މީދޫގައި ތަރައްގީ ކުރާ މޫދަށް އެރޭ ސަރަހައްދު: އިންތިޚާބުގެ ފަހުން އަމަލީ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދޭ، މިހާރު ހައިމާކު އެއޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން!
4 އޮކްޓޯބަރު 2026 | އާދީއްތަ 08:16ދ. މީދޫގައި ތަރައްގީކުރާ މޫދަށް އެރޭ ސަރަހައްދުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަށްފަހު، އެ ސަރަހައްދަށް މެޝިނަރީ ގެނެސްފައިވަނީ ރާއްޖެޓީވީގެ ޓީމް އެ ރަށަށް ދާތީ ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވި. އޭނާ ވިދާޅުވީ އެއްވެސް ޕްލޭނެއް ނެތި ކުރިއަށްގެންދާ މި މަޝްރޫއަކީ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދައްކާލާ ދަޅައެއް ކަމަށް

ދ. މީދޫގައި ތަރައްގީ ކުރަމުންދާ މޫދަށް އެރޭ ސަރަހައްދުގެ އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާތީ އެ ރަށުގެ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ | ރާއްޖެ އެމްވީ
ދ. މީދޫގައި ތަރައްގީ ކުރަމުންދާ މޫދަށް އެރޭ ސަރަހައްދުގެ އަމަލީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާ ކަމަށާއި، މިހާރު އެ ސަރަހައްދުގައި ހައިމާކު އެ އޮތީ ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން ކަމަށް އެ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ، އެ ސަރަހައްދަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައްޔިތުންނަށް މޫދަށް އެރޭނެ ރަނގަޅު ތަނެއް ހަދައިދިނުމަށް ފެށި މަސައްކަތެއް ކަމަށެވެ. އަދި އެ ދައުރު ނިމުނުއިރު އެ މަސައްކަތް ނުނިމި އޮތުމުން، މި ސަރުކާރުން މި އަހަރުގެ އެޕްރީލް 4 ގައި ބޭއްވި ކައުންސިލް އިންތިޚާބާ ދިމާކޮށް އެ ތަން ރާއްޖޭގެ ރަށްރަށުގައި ހުރި އެންމެ ފެންވަރު ރަނގަޅު މޫދަށް އެރޭ ތަނެއްގެ ގޮތުގައި އަވަހަށް ނިންމައިދޭނެ ކަމަށް ބުނެ، ރައްޔިތުންނަށް ވައުދުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އިންތިޚާބަށްފަހު އެ ސަރަހައްދުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގޮސްފައިނުވާ ކަމަށެވެ. އަދި ފަންނީ އެއްވެސް ބައެއްގެ މަޝްވަރާއެއް ނެތި ހައިމާކެއް ގެނެސް، އެއް ދުވަހު ކޮންނަ ތަނަށް އަނެއް ދުވަހު ވެލިއަޅައި، އެއް ދުވަހު ޖަހާ ހިލަ އަނެއް ދުވަހު ނެގުން ފަދަ ބޭކާރު ކަންތައްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ކޮންމެވެސް ކަމެއް ދިމާވެއްޖެއްޔާމު ހައިމާކެއް މި ތަނަށް އަންނާނެ. އޭގެ ދަގަނޑު ކޮންމެ ވެސް ވަރަކަށް ރައްޔިތުންނަށް އެނގުންވާ ވަރަށް ތަޅުވާލާނެ. އަނެއްކާ ވެސް ދާނެ، ހައިމާކު ގެއްލޭނެ، ހަލާކުވާނެ، ތެޔޮ ހުސްވާނެމުހައްމަދު ޝާހިދު
މީގެ އިތުރުން ޝާހިދު ވިދާޅުވީ، މިފަހަރު ވެސް ހައިމާކު އެ ތަނަށް ގެނެސްފައިވަނީ މައުލޫމާތު ހޯދުމަށް ރާއްޖެޓީވީގެ ޓީމު އެ ރަށަށް އަންނަ ޚަބަރު ލިބުމާ ގުޅިގެން ކަމަށެވެ.
ޝާހިދު ވިދާޅުވީ، މިއީ ހަމައެކަނި އެ ރަށުގައި ހިނގާ ކަމެއް ނޫން ކަމަށާއި، މުޅި ރާއްޖޭގެ ރަށްތަކުގައި ވެސް މި ސަރުކާރުގެ ސިޔާސަތު ބައްޓަންވެފައިވަނީ މިފަދަ ގޮތަކަށް ކަމަށެވެ.
އެހެންކަމުން މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވިސްނަންޖެހޭނެ މުހިންމު ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.











