ގަސްދުގައި ކާރަކުން ޖައްސައި އޮސްޓްރޭލިޔާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ޒަޚަމުކޮށްލައިފި
20 އޮކްޓޯބަރު 2026 | އަންގާރަ 07:53އޮސްޓްރޭލިޔާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ހެލެން ހެއިންސްއަށް އަމާޒުކޮށް ގަސްދުގައި ދިން މި ހަމަލާ އެގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ހާދިސާއާ ގުޅިގެން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މިއީ ޓެރަރިޒަމްގެ އަމަލެއްތޯ ބެލުމަށް ފުލުހުންނާއި ޖާސޫސީ އިދާރާތައް ގުޅިގެން މިހާރު ދަނީ ޚާއްސަ ތަހުގީގެއް ހިންގަމުން


ވިކްޓޯރިޔާގެ ވަންގަރައްޓާގައި މިނިވަން މެންބަރު ހެލެން ހެއިންސްގެ އިލެކްޓޯރޭޓް އޮފީސް ބޭރުގައި ބަންދުކޮށްފައިވާ ސަރަހައްދެއްގެ ފަހަތުގައި، ފުލުހުންގެ ވެހިކަލެއްގެ ކައިރީގައި ވިކްޓޯރިޔާ ފުލުހުންގެ އޮފިސަރަކު ހަރަކާތްތެރިވަނީ. | އަނަދޮލު އޭޖެންސީ
އޮސްޓްރޭލިޔާގެ ވިކްޓޯރިޔާގެ ވަންގަރައްޓާގައި ހުންނަ ދާއިރާގެ އޮފީސް ބޭރުން ކާރެއް ދުއްވި މީހަކު ދެ ފަހަރަށް ގަސްދުގައި ޖެއްސި ކަމަށް ބުނާ ހާދިސާގައި، އެ ޤައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ފައެއް ބުރިވެފައިވާ ކަމަށް އެ ސަރަހައްދުގެ މީޑިއާތަކުން އަންގާރަ ދުވަހު ރިޕޯޓްކޮށްފި އެވެ. ކުއްލި އޮޕަރޭޝަނަކަށް ފަހު، އުމުރުން 65 އަހަރުގެ ހެލެން ހެއިންސް އަދިވެސް އޮތީ މެލްބަންގެ އަލްފްރެޑް ހޮސްޕިޓަލުގައި ފުރާނައަށް ނުރައްކާވާ ފަދަ ނާޒުކު ހާލަތެއްގައި ކަމަށާއި، ޑޮކްޓަރުން މަސައްކަތް ކުރަމުން ދަނީ އޭނާގެ އަނެއް ފައި ސަލާމަތް ކުރުމަށް ކަމަށް އޭބީސީ ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
މި ކަމާ ގުޅިގެން ގާނޫނުހަދާ މަޖިލީހުގެ ކުއްލި ޖަލްސާއެއް އަންގާރަ ދުވަހު ބާއްވާފައިވާއިރު، ސަރުކާރާއި އިދިކޮޅު މެންބަރުން ވަނީ މި ހަމަލާ ކުށްވެރިކޮށް، ހެއިންސްއާއެކު ސާބިތުވެ ތިބިކަން ހާމަކޮށްފަ އެވެ. ހެއިންސްއަކީ މުޅި މަޖިލީހުގެ އިހުތިރާމު ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށާއި، އޭނާއަކީ "ހުރިހާ ގޮތަކުން ވެސް ރަނގަޅު ބޭފުޅެއް" ކަމަށް ބޮޑުވަޒީރު އެންތަނީ އަލްބަނޭޒޭ ސިފަކުރެއްވި އެވެ.
ސިޔާސީ އަނިޔާވެރިކަމަކީ ދުވަހަކު ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާންކުރައްވަމުން، މި ހާދިސާއަކީ "އަޅުގަނޑުމެންގެ ޤައުމަށް ސިހުން ގެނުވި ދުވަހެއް" ކަމަށް އިދިކޮޅު ލީޑަރު އެންގަސް ޓޭލަރ ވިދާޅުވި އެވެ. ސިޔާސީ ތަފާތުތަކާއެކު ވެސް އެކަކު އަނެކަކަށް އިހުތިރާމު ކުރުމަށާއި އާންމު ބަހުސްތަކުގެ ފެންވަރު މަތިކުރުމަށް ސިޔާސީ ފަރާތްތަކަށް އިލްތިމާސް ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް މިލްޓަން ޑިކް ވިދާޅުވި އެވެ.
ޓޮޔޯޓާ ލޭންޑް ކްރޫޒަރު މަރުކާގެ ކާރެއް ޔޫ-ޓާނެއް ނެގުމަށް ފަހު ހެއިންސްގެ ގައިގައި ޖެއްސި ކަމަށް ތަހުގީގުތަކުން ފެންނަ ކަމަށާއި، މި ހަމަލާއަކީ ގަސްދުގައި ދިން ހަމަލާއެއް ކަމަށް ބޮޑުވަޒީރު އަލްބަނޭޒޭ ވިދާޅުވި އެވެ. އެ ސަރަހައްދުގައި ހުރި އާންމު މީހަކު އެ ޑްރައިވަރު ހުއްޓުވުމުގެ ކުރިން، މެންބަރުގެ ގައިގައި ދެ ފަހަރަށް ކާރުން ޖެއްސި ކަމަށް ދާޚިލީ ވަޒީރު ޓޯނީ ބަރކް ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ބްރެންޑަން ނިއުޖެންޓް ނަމަކަށް ކިޔާ އުމުރުން 43 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި، ފެޑެރަލް ޕޮލިހާއި ވިކްޓޯރިޔާ ޕޮލިސް އަދި ޖާސޫސީ އިދާރާ އޭއެސްއައިއޯ ގުޅިގެން ޓެރަރިޒަމާ ދެކޮޅު ޚާއްސަ ތަހުގީގެއް މިހާރު ދަނީ ހިންގަމުންނެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











