޓޭންކަރެއްގައި ރޯވެފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހު އައިއާރްޖީސީ އިން ވަނީ އިތުރު ހަތް ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ވޮޝިންޓަނުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އައިއާރްޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާދިން އުޅަނދުތަކުގެ ތެރެއިން ހަތަރު އުޅަނދަކީ ތެޔޮ އުފުލަމުންދިޔަ އުޅަނދުތަކެއް ކަމަށާއި، ރޭގަނޑުގެ ވަގުތެއްގައި ދިން އެ ހަމަލާތަކުގައި އެ އުޅަނދުތަކުގައި ރޯވެފައިވާ ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު، ހޫޘީ ހަތިޔާރު އެޅި ޖަމާއަތުން ވަނީ، ރަތް ކަނޑަށް ވަދެ ނުކުތުމަށް އޮންނަ މުހިންމު މަގެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅިއާ ކައިރި ސަރަހައްދުތަކެއް ހިފާފަ އެވެ. މިއީ މިސްރުގެ ސުއޭޒް ކެނަލަށް ދަތުރުކުރުމަށް އޮންނަ މައި ދޮރާއްޓެވެ.
މި ހަމަނުޖެހުންތައް އިތުރުވެފައި މިވަނީ، ފެބްރުއަރީ 28 ގައި އީރާނު ހަނގުރާމަ ފެށުނީއްސުރެ ދުނިޔޭގެ ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތެލުގެ ރިޒާވުން ބޮޑު ބައެއް ބޭނުންކޮށްފައި ވަނިކޮށެވެ. މިހާރު މި ރިޒާވް ހުރީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި ވެސް ދަށަށް ނުދާ މިންވަރަކަށް ދަށްވެފަ އެވެ.
ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ތެލުގެ ރިޒާވަކީ ކޮބާ؟
ސްޓްރެޓީޖިކް އޮއިލް ރިޒާވް ނުވަތަ ތެލުގެ ރިޒާވަކީ، ތެޔޮ ލިބުމަށް ދަތިވާ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށްޓަކައި ސަރުކާރުތަކުން ނުވަތަ ސަރުކާރުގެ ފަރާތުން ކުންފުނިތަކުން ރައްކާކޮށްފައި ބަހައްޓާ ސާފުނުކުރާ ތެލާއި ތެލުގެ ބާވަތްތަކެވެ.
1974 ވަނަ އަހަރު އަރަބި ގައުމުތަކުން ތެޔޮ ބޭރުކުރުން ހުއްޓާލުމާ ގުޅިގެން އުފެއްދި އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން މި ރިޒާވްތަކުގެ ބޮޑުބައި ބަލަހައްޓަ އެވެ. އެ އެޖެންސީގެ މެންބަރު ގައުމުތަކުން، އެ ގައުމަކަށް އެތެރެކުރާ ތެލުގެ މަދުވެގެން 90 ދުވަހުގެ ރިޒާވް ބަހައްޓަން ޖެހެ އެވެ. ޗައިނާއާއި އިންޑިއާއަކީ މި އެޖެންސީގެ މެންބަރުންނެއް ނޫނެވެ. އަދި މި އަހަރު ވަނީ ރެކޯޑް މިންވަރަކަށް ރިޒާވުން ތެޔޮ ބޭނުންކޮށްފަ އެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ފެށުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، މާޗް 11 ވަނަ ދުވަހު އައިއީއޭގެ 32 މެންބަރު ގައުމަކުން ވަނީ ކުއްލި ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ބޭނުންކުރުމަށް އެއްބަސްވެފަ އެވެ. މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރި ހާދިސާއާ ގުޅިގެން ބޭނުންކުރި ތެލުގެ ދެގުނައަށްވުރެ ގިނަ އަދަދެކެވެ.
އައިއީއޭގެ ހިސާބުތަކުން ދައްކާގޮތުގައި، އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް (އެސް.ޕީއާރް) އިން 172.2 މިލިއަން ފީފާ ތެޔޮ ދޫކުރުމަށް ވައުދުވިއިރު، ޖަޕާނުން ވަނީ 79.8 މިލިއަން ފީފާ ދޫކުރުމަށް އެއްބަސްވެފަ އެވެ.
އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ބުނާގޮތުގައި، އެސްޕީއާރް މިހާރު ވަނީ 283 މިލިއަން ފީފާއަށް ދަށްވެފަ އެވެ. މިއީ 1982 ވަނަ އަހަރުގެ އޮކްޓޯބަރު މަހަށްފަހު އެ ރިޒާވް އެންމެ ދަށަށް ދިޔަ ފަހަރެވެ.
އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުނާގޮތުގައި، އެ ރިޒާވުން ދޫކުރި ތެލުގެ ބޮޑުބަޔަކީ ލޯނުގެ އުސޫލުން ދޫކުރި ތެލެވެ. އެހެންކަމުން، އެ ތެޔޮ އަނބުރާ ރިޒާވަށް ޖަމާކުރާއިރު އިތުރު ފީފާތަކާއެކު ޖަމާކުރަން ޖެހޭނެ އެވެ.

ހުރްމުޒް ކަނޑުއޮޅި | ދި ނިއުސް
ބާކީ ހުރީ ކިހާ ތެލެއް؟
ފެބްރުއަރީ މަހު ހަނގުރާމަ ފެށުމުގެ ކުރިން ހުރި މިންވަރަށްވުރެ މިހާރު ހުރި ތެޔޮ މާ މަދެވެ. އަދި ރިޒާވްގައި ހުރި ހުރިހާ ތެލަކީ ބޭނުންކުރެވޭނެ ތެލެއް ވެސް ނޫނެވެ.
ސްޕާޓާ ކޮމޮޑިޓީސްގެ ސީނިއާ ކްރޫޑް އޮއިލް އެނަލިސްޓް އޭރަން ކިލްޑޯ އަލްޖަޒީރާއަށް ބުނިގޮތުގައި، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް، ޗައިނާއާއި އީރާނު ނުހިމަނައި ދުނިޔޭގެ ސްޓްރެޓީޖިކް ރިޒާވްތަކުން ގާތްގަނޑަކަށް 327 މިލިއަން ފީފާ ތެޔޮ ވަނީ މަދުވެފަ އެވެ. މީގެ ތެރެއިން 95 އިންސައްތަ ހިއްސާކުރަނީ އެމެރިކާ، ޔޫރަޕް އަދި ޖަޕާނެވެ.
އޭނާ އަންދާޒާކުރާ ގޮތުގައި، މުޅި ދުނިޔޭގައި މިހާރު ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 400 މިލިއަން ފީފާ ތެލުގެ ރިޒާވެކެވެ. މީގެ ތެރޭގައި ޗައިނާގެ ރިޒާވް ނުހިމެނެނީ އެ ގައުމުން ތެޔޮ ބޭރުކުރުމަކީ ނާދިރު ކަމަކަށްވާތީ އެވެ. އަދި ގަލްފް ގައުމުތަކުގެ ރިޒާވް ވެސް ނުހިމެނެނީ، ހުރްމުޒް ކަނޑުއޮޅި ބަންދުވެއްޖެނަމަ އެ ގައުމުތަކުން ތެޔޮ ބޭރުކުރުން ހުއްޓޭނެތީ އެވެ.
މިހާރު ބާކީ ހުރި ރިޒާވްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހުރީ ޖަޕާނުގަ އެވެ.
ކިލްޑޯ ބުނިގޮތުގައި ޔޫރަޕްގައި ވަކި ކަމަކަށް ހާއްސަނުކޮށް 76 މިލިއަން ފީފާ ތެޔޮ އެބަހުއްޓެވެ. ނަމަވެސް ޖަރުމަނު ފަދަ ގައުމުތަކުން އެ ގައުމުތަކުގެ އަމިއްލަ ކުއްލި ހާލަތްތަކަށްޓަކައި ބައެއް ތެޔޮ ހިފަހައްޓާފައިވެ އެވެ. ޔޫރަޕުން ތެޔޮ ދޫކުރާނެ ވަގުތަކާއި އެކަމަށް އޮތް ޝައުގުވެރިކަމަކީ އަދިވެސް ނޭނގޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ ރިޒާވްގައި ހުރީ އެ ގައުމަށް އެތެރެކުރާ ތެލުގެ އެންމެ 8 ދުވަހުގެ މިންވަރެވެ.
