ނުއަގުގައި ހުޅުމާލޭން ގޯތި ވިއްކިޔަސް، އެ މުއާމަލާތް ހުއްޓާލާކަށް އޭސީސީއިން އަދިވެސް ނާނގާ!
11 ސެޕްޓެމްބަރު 2026 | ހުކުރު 06:48ހުޅުމާލެއިން ކުޑަ އަގަކަށް ބިމެއް ވިއްކަން ނިންމީ 2003 ވަނަ އަހަރުން ފެށިގެން ހައްލުނުވެ އޮތް މައްސަލައަކާ ގުޅިގެން ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައި، މި މުއާމަލާތުގައި ގޯހެއް އުޅޭތޯ ބެލުމަށް މިނިސްޓްރީން އަމިއްލައަށް އޭސީސީއަށް ހުށަހަޅާފައިވާއިރު، އެ މަސައްކަތް ހުއްޓާލުމަށް އެ ކޮމިޝަނުން އަދި އަންގާފައެއް ނުވޭ. މި ބިން ދޫކުރަން ނިންމީ ގުޅިފަޅުން ލިބުނު ގޯތި ދޫކޮށްލުމަށް އެއްބަސްވުމުން


އޭސީސީގެ ރައީސް | ރާއްޖެ އެމްވީ
ކުޑަ އަގެއްގަ ބިމެއް ވިއްކިކަން ފަޅާއަރާފައިވާއިރު، އެ މުއާމަލާތް ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާތަނަށް ވެސް އަންގާފައިނުވާކަން ހާމަވެއްޖެ އެވެ.
ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަތަރު ލައްކަ ރުފިޔާއަށް އަހުމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް ގޯއްޗެއް ވިއްކަން ނިންމާފައިވަނީ 23 އަހަރުވީ މައްސަލައެއްގެ ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށާއި މިނިސްޓްރީގެ އެ ނިންމުމުގައި ގޯހެއް އުޅޭނަމަ އެކަން ކަށަވަރުކުރުމަށް އެ މުއާމަލާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމައިފައިވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މިނިސްޓްރީގެ އިންޓާނަލް މެމޯއަކީ 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިންގި "ރަށުތެރެއިން ވިއްކާ 56 ގޯތި" ސްކީމުގެ ދަށުން ހުޅުމާލެ ފޭސް އެކަކުން ގޯތި ލިބުނު އަޙްމަދު ޒާހިރުގެ މައްސަލައާ ގުޅޭ ލިޔުމެއް ކަމަށެވެ.
މި ބިމަކީ 904 އަކަ ފޫޓުގެ ބިމެއް ކަމަށާއި، އެ ބިމުގެ އަގަކީ 339،000 ރުފިޔާކަން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުން 24 ޑިސެންބަރު 2003 ގައި ދޫކޮށްފައިވާ ލިޔުމުން އެނގެން އޮތް ކަމަށް ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެ ގޯތި އަހުމަދު ޒާހިރަށް ހަވާލުކޮށްދޭން އޭނާ ތަކުރާރުކޮށް އެދިފައިވީ ނަމަވެސް ހަވާލުކޮށްފައި ނުވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މި މައްސަލައަށް މި ސަރުކާރުން ހައްލެއް ހޯދައިދޭން ނިންމީ އޭނާ ގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން ބިން ވިއްކުމަށް ވެފައިވާ އެއްބަސްވުމުގެ ކޮމަރޝަލް ޓާމްސްތަކަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތަކަށް ދީފައިވާ ބިމުގެ އެއްބަސްވުން ބާތިލުކުރުމުން ހުސްކޮށް އޮތް ބިން އަހުމަދު ޒާހިރުއަށް ވިއްކަން ނިންމީ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ބިން އޭނާއަށް ވިއްކަން ނިންމީ، ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އޭނާއަށް ލިބިފައިވާ ޕްލޮޓްގެ އެންމެހައި ހައްގުތައް ދޫކޮށްލަން އެއްބަސްވުމުން ކަމަށް ވެސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ މުއާމަލާތް ކުރިއަށް ގެންދާނީ އޭސީސީގެ ލަފަޔަށް އެދި ހުށަހަޅައި، އެ ކޮމިޝަނުގެ ހޯދުމަށްފަހުކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ކަންކަމުގައި އަމަލުކޮށްފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަން ކަށަވަރުކުރުމަކީ މުހިންމު ކަމަކަށްވާތީ މިނިސްޓްރީން އިސްވެ އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އެހެންނަމަވެސް އޭސީސީން ވަނީ އެ ގޯތި ވިއްކުމުގެ މުއާމަލާތް ހުއްޓާލަން އަންގާފައިނުވާނެކަމަށް މީޑިއާތަކަށް މައުލޫމާތު ދީފަ އެވެ.










