އެފްޑީސީން ވަނީ ފަހި ފްލެޓުތައް ''ޖޫރިމަނާ ފްލެޓުތަކަކަށް'' ބަދަލުކޮށްފައި: ސޮބާހު
11 އޮކްޓޯބަރު 2026 | އާދީއްތަ 07:25އެފްޑީސީން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ބެލްކަނީގައި ހަރުކޮށްފައިވާ ދޮރުތައް ނަގަން އެންގުމާ ގުޅިގެން، އެއީ ކުންފުންޏަށް ފައިދާ ހޯދުމަށް ރައްޔިތުންނަށް ދައްކާ ބިރުދެއްކުމެއް ކަމަށް ބުނެ ޔޫނިއަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މީގެ އިތުރުން ކުލި ދެއްކުން ލަސްވާ ފަރާތްތަކުން 40 އިންސައްތައިގެ ބޮޑު ޖޫރިމަނާއެއް ނަގަމުންދާތީ، މި ތަންތަނަކީ "ޖޫރިމަނާ ފްލެޓުތަކެއް" ގޮތުގައި ސިފަކޮށްފައިވޭ


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ ފަހި ފްލެޓުތައް ''ޖޫރިމަނާ ފްލެޓުތަކަކަށް'' ބަދަލުކޮށްފައިވާ ކަމަށް ޔޫނިއަންތަކުގެ ސްޕޯކްސް ޕަރސަން ސޮބާހު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސޮބާހު ވިދާޅުވީ، ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އައުރަ ނިވާކުރުމަށާއި ރައްކާތެރިކަމަށްޓަކައި ބެލްކަނީގައި ހަރުކޮށްފައިވާ ދޮރުތައް ނަގަން އަންގައި އެފްޑީސީން ޖޫރިމަނާގެ ބިރުދައްކަމުންދާ ކަމަށެވެ.
ވިޔަފާރި އުސޫލުން ދޫކުރާ ތަންތަނުގައި ތަނބު ޖަހައި ވައިގޮޅިތައް ފުރާލައި ކޮންކްރީޓް ސްލެބް އެޅުން ފަދަ އުސޫލާ ޚިލާފު ބޮޑެތި ކަންކަން ހިނގަމުންދާއިރު ވެސް އެފަދަ ކަންކަން ނުބެލޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ގޭތެރޭގައި އަންހެނުން ބުރުގާ ނާޅައި އުޅޭއިރު، އާންމު ސަރަހައްދުތަކަށް ނުފެންނާނެހެން އައުރަ ނިވާކުރުމަށާއި ރައްކާތެރިކަމަށްޓަކައި ބެލްކަނީގައި ހަރުކޮށްފައިވާ ސްލައިޑިން ދޮރުތަކަކީ އުސޫލާ ޚިލާފު ކަމެއް ކަމަށް ބުނެ، އެ ތަކެތި ބަދަލުނުކޮށްފިނަމަ ޖޫރިމަނާކުރާނެ ކަމުގެ ބިރުދައްކަމުންދާ ކަމަށް ސޮބާހު ވިދާޅުވި އެވެ.
މީގެ އިތުރުން ސޮބާހު ވިދާޅުވީ އެ ބިރުދެއްކުމާ އެކުއެކީހެން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އިސްވެ ހުންނަވައިގެން އެލްމިނިއަމް ވަޑާންގެއެއް ހުޅުވައި އިޝްތިހާރު ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މިއީ ކުންފުންޏަށް ފައިސާ ހޯދުމުގެ ބޭނުމުގައި، ރައްޔިތުން 8،000 ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ދޮރުތައް ނަގައި، އެ ވަޑާންގެއިން ހަދާ ދޮރުތަކެއް ހަރުކުރަން ރައްޔިތުންނަށް މަޖުބޫރުކުރުވުން ކަމަށް މާނަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އެންމެ ހައިރާންވާންޖެހޭ ކަމަކީ އެ ބިރުދެއްކުމާ އެއްކޮށް ހަމްދާން ޝަކީލް ވަޑާންގެއިން ހުޅުވާތަން އެބަ ދައްކާ. ޓީވީން ފިލްމު ކުޅުއްވާފައި އިނގޭތޯ. ވަޑާންގެއެއް ހުޅުވަނީ. އެލްމިނިއަމް ވަޑާންގެއެއް. ދެން