ހުރްމުޒް އަދި ބާބުލް މަންދަބް އެއްކޮށް ބަންދުވެއްޖެނަމަ ވާނީ ކިހިނެއް؟
ސައުދީ އަރަބިއްޔާއިން ވަނީ އެ ގައުމުގެ އިރުމަތީގައިވާ ތެޔޮ ވަޅުތަކުން ހުޅުނގުގައިވާ ޔަންބޫ ބަނދަރަށް "އީސްޓް-ވެސްޓް ޕައިޕްލައިން" މެދުވެރިކޮށް އުފުލާ ތެލުގެ މިންވަރު އިތުރުކޮށްފަ އެވެ. މިއީ ހުރްމުޒް ކަނޑުއޮޅި ބޭނުންނުކޮށް ތެޔޮ އުފުލުމަށް ކުރާ ކަމެކެވެ. ނަމަވެސް އެ ޕައިޕްލައިނަށް ވެސް ހަމަލާތައް އަމާޒުވެފައިވެ އެވެ. އަދި ޔަންބޫއިން ދެކުނަށް ދަތުރުކުރާ ޓޭންކަރުތައް ބާބުލް މަންދަބް ހުރަސްކުރަން ޖެހޭއިރު، އީރާނުގެ އެހީތެރިކަން ލިބޭ ހޫޘީން ވަނީ ޖުލައި މަހު ސައުދީގެ އުޅަނދުތަކަށް އެ ސަރަހައްދު ބަންދުކޮށްފަ އެވެ.
މުޔޫ ޝޫ ބުނިގޮތުގައި، މި މަހުގެ މިހާތަނަށް ބާބުލް މަންދަބް ހުރަސްކޮށްފައިވަނީ ދުވާލަކު އެންމެ 373,000 ފީފާ ތެލެވެ. މިއީ ފެބްރުއަރީ މަހަށްފަހު އެންމެ ދަށަށް ދިޔަ މިންވަރެވެ. މިހާރު ޔަންބޫއިން ބޭރުކުރާ ގިނަ ތެޔޮ އުފުލަނީ މިސްރު މަގުން އުތުރަށެވެ.
ޝޫ އިތުރަށް ބުނިގޮތުގައި، ހުރްމުޒް ބަންދުވެ، ހޫޘީން ސައުދީގެ ހުރިހާ ޓޭންކަރަކަށް ހުރަސް އަޅައިފިނަމަ، ގަލްފްގެ ގައުމުތަކަށް ތެޔޮ ބޭރުކުރެވޭނީ މަދު ޕައިޕްލައިންތަކަކުންނާއި ޔަންބޫގެ އުތުރު މަގުން އެކަންޏެވެ. އެހާލަތުގައި މެދުއިރުމަތިން ބޭރުކުރެވޭނީ ދުވާލަކު އެންމެ 7.5 މިލިއަން ފީފާ ތެލެވެ. މިހާރު ދުވާލަކު 16.8 މިލިއަން ފީފާ ބޭރުކުރާއިރު، މިއީ ދުވާލަކު 9.3 މިލިއަން ފީފާގެ ބޮޑު އުނިކަމެކެވެ.

ހުރްމުޒް ކަނޑުއޮޅިއާއި ބާބުލް މަންދަބު އަދި ސުއޭޒް ކެނަލްއަކީ ދުނިޔޭގެ ތެލާއި، ގޭސް އަދި ވިޔަފާރި މުދަލުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ދަތުރުކުރާ، ބައިނަލްއަގުވާމީ ގޮތުން އެންމެ މުހިންމު ތިން ކަނޑުގެ މަގު | އަލް ޖަޒީރާ
އެހެންވީމާ ރިޒާވް ކިހާ ދުވަހަކަށް ހިފަހައްޓާލެވޭނެ؟
ތަޖުރިބާކާރުން ބުނާގޮތުގައި މާ ގިނަ ދުވަހަކަށް ނޫނެވެ. ފަހަރުގައި އެންމެ މަދު ހަފުތާކޮޅަކަށެވެ.
ކޭޕްލާއިން އަންދާޒާކުރާ ތެލުގެ އުނިކަން ފޫބެއްދުމަށް ކިލްޑޯ ފާހަގަކުރި 400 މިލިއަން ފީފާގެ ރިޒާވް ބޭނުންކުރި ނަމަވެސް، އަމަލީ ގޮތުން އެހާ އަވަހަށް އެ ތެޔޮ ބޭރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޖަޕާނާއި ދެކުނު ކޮރެއާގެ ރިޒާވް އަވަހަށް ބޭނުންކުރެވުނު ނަމަވެސް، އެމެރިކާގެ ރިޒާވުން ތެޔޮ ނެރުމަށް ތިން މަސް ދުވަސް ނަގަ އެވެ. އަދި ޔޫރަޕުން އެހީތެރިވާނެ މިންވަރެއް ވެސް ނޭނގެ އެވެ.
