އޮސްޓްރޭލިއާގެ މަގުމަތިން ފެނުނު ފޮށީގައި އޮތީ އިންސާނެއްގެ ހަށިގަނޑެއް ނޫން، ބުދެއް
10 އޯގަސްޓު 2026 | ހޯމަ 06:42އޮސްޓްރޭލިއާގެ މަގުމައްޗަށް އެއްލާލާފައި އޮތް ފޮށްޓެއްގެ ތެރެއިން އިންސާނެއްގެ ހަށިގަނޑާ ވައްތަރު ބުދެއް ފެނުމާ ގުޅިގެން، މީހަކު މަރާލާފައިވާ ކަމަށް ބަލައި ފުލުހުން ފެށި ތަހުގީގު ހުއްޓާލައިފި. ފޮރެންސިކް ތަހުގީގުތަކުން އެއީ ހަގީގީ އިންސާނެއް ނޫންކަން ކަށަވަރުވިއިރު، އެ ބުދު ހަދާފައިވަނީ އިންސާނެއްގެ ހަށިގަނޑުގައި ހުންނަ ފަދަ ނިޝާންތަކާއި އިސްތަށިގަނޑު ވެސް ހިމެނޭ ގޮތަށް ވަރަށް ފުރިހަމައަށް

ނިއު ސައުތު ވޭލްސްގެ ފުލުހުންގެ ޓީމަކުން ކުށުގެ މާހައުލެއް ތަހުގީގު ކުރަނީ | ގެޓީ އިމޭޖަސް
އޮސްޓްރޭލިއާގެ މަގުމައްޗަށް އެއްލާލާފައި އޮތް ފޮށްޓެއްގެ ތެރެއިން ފެނުނު ހަށިގަނޑެއްގެ މައްސަލަ ތަހުގީގު ކުރަން ފެށުމަށްފަހު، އެއީ އިންސާނެއްގެ ހަށިގަނޑު ނޫން ކަމަށާއި، އެއީ ހަގީގީ އިންސާނަކާ ދާދި އެއްގޮތަށް ހަދާފައިވާ ބުދެއް ކަމަށް އެ ގައުމުގެ ފުލުހުން ކަނޑައަޅައިފި އެވެ.
މި ފޮށި ފެނިފައިވަނީ ސިޑްނީގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 230 ކިލޯމީޓަރު (143 މޭލު) ދުރުގައި އޮންނަ އޯލެން ނަމަކަށް ކިޔާ ކުޑަ އަވަށެއްގެ ކައިރިން، މަގުގެ އެއްފަރާތުގައި އޮއްވާ ދެ މީހަކަށެވެ.
މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ފުލުހުން ވަނީ މީހަކު މަރާލާފައިވާ ކަމަށް ބަލައި ތަހުގީގެއް ފަށާފައިވާކަން އިއުލާންކޮށްފަ އެވެ. މިއާއެކު ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓުނު ނަމަވެސް، އޭގެ މަދު ގަޑިއިރުތަކެއް ފަހުން ފުލުހުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ. ފުލުހުން ބުނީ ފޮރެންސިކް ތަހުގީގުތަކުން އެ ފޮށީގެ ތެރޭގައި އޮތީ އިންސާނެއްގެ ހަށިގަނޑު ނޫންކަން ސާބިތުވެފައިވާ ކަމަށެވެ.
ހިއުމް ޕޮލިސް ޑިސްޓްރިކްޓްގެ ސުޕްރިންޓެންޑެންޓް ލިންޑާ ބްރެޑްބަރީ ވިދާޅުވީ، ފޮށީގެ ތެރޭގައި ހުރި ތަކެތި ފެންނަ ފެނުމަށް އިންސާނެއްގެ ހަށިގަނޑާ ވަރަށް އެއްގޮތް ކަމަށާއި، އެހެންކަމުން ފުރަތަމަ އެއީ އިންސާނެއްގެ ހަށިގަނޑު ކަމަށް އޮޅުން އެރީ ކަމަށެވެ.
"ނަމަވެސް އެހެނިހެން ގޮތްގޮތުން ކުރި ތަހުގީގުތަކުން އެއީ އިންސާނެއްގެ ހަށިގަނޑު ނޫންކަން މިހާރު ވަނީ ކަށަވަރު ކުރެވިފައި،" ބްރެޑްބަރީ ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ބުދު އޮތީ ހެދުން ލައްވާފަ އެވެ. އަދި އެ ބުދުގައި އިސްތަށިގަނޑެއް އޮތްއިރު، ނޭފަތް ވެސް ހުރީ ތޮރުފާފަ އެވެ. މީގެ އިތުރުން، އިންސާނެއްގެ ހަށިގަނޑުގައި ހުންނަ ފަދަ ނޫފައިގަތުމާއި މަށައިގެން ގޮސްފައި ހުންނަ ފަދަ ނިޝާންތައް ވެސް އެ ބުދުގައި ހުރި ކަމަށް ފުލުހުން ފާހަގަކުރި އެވެ.
ސުޕްރިންޓެންޑެންޓް ބްރެޑްބަރީ ވިދާޅުވީ، އާދިއްތަ ދުވަހު ފޮރެންސިކް ޓީމުތަކާއި ތަހުގީގު ކުރާ ފަރާތްތަކުން އެ ސަރަހައްދަށް ގޮސް، ފުރިހަމަ ކުރަންޖެހޭ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށެވެ. "އަޅުގަނޑުމެންގެ އަމާޒަކީ ތަހުގީގުގެ ސައްހަކަން ދެމެހެއްޓުމަށްޓަކައި، ކުށް ކުރި ސަރަހައްދަށް ވީހާވެސް ބޮޑަށް ބަދަލެއް ނުގެނެސް ބެލެހެއްޓުން،" ބްރެޑްބަރީ ވިދާޅުވިއެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިޔަ ގޮތާ މެދު އެއްވެސް ހިތާމައެއް ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގެ ހަގީގަތް ހާމަވުމުގެ މަދު ގަޑިއިރުތަކެއް ކުރިން ބްރެޑްބަރީ މީޑިއާތަކަށް ވިދާޅުވީ، އެ ފޮށި ފެނުނު ދެ މީހުންނަށް އެއީ ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމެއް ކަމަށެވެ.
"ބަންދު ދުވަހެއްގައި ގިނަ ބަޔަކު ކުރާ ފަދައިން އެ ދެ މީހުން ވެސް ނުކުތީ ދުއްވާލަން ގޮސް އުޅެނިކޮށް، މަޑުކޮށްލި ވަގުތު އެ ފޮށި ފެނުނީ،" އޭނާ ވިދާޅުވި އެވެ.
އެ ދެ މީހުންނަށް ފެނުނު ކަންތައް ފުލުހުންނަށް ރިޕޯޓް ކުރުމަކީ އެ މީހުން ނިންމި "ރަނގަޅު ނިންމުމެއް" ކަމަށް ވެސް ބްރެޑްބަރީ ވިދާޅުވި އެވެ.
"އިއްޔެ އެ މީހުން ތިބީ އެކަމުގެ ސަބަބުން ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައި. އެހެންކަމުން އެއީ އިންސާނެއްގެ ހަށިގަނޑު ނޫންކަން އެންގުމަށް އަޅުގަނޑުމެން އެ މީހުންނާ ގުޅާނަން،" ބްރެޑްބަރީ ވިދާޅުވި އެވެ.
މިހާރު ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމާލާފަ އެވެ.
މަސްދަރު: އޭބީސީ