އެލްމިނިއަމް ވަޑާންގެއެއް ހައްދަވާ ބަހައްޓާފައި ފިލްމު ކުޅެފައި އެންމެންނާ އެއްކޮށް މިހެން ހަދާ ހުންނަވާފައި މި އަނެއް ފޮޓޯ ނަންގަވާފައި އިޝްތިހާރު ކުރައްވާފައި އެއާ އެއްކޮށް މި އަންނަނީ މި ބިރުދެއްކުން. އެހެންވެއްޖެކަމަށް ވަންޏާ މީގައި މާނަކުރަންޖެހެނީ ދެން ކިހިނެއްތޯ. އަޅުގަނޑަކަށް ކަންނޭނގެ މި ދެން އިތުރު އެހެން އެއްވެސް ގޮތަކަށް މާނަ ކުރެވޭނެހެންނެއް. އެފްޑީސީއަށް ފައިސާ ހޯދަންވީމާ އެތާ ދިރިއުޅޭ ރައްޔިތުން ޓެރަރައިޒްކޮށްގެން އެ މީހުން ބިރުދައްކައިގެން، އެ މީހުންނަށް މަޖުބޫރުކޮށްގެން އެ މީހުން މިހާރު 8000 ރުފިޔާ ޚަރަދުކޮށްފައި ހަދާފައި ހުރި މި ދޮރު ނަގާފައި ހަމްދާނުގެ ވަޑާންގެއެއް ހަދާ ދޮރެއް ހަރުކުރާ ވާހަކަ ނޫންތޯ މި ދައްކަނީ؟ މި ނޫން ކޮން ވާހަކައެއް މިދެކެވެނީ. މި ނޫން އެހެން އެއްވެސް ވާހަކައެއް ނޫން.ސޮބާހު ރަޝީދު
ފްލެޓުތަކުގެ ކުލި ދެއްކުމުގައި އެންމެ ދުވަހެއް ލަސްވި ނަމަވެސް 40 ޕަސެންޓުގެ ބޮޑު ޖޫރިމަނާއެއް ނަގަމުންދާ ކަމަށާއި، މިހާރު މިއީ "ޖޫރިމަނާ ފްލެޓުތަކަކަށް" ބަދަލުވެފައިވާ ކަމަށް ސޮބާހު ވިދާޅުވި އެވެ. އަދި ބެލްކަނީގައި ހަރުކުރާ ދޮރަށް ނަގާ ޖޫރިމަނާގެ އަދަދު ވެސް ބަޔާންކޮށްފައި ނުވާ ކަމަށާއި، މިފަދަ ބޮޑެތި ޖޫރިމަނާތަކުގެ ސަބަބުން ރައްޔިތުން ތިބީ އަނބިދަރިންނަށް ކާންދޭނެ ގޮތަކާ މެދު ވިސްނަންޖެހޭ ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެފްޑީސީން އަމަލުކުރާ ގޮތުން ސޮބާހު ކަންބޮޑުވުންފާޅު ކުރެއްވިއިރު، ފްލެޓުތަކުގެ ޔުޓިލިޓީ ބެލްކަންޏަށް ގެނެސްފައިވާ ބަދަލުތައް 28 އޮކްޓޫބަރު 2026 ގެ ކުރިން އުސޫލާ އެއްގޮތަށް ބަދަލުކުރަން އެ ކުންފުނިން ވަނީ އަންގާފަ އެވެ. މި މުއްދަތުގައި ބެލްކަނިތައް ބަދަލުނުކުރާ ފަރާތްތައް އެއްބަސްވުމާ އެއްގޮތަށް ޖޫރިމަނާކޮށް ފިޔަވަޅު އަޅާނެ ކަމަށް އެފްޑީސީން ބުނެފައިވެ އެވެ.
އެފްޑީސީން ބުނި ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކުޑަދޮރު ހަރުކޮށްފައިވާ ފަރާތްތަކުން އެފްޑީސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ތަންތަން ބަދަލުކުރަން ޖެހޭނެ އެވެ. އެ ކުންފުނީގެ ވެބްސައިޓުގައިވާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ އިތުރުން އެއްވެސް ބަދަލެއް ގެނައުމަކީ މަނާކަމެއް ކަަމަށް ވެސް އެފްޑީސީން ބުނެ އެވެ.
އެފްޑީސީން ހުއްދަ ދީފައިވަނީ ދެ ގޮތަކަށް އެކަން ކުރުމަށެވެ. އެއީ ސްލައިޑިން ލޫވާ ފިކްސިން އާއި ގްރިލް އެންޑް ނެޓް ފިކްސިން އެވެ. އަދި މި ދެގޮތަށް ހުއްދަ ދޫކޮށްފައި ވަނީ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކަށީގެންވާ މިންވަރަށް ވައި ދައުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.