އައިއީއޭ އިން ބުނާގޮތުގައި އެންމެ ބޮޑު ތަދެއް ކުރިމަތިވާނީ ޑީސަލަށެވެ. މިހާރުވެސް ޑީސަލްގެ އަގު ހުރީ ސާފުނުކުރާ ތެލުގެ އަގަށްވުރެ ދެގުނަ ބޮޑުކޮށެވެ. ކިލްޑޯ ބުނިގޮތުގައި ރިފައިނަރީތަކުން ޑީސަލް ގިނައިން އުފެއްދޭ ތެޔޮ ހޯދުމަށް ބޮޑު އަގުގައި ވާދަކުރަން ޖެހުމުން، އޭގެ ބުރަ އެންމެ ފަހުން އުފުލަން ޖެހޭނީ އާންމު ރައްޔިތުންނަށެވެ.
މީގެ އަސަރު އެންމެ ފުރަތަމަ ކުރާނީ ކޮން ބަޔަކަށް؟
ރިޒާވް މަދު އޭޝިއާގެ ގައުމުތަކަށެވެ.
ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ގަލްފުން ބޭރުކުރި ގިނަ ތެޔޮ ގަނެފައިވަނީ އޭޝިއާގެ ގައުމުތަކުންނެވެ. މީގެ ތެރެއިން އިންޑިއާއާއި ޕާކިސްތާނަކީ އެންމެ ބޮޑު ނުރައްކަލެއް އޮތް ދެ ގައުމު ކަމަށް ކިލްޑޯ ބުންޏެވެ. ސަބަބަކީ އެ ގައުމުތަކަށް ދެން އެންމެ އަވަހަށް ތެޔޮ ލިބެން އޮތް ހުޅުނގު އެފްރިކާއިން ތެޔޮ ގެނައުމަށް ކަނޑުމަގުން 25 އާއި 28 ދުވަސް ނަގާތީ އެވެ. ޔޫއޭއީގެ ފުޖައިރާއިން ތެޔޮ ގެނައުމަށް ނަގަނީ އެންމެ ދެ ދުވަހެވެ.
މީގެ ފައިދާ ކުރާނީ ކާކަށް؟
ގަލްފް ސަރަހައްދާ ދުރުގައި ތިބި ތެޔޮ އުފައްދާ ގައުމުތަކަށެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހިނގަމުންދިޔައިރު، އެކްސަން މޮބިލް ކުންފުންޏަށް 14.5 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ. މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ލިބުނު އެންމެ ބޮޑު ފައިދާ އެވެ. ޝެވްރޮން ކުންފުންޏަށް 12 ބިލިއަން ޑޮލަރު ލިބުނުއިރު، ޝެލް ކުންފުނީގެ ފައިދާ ވަނީ ދެގުނަ އިތުރުވެ 10 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މި ކުންފުނިތަކަށް ބޮޑު ފައިދާއެއް ލިބުނީ ތެލުގެ އަގު އުފުލުމުގެ ސަބަބުންނެވެ.
ޝޫ ބުނިގޮތުގައި ދެވަނަ ފަހަރަށް ތެލުގެ ބާޒާރަށް ލޮޅުމެއް އަތުވެއްޖެނަމަ، ރިފައިނަރީތަކުން އެމެރިކާ، ލެޓިން އެމެރިކާ، ހުޅުނގު އެފްރިކާ އަދި ރަޝިޔާގެ ތެޔޮ ހޯދުމަށް މަސައްކަތް ކުރާނެ އެވެ. މީގެ ސަބަބުން މެދުއިރުމަތި ނޫން ސަރަހައްދުތަކުގެ އުފެއްދުންތެރިންނަށް ތެލުގެ އަގު ބޮޑުވުމުގެ ފައިދާ ލިބޭނެ އެވެ.
އޮގަސްޓް މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، އެކްސަން މޮބިލް އަދި ޝެވްރޮން ފަދަ ކުންފުނިތަކުން ތެޔޮ ލިބުން ދަތިވުމުގެ ނާޖާއިޒު ފައިދާ ނަގައި، މާ ބޮޑު ފައިދާއެއް ހޯދަމުންދާ ކަމަށެވެ.
މަސްދަރު: އަލްޖަޒީރާ









