ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް
13 ސެޕްޓެމްބަރު 2026 | އާދީއްތަ 08:35ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ދޮގުވެރިއެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި، އެމަނިކުފާނުގެ ފޮޓޯއާއެކު "ކައްޒާބު" ލިޔެފައިވާ ބޯޑުތައް ރަށްރަށުގެ ބަނދަރުމަތީގައި ހަރުކުރަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ. ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދައި މަޝްރޫއުތައް ހުއްޓިފައިވާތީ، ރައީސަކީ އިތުބާރު ނެތް ބޭފުޅެއްކަން އާންމުންނަށް އަންގައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި


ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | ރާއްޖެއެމްވީ
މިއަދު ކުރަންވީ އެންމެ މުހިއްމު އެއް ކަމަކީ ކޮންމެ ރަށެއްގެ ބަނދަރުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯ ހަރުކޮށް، އެ ފޮޓޯގައި ކައްޒާބު ލިޔެ، އެ ފެންނާނެ ގޮތަކަށް ބެހެއްޓުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސް މުއިއްޒަކީ ދޮގު ހަދާ ވެރިއެއްކަން މިއަދު ހުރިހާ ރައްޔިތުން ވެސް ގަބޫލު ކުރާނެ ކަމަށެވެ. އަދި އެމަނިކުފާނު ނުކުރައްވާނެ ކަމަށް ވިދާޅުވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި، ކުރައްވާނެ ކަމަށް ވިދާޅުވާ ކޮންމެ ކަމެއް ނުކުރައްވާނެކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި، އެ ރަށްރަށުގެ ކައުންސިލްތަކުން އަދި މަދަނީ ޖަމިއްޔާތަކުންނާއި ސްކޫލުތަކުން އިސްނަގައިގެން ދުއާ އަދި ޒިކްރު ބޯޑުތަކާ ނަސޭހަތުގެ ބޯޑުތައް ބަހައްޓާފައިވާ މަންޒަރު ފެންނަ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. އަދި އެފަދަ ގޮތަކަށް "ކައްޒާބު" ޖެހުމަށްފަހު ރައީސް މުއިއްޒުގެ ފޮޓޯ ރަށްރަށުގައި ހަރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އަސްލު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ކުރަންވީ ކަމަކީ ރައީސް މުއިއްޒުގެ ފޮޓޯ، ކައްޒާބު ޖަހާފައި ރަށްރަށުގައި ޖަހަންވީއޭ. ދެން އެއާ ގުޅުން ހުރި ގުރުއާންގެ އާޔަތްތައް ލިޔެފައި. އެއީ ކަންނޭނގެ ކުރަން ވީ ކަމަކީ. އަޅުގަނޑަށް ހިޔެއް ނުވޭ ރާއްޖޭގެ އެއްވެސް ރައްޔިތަކު ރައީސް މުއިއްޒަކީ ދޮގު ނަހަދާ މީހެއް ކަމަށް ގަބޫލު ކުރާނެ ހަމަ އެއްވެސް މީހަކު ނުހުންނާނެ. ވަރަށް ގިނަ ކަންކަމުގައިމައުރޫފް ޒާކިރު
ރައީސް މުއިއްޒު އެކި ރަށްރަށަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ އެތައް ކަމެއް ހުރި ކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ އެއްވެސް ކަމެއް ނުނިމޭ ކަމަށެވެ. ހުރިހާ މަޝްރޫއުތައް ހުއްޓިފައިވާއިރު ރައްޔިތުންނަށް އެނގި ސާފުވާ ކަމަކީ ރައީސް މުއިއްޒު އަކީ ދޮގުވެރިއެއްކަން ކަމަށް މައުރޫފް ތަކުރާރުކޮށް ވިދާޅުވި އެވެ.
އަނެއްކާ ރަށްރަށަށް ގޮސް، ރަށްރަށަށް ވީ ވައުދުތައް، މިވެނި ދުވަހެއްގައި އަޅާދޭނަން، މިވަނި ދުވަހެއްގެ ކުރިން ނިންމަދޭނަން. ކިތައް ސްކޫލް އެބަހުރި މި އަންނަ އަހަރު ތައުލީމު ހާސިލުކުރަން ފަށާނީ އެ ސްކޫލުގައޭ ބުނެފައި ހުރި ރަށްރަށް. ރައްޔިތުންގެ ކުރިމަތީގަ ބޮޑެތި ދޮގު ހަދަނީ. އެހެންވީމާ ރައްޔިތުން ވެސް މިއަދު ގަބޫލު ކުރާނެ މިހާވަަށް ދޮގު ހަދާ މީހަކު، މީ ދޮގުވެރިއެއްކަން، ކައްޒާބެއްކަން ބުނެދިނުމަށްޓަކައި ހަމަ ބޮޑެތި ބޯޑުތައް ރައީސް މުއިއްޒުގެ ފޮޓޯ ޖަހާފަ އެއާ ގުޅުން ހުރި އާޔަތްތައް ލިޔެފައި ކޮންމެ ރަށެއްގެ ބަނދަރުގައި އަޅުގަނޑުމެން ޖަހަން ޖެހޭ ކަމެއް މިއީމައުރޫފް ޒާކިރު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްރޫއުތައް ހުއްޓިފައިވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް، ތަރައްގީގެ އެއްވެސް މަޝްރޫއެއް މި ސަރުކާރުން ކުރިއަށް ނުގެންގޮސް، ތަފާތު އެކި ބަހަނާތައް ދައްކަމުންދާ ކަމަށް ބުނެ ރައްޔިތުންގެ ޝަކުވާގެ އަޑުތައް ދަނީ ގަދަވަމުންނެވެ.











