ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ތަކުރާރުކޮށް ސައިބަރ ހަމަލާތަށް އަންނަނީ ދެމުން: ފުލުހުން
6 އޮކްޓޯބަރު 2026 | އަންގާރަ 10:09ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި. ރަސްމީ ލިޔެކިޔުންތަކެއްގެ ގޮތުގައި ފޮނުވާ މިފަދަ ލިންކުތަކަށް ވަދެވިއްޖެނަމަ، ޒާތީ މައުލޫމާތުތައް ހެކަރުންގެ އަތްދަށަށް ގޮސް ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު އޮތްކަމަށް ފުލުހުން ބުނޭ. މި ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ މައްސަލަ ތަހުގީގުކޮށް ފިޔަވަޅުތައް އަޅަމުން


ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ | ސޯޝަލް މީޑިއާ
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ތަކުރާރުކޮށް ސައިބަރ ހަމަލާތަށް ދެމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
އަންގާރަ ދުވަހު ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ ކަންތައްތަކުގެ ތެރެއިން، ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، ސަރުކާރުގެ މުއައްސަސާތަކުންނާއި އާންމު ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިގޮތުން ފޮނުވާ އީމެއިލްތައް ފަރުމާކޮށްފައި ހުންނަނީ، ބަލާބެލުމަށް އިތުބާރުކުރެވޭ ރަސްމީ އިދާރާތަކުން ނުވަތަ ދަންނަ ފަރާތްތަކުން ފޮނުވާފައި ހުންނަ ސައްހަ އީމެއިލްތަކެއްގެ ގޮތުގައި، އޮޅޭފަދަ ގޮތަކަށް ކަމަށާއި، ހަމަލާދޭ ފަރާތްތަކުން މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތައް ފޮނުވާފައި ހުންނަނީ ރަސްމީ އިންވިޓޭޝަނެއް، ލިޔެކިޔުންތަކެއް ނުވަތަ ފައިލް-ޝެއަރިންގ ލިންކުތަކެއްގެ ގޮތުގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
މިފަދަ ނުރައްކާތެރި ލިންކުތަކަށް ވަދެވި ނުވަތަ ފައިލްތައް ހުޅުވިއްޖެނަމަ، އެ މީހެއްގެ ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ މުހިންމު މައުލޫމާތުތައް ހެކަރުންނަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭގެ ސަބަބުން އިދާރާތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި ނެޓްވޯކަށް ހުއްދަނެތި ވަދެ، ސިސްޓަމްތައް ކޮމްޕްރޮމައިޒްވުމުގެ މަގު ފަހިވެގެންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި ހާދިސާތަކުގައި ބޭނުންކޮށްފައިވާ އުކުޅުތަކާއި ވަސީލަތްތަކަށް ބަލާއިރު، ސީސޮކުން ލަފާކުރާ ގޮތުގައި މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން، ރޭވިގެން ކުރިއަށްގެންދާ ކެމްޕެއިނެއްގެ ބައެއްކަމަށް ބެލެވެ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ސީސޮކުން ދަނީ މި ހަރަކާތްތައް ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ.
އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، މި ހަމަލާތަކުން ރައްކާތެރިވުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށް، ނުރައްކާތެރި ވެބްސައިޓްތަކާއި ނެޓްވޯކްތައް ބްލޮކް ކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ވަނީ ބުނެ އެވެ.
މީގެ އިތުރުން، މި މައްސަލައިގެ ތަހުގީގު އަދި ޓެކްނިކަލް އެނަލިސިސް މިހާރު ވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
މިފަދަ ހަމަލާތަކުން ދިފާއުވުމުގެ އެންމެ ފުރަތަމަ ފިޔަވަޅަކީ އާންމުންގެ ސަމާލުކަމާއި ހޭލުންތެރިކަން ކަމަށާއި، ރައްކާތެރިކަމުގެ މިފަދަ ފިޔަވަޅުތަކަށް ސަމާލުވުމަކީ ސައިބަރ ހަމަލާތަކުން ދިފާއުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު ކަމަށް ފުލުހުން ބުނެފައިވެ އެވެ.











