ކުންފުނިތައް އުވާލަނީ ޚަރަދުކުޑަކުރަން ކަމަށް ބުނުމަށްފަހު، ނަމަވެސް އަނެއްކާ ވެސް އައު ކުންފުންޏެއް!
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 16:23ދިވެހިރާއްޖޭގައި ވަޤުފު ބިނާތައް އަޅައި ބެލެހެއްޓުމަށާއި މިސްކިތްތައް މަރާމާތުކުރުމަށް "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި. މި ކުންފުނި އުފެއްދެވީ އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް މެދުވެރިކޮށް ދީނީ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުކުރުމުގެ މަގުސަދުގައި. އައު ކުންފުންޏެއް މި އުފެއްދެވީ ޚަރަދު ކުޑަކުރުމަށްޓަކައި ބައެއް ކުންފުނިތައް އުވާލައި، މުވައްޒަފުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި


ރައީސް ޑރ. މުހައްމަދު މުއިއްޒު | ރައީސް އޮފީސް
ޚަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނާ ދަނޑިވަޅެއްގައި އަނެއްކާ ވެސް އައު ކުންފުންޏެއް، ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ކުންފުނީގެ ޤާނޫނުގެ 15 ވަނަ މާއްދާއިން ރައީސް އަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، "މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އެމަނިކުފާނު ހޮނިހިރު ދުވަހު އުފައްދަވާފައިވާ ކަމަށެވެ.
ރައީސްގެ ގަރާރަކުން އުފެއްދެވި މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފުތައް ބިނާކުރުމާއި، އެފަދަ ވަޤުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ.
އޭގެ އިތުރުން މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމުގެ އެންމެހައި މަސައްކަތްކުރުމާއި، މިސްކިތްތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ގާއިމުކޮށް ތަރައްޤީކުރުމުގެ މަސައްކަތާއި، އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން ވެސް ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ނަމަވެސް ޚަރަދު ކުޑަކުރުމަށް ކަމަށް ބުނެ މި ސަރުކާރުން ވަނީ ފެނަކަ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލަން ނިންމާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ފެނަކައިގެ ދަށުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށާއި އާރުޑީސީން ކުރަމުންދިޔަ މަގު ހެދުމުގެ މަސައްކަތްތައް އެމްޓީސީސީ އަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ކުންފުނިތަކަށް ގެންނަ ބަދަލާއެކު ޚަރަދު ކުޑަކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ގިނަ އަދަދެއްގެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އޭގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ދަނީ ރަށްރަށުން ސަރުކާރުގެ އެސްއޯއީތަކަށް ނަގާފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން އެއް ފަހަރާ ވަޒީފާއިން ވަކިކުރަމުންނެވެ. އަނެއްކޮޅުން ސަރުކާރުން ބޭނުންވާ ތަންތަނުގައި ވަޒީފާތައް އުފައްދައި މަގާމުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާކަން ފާހަގަކުރެވެ އެވެ.
ޚާއްސަކޮށް، ރައީސްގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ އެކި ފަރާތްތަކަށް ވަޒީފާތައް ބަހަމުންދާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.











