ދެކުނު ޗައިނާ ކަނޑަށް ބޯޓެއް ފެތި މަދުވެގެން ދެ މީހުން މަރުވެއްޖެ
ސިންގަޕޫރުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް ފެތުމުގެ މި ހާދިސާގައި 15 މީހަކު ސަލާމަތްކުރެވިފައިވާއިރު ހަތަރު މީހަކު އަދިވެސް ގެއްލިފައިވޭ.

ޗައިނާގެ ކޯސްޓްގާޑުން ފިލިޕީންސްގެ ފަޅުވެރިން ސަލާމަތް ކުރުމަށް ދެ އުޅަނދެއް ފޮނުވި | އޭއެފްޕީ
ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު ދެބަސްވުން އުފެދިފައިވާ ސަރަހައްދެއްގައި، ސިންގަޕޫރުގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއް ފެތި، އޭގައި ތިބި ފިލިޕީންސްގެ 21 ފަޅުވެރިންގެ ތެރެއިން މަދުވެގެން ދެ މީހަކު މަރުވެއްޖެ ކަމަށް ޗައިނާ އާއި ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.
މި ހާދިސާގައި 15 މީހަކު ސަލާމަތްކުރެވިފައިވާއިރު، ހަތަރު މީހަކު އަދިވެސް ވަނީ ގެއްލިފަ އެވެ.
ޗައިނާގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި މި ބޯޓު ފެތިފައި ވަނީ "ސްކާބަރޯ ޝޯލް" (ޗައިނާގައި ނަންދީފައިވާ ގޮތުން ނަމަ ހުއާންޔާން ޑާއޯ) ގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 100 ކިލޯމީޓަރު ދުރުގަ އެވެ. މި ހާދިސާ ހިނގުމާއެކު، އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ކޯސްޓްގާޑުގެ ދެ އުޅަނދެއް އެ ސަރަހައްދަށް ފޮނުވާފައިވެ އެވެ.
ފިލިޕީންސްގެ ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، "ޑެވޮން ބޭ" ނަމަކަށް ކިޔާ މި ބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތުގައި އެ ގައުމުގެ ދެ އުޅަނދަކާއި ދެ މަތިންދާބޯޓު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ޗައިނާގެ ސަދަން ތިއޭޓަރ ކޮމާންޑުން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، ޗައިނާގެ ސަލާމަތީ ފަރާތްތަކުން ވަނީ ފިލިޕީންސްގެ 17 ފަޅުވެރިއަކު ކަނޑުން ނަގާފަ އެވެ. އޭގެ ތެރެއިން 14 މީހެއްގެ ހާލު ރަނގަޅު އިރު، އެކަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދެ މީހަކު ފެނުނު އިރު އޮތީ މަރުވެފަ އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ ދެކުނުގެ ގުއާންޑޮންގް ޕްރޮވިންސަށް ދަތުރުކުރަމުން ދިޔަ މި ބޯޓާ ގުޅުން ކެނޑިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ. ސިންގަޕޫރުގެ މެރިޓައިމް އެންޑް ޕޯޓް އޮތޯރިޓީން ވެސް ވަނީ ޔަންގްޖިއާންގަށް ދަތުރުކުރި މި ބޯޓު ދެކުނ ޗައިނާ ކަނޑަށް ފެތިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
މަސްވެރިކަމަށް މުއްސަނދި ސަރަހައްދެއް ކަމަށްވާ ސްކާބަރޯ ޝޯލް އަކީ ޗައިނާ އާއި ފިލިޕީންސްގެ އުޅަނދުފަހަރުގެ މެދުގައި ގިނަގިނައިން ކުރިމަތިލުންތައް ހިނގާ ސަރަހައްދެކެވެ. މި ސަރަހައްދަކީ ދެ ގައުމުން ވެސް މިލްކުވެރިކަމަށް ދައުވާކުރާ ތަނެކެވެ. 2012 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކަށްފަހު ޗައިނާ އިން ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް ނަގައި، އެ ގައުމުގެ ކޯސްޓްގާޑާއި މަސްވެރި އުޅަނދުފަހަރު އެތަނުގައި ބައިތިއްބާފަ އެވެ.
2016 ވަނަ އަހަރު ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ނެރުނު ހުކުމެއްގައި، ދެކުނު ޗައިނާ ކަނޑުގެ ގެ މައްޗަށް ޗައިނާ އިން ކުރާ ބޮޑެތި ދައުވާތައް ބާތިލުކޮށް، އެ ސަރަހައްދު ބަންދުކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް ނިންމާފައިވެ އެވެ. އަދި އެއީ ފިލިޕީންސް އާއި ވިއެޓްނާމް ފަދަ ގައުމުތަކުގެ މަސްވެރިންގެ ސަގާފީ މަސްކަނޑެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. ނަމަވެސް ޗައިނާ އިން ވަނީ މި ހުކުމް ގަބޫލުކުރުމަށް އިންކާރުކޮށްފަ އެވެ.
ޗައިނާ އިން ދައުވާކުރާ ސަރަހައްދުތަކަކީ ބްރޫނާއީ، އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް އަދި ވިއެޓްނާމްގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުތަކާ ފުށުއަރާ ސަރަހައްދުތަކެކެވެ. މީގެ އިތުރުން، މިދިޔަ އޮގަސްޓް މަހު ސްކާބަރޯ ޝޯލް ކައިރިން ފިލިޕީންސްގެ ކޯސްޓްގާޑު އުޅަނދަކަށް ހުރަސްއަޅަން އުޅުމުގެ ތެރޭގައި، ޗައިނާގެ ނޭވީ އުޅަނދަކާއި އެ ގައުމުގެ ކޯސްޓްގާޑު އުޅަނދެއް ޖެހި އެކްސިޑެންޓެއް ވެސް ވަނީ ހިނގާފައެވެ.